ރާއްޖޭގައި ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕްގައި ސްރީލަންކާގެ އެއާ ފޯސް އަތުން ބަލިވެ، ރާއްޖޭގެ ޕޮލިސް ކްލަބަށް ފައިނަލުގެ ޖާގައެއް ހޯދުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގައި ސްރީލަންކާ އެއާ ފޯސް ޓީމު އަތުން ޕޮލިސް ބަލިވީ ސީދާ ތިން ސެޓުންނެވެ. އެއާއެކު ޕޮލިހުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗަކުން ވަނީ ބަލިވެފައެވެ. ލަންކާ އެއާ ފޯސް ބަލިވެފައިވަނީ ހަމައެކަނި ރާއްޖޭގެ ކްލަބު ވެމްކޯ އަތުންނެވެ.
ރޭގެ މެޗުގައި ވެސް ޕޮލިހުން ރާއްޖޭގެ ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ފެނިގެންދިޔައެވެ. އެގޮތުން ޕޮލިސް ކްލަބުން ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) ގެ އިތުރުން، ދާދިފަހުން ނިމިގެންދިޔަ ކާވާ ވިމެންސް ޗެލެންޖް ކަޕުގައި ރާއްޖޭގެ ޓީމުން ވިދާލި ޝަހާ ޝާމިން އަދި އައިމިނަތު އަރީޝާ ވެސް ފެނިގެންދިޔައެވެ. ބިދޭސީ ކުޅުންތެރިންގެ ގޮތުގައި އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ކިރިގިސްތާންގެ ރޯޒާ އަދި ސައިކްލް ވެސް ޕޮލިސް ޓީމުން ފެނިގެންދިޔައެވެ.
މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅުގައި ޕޮލިސް ކްލަބުން ލީޑުގައި އޮޔް ނަމަވެސް، އެއާ ފޯސް ޓީމުން އެޓޭކުތައް ވަރުގަދަކުރުމުން ގޮސް ބޮޑު ލީޑެއް ނެގިއެވެ. ޕޮލިހުގެ ރޯޒާ އަދި ސައިކްލްގެ ހަމަލާތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފިފައި ނުވާ އިރު، އެއާ ފޯސް ޓީމުން ފުރަތަމަ ސެޓު ނިންމާލީ 25-12 އިންނެވެ.
މެޗުގެ ދެވަނަ ސެޓު އެއާ ފޯސް ޓީމުން ފެށީ ވަރުގަދަ ކުޅުމަކާއެކުއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ކުރީކޮޅު ޕޮލިހަށް އެއްވެސް ޕޮއިންޓެއް ނުދީ، އެއާ ފޯސް ޓީމުން ފަސް ޕޮއިންޓުގެ ލީޑެއް ހޯދިއެވެ. އިތުރަށް ލީޑު ފުޅާކުރަމުންދިޔަ އެއާ ފޯސް ޓީމުން ދެވަނަ ސެޓު ގެންދިޔައީ 25-15 އިންނެވެ.
ތިންވަނަ ސެޓު ގެންދިއުމަށް މަޖުބޫރުވި ޕޮލިހަށް ސެޓުގެ ފެށުން ރަނގަޅަށް ދިޔަ ނަމަވެސް، މާގިނައިރުތަކެއް ވަންދެން ލީޑުގައި ހިފެހެއްޓިފައެއް ނުވެއެވެ. ޕޮލިހުގެ ހައްވަ އާއި ޝަހާ އާއި ސައިކްލް އަދި ރޯޒާގެ ގިނަ ހަމަލާތަކެއް އެއާ ފޯސް ޓީމުން ބްލޮކްކުރަމުން ދިއުމުން ޕޮލިހަށް އުނދަގޫތަކަކާ ކުރިމަތިވިއެވެ. އެއާ ފޯސް ޓީމުން މެޗު ކާމިޔާބުކުރީ ތިންވަނަ ސެޓު 25-19 އިން ގެންގޮސްގެންނެވެ.
ޕޮލިސް ކްލަބަށް ކުރިއަށްއޮތީ ވަރުގަދަ ދެ މެޗު ކަމަށްވުމުން ފައިނަލަށް ދިއުމަށް ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. ޕޮލިހަށް ދެން އޮތީ ނޭޕާލް ޕޮލިސް ކްލަބާ ދެކޮޅަށް ކުޅޭ މެޗާއި އުޒްބެކިސްތާންގެ ހޫމޯ ވީސީއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ތެރެއިން ނޭޕާލް ޕޮލިހުން މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފައިވާ އިރު، ހޫމޯ ބަލިވެފައިވަނީ ހަމައެކަނި ނޭޕާލް ޕޮލިސް އަތުންނެވެ.
މި މުބާރާތުގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މާދަމާ މެންދުރުފަހު 1:30 ގައި ކުޅޭ މެޗުގައި ލަންކާ އެއާ ފޯސް އާއި ތަޖިކިސްތާންގެ ޑައިމްޑް ބައްދަލުކުރާ އިރު، މާދަމާ ހަވީރު 4:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖޭގެ ޕޮލިސް ކްލަބާއި އުޒްބެކިސްތާންގެ ހޫމޯ ވީސީއެވެ. އަދި މާދަމާ ރޭ 8:15 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ނޭޕާލް ޕޮލިސް ކްލަބާއި ރާއްޖޭގެ ވެމްކޯއެވެ.
ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕް
ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕް
ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕް
ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕް