ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ހިޔާނާތާއި މަކަރާއި ހީލަތް ހެދުމާއި މަނީ ލޯންޑަރިންގެ ތުހުމަތުކޮށް، ދައުވާކޮށްދޭން އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނަމިކް ކްރައިމް އިންވެސްޓިގޭޝަންގެ ޑިޕާޓްމަންޓުގެ ފަރާތުން ސަބް އިންސްޕެކްޓަރު އަހުމަދު ސަވާދު ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ފުޓްބޯޅަ ކްލަބުތަކަށް ދިމާވީ މާލީ ދަތިތަކަށް އެހީތެރިވުމުގެ ގޮތުން ފީފާއިން ވަނީ އެފްއޭއެމްއަށް 1.9 މިލިއަން ޑޮލަރު ލޯނުގެ ގޮތުގައި ދޫކޮށްފައި ކަމަށެވެ. އެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ބޭނުން ކޮށްގެން ބައްސާމް ވަނީ އަމިން އެވެނިއުއަށް ދައްކައިފައި ކަމަށެވެ.

އަހުމަދު ސަވާދު ވިދާޅުވީ އެ ފައިސާއަކީ އަމިން އެވެނިއުއިން އެޕާޓްމެންޓެއް ގަތުމަށް ބައްސާމް ދެއްކި ފައިސާއަށް ކަމަށްވިޔަސް މަސައްކަތް ކޮށްފައިވަނީ އެއީ ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއްގެ ގޮތުގައި ދެއްކުމަށް ކަމަށެވެ. އެގޮތުން އެއް މިލިއަން ޑޮލަރަށްވާ ދިވެހި ރުފިޔާ އެފްއޭއެމް އަށް ދީފައި ނުވި ނަމަވެސް އެ ފައިސާ ދިންކަން ދެއްކުމަށް ލިޔުންތައް ހަދާފައިވާ ކަމަށް އަހުމަދު ސަވާދު ވިދާޅުވިއެވެ.

"މި ދެންނެވި މުއާމަލާތަކީ ކޮވިޑް ރިލީފް ލޯނެއްގެ ގޮތުގައި އެފްއޭއެމްއަށް 2021 އެޕްރީލް 14 ވަނަ ދުވަހު ފީފާއިން ޖަމާކޮށްފައިވާ 1،019،950 ޔޫއެސް ޑޮލަރުގެ ތެރެއިން އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ފައިސާއެއްކަން އަޅުގަނޑުމެންނަށް މި ފާހަގަކުރެވޭ،"

"މިހާތަނަށް ބެލި ބެލުމުން މި މުއާމަލާތާ ގުޅޭ ދިވެހި ރުފިޔާ ދައްކާފައިވާކަން ދެއްކުމަށްޓަކައި ލިޔެކިޔުން ތައްޔާރުކޮށްފައިވާކަން ވެސް ވަނީ ފާހަގަ ކުރެވިފައި. މި ފައިސާ އެފްއޭއެމަށް ލިބިފައިވާކަން ދެއްކުމަށްޓަކާ ކުންފުންޏެއް މެދުވެރިކޮށް، ލޯނު ނަގާފައިވާކަން ވެސް އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ. އަދި މި ލޯނުގެ ފައިސާގެ އަދަދާއި އަމިން ކޮންޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ފައިސާ ދައްކާފައިވާ ރިސިޕްޓުތަކުގައި ބަޔާންކޮށްފައިވާ ފައިސާގެ އަދަދާ ދިމާވާކަން ވެސް އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ،" ސަވާދު ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ކުންފުންޏެއްގެ މައްޗަށް ވެސް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއީ ބައްސާމް، މ. ހިރިނައިދޫ، ހަސަން ވަހީދު 49، އާއި ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލް، 35، އެވެ. އަދި ވަނީ އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ވެސް ދައުވާކޮށްދިނުމަށް އެދި ފޮނުވައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ފަރާތްތަކަށް ތުހުމަތުކުރެވެނީ އޮޅުވާލުމާއި މަނީ ލޯންޑަރިންނާއި ހިޔާނާތުގެ ކުށް ކަމަށް އަހުމަދު ސަވާދު ވިދާޅުވިއެވެ.