ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ އައްބާސް ޝަރީފާއި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުންފުނީގެ ގާނޫނުގެ ކޮމިޓީ ރިޕޯޓް ހުށަހެޅުމަށްފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ މެދުކަނޑާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ ދައުރުން ބޭރުން ބާއްވާ ތިންވަނަ ޖަލްސާއެވެ. މިއަދުގެ ޖަލްސާއަކީ ޕީޖީގެ މަގާމަށް އައްބާސް އައްޔަންކުރަން ފެންނަ ކަމަށް ރުހުން ދިނުމަށާއި ކުންފުނީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކުރުމަށް ބާއްވާ ޖަލްސާއެކެވެ.
ޕީޖީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން، އައްބާސް ޝަރީފާއެކު ފަސް ބޭފުޅުން އެ މަގާމަށް ކުރިމަތިލެއްވިއެވެ. އެ ބޭފުޅުންނަކީ:
- މަރްޔަމް ނިހާޔަތު، މ. ތާޖް
- އަހްމަދު ހައިލަމް، އޯޝަންލީޑް/ހިތަދޫ
- އަލީ ސަމީރު، މއ. ވޭސައިޑް 610 ފްލެޓް
- އަހްމަދު ޔާމީން، ހ. ދިއްލީގެ
- އިބްރާހިމް އަލީ، ހުޅުމާލެ ހިޔާ 6-13-02
މި ބޭފުޅުންގެ ތެެރެއިން ޕީޖީގެ މަގާމަށް އައްބާސް އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ދެއްވުމަށް އެދި ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅާ ގުޅިގެން މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ވަނީ ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް ބާއްވައިފައެވެ. އެ ޖަލްސާގައި ރައީސް ފޮނުއްވި ސިޓީފުޅު އިއްވެވުމަށްފަހު އައްބާސްގެ ނަން އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވިއެވެ. އެކަމާ ގުޅިގެން އައްބާސްއާ ގުޅޭ މައްސަލައެއް އޮތް ނަމަ އިއްޔެ މެންދުރު 12:00ގެ ކުރިން މަޖިލީހަށް ހުށަހެޅުމަށް ކޮމިޓީން އާއްމުކޮށް ހުޅުވައިލިއެވެ.
އެ މުއްދަތު ހަމަކޮށް ޕީޖީކަމުގެ ޝަރުތު ފުރިހަމަވޭތޯ އިއްޔެ ކޮމިޓީން ވަނީ އައްބާސްއާ އިންޓަވިއުކޮށްފައެވެ. އަދި ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޓެންޓްގެ މަގާމުގައި މި ވަގުތު ހުންނެވި އައްބާސް އަށް ރުހުން ދޭން ޖުޑިޝަރީ ކޮމިޓީން އިއްޔެ ނިންމިއެވެ.
ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވީ، އައްބާސްއާ ގުޅޭ ގޮތުން މައްސަލަ ހުށަހެޅުމަށް އާންމުކޮށް ހުޅުވާލި ފުރުސަތުގައި އެއްވެސް ޝަކުވާއެއް ލިބިފައިނުވާ ކަމަށެވެ.
ކުންފުނީގެ ގާނޫނުގެ 100 ވަނަ މާއްދާއާއި 113 ވަނަ މާއްދާއާއި 126 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ބިލު ހުށަހަޅުއްވީ އިއްޔެގެ ޖަލްސާއަށެވެ. އެ ބިލަށް ބަހުސް ކުރެއްވުމަށްފަހު އިއްޔެގެ ޖަލްސާގައި މަޖިލީހަށް ބިލު ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް އިގުތިސާދީ ކޮމިޓީއަށް ފޮނުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު އިގުތިސާދީ ކޮމިޓީން ދިރާސާކޮށް މަޖިލީހަށް ފޮނުވި ރިޕޯޓާއި ޕީޖީގެ މަގާމަށް އައްބާސް އައްޔަންކުރަން ފެންނަ ކަމަށް ފާސްކޮށްފައިވާ ކޮމިޓީ ރިޕޯޓު މަޖިލިސް ތަޅުމަށް ހުށަހެޅުއްވީ އެ ކޮމިޓީތަކުގެ މުގައްރިރުންނެވެ.
ފުރަތަމަ ތަޅުމަށް ހުށަހެޅި ކުންފުނީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ކޮމިޓީ ރިޕޯޓަށް ބަސްކުރުމަށް ފުރުސަތު ހުޅުވައިލި ނަމަވެސް އެއްވެސް މެންބަރަކު ވާހަކަ ދައްކަން ބޭނުންފުޅެއް ނުވިއެވެ. އައްބާސްއަށް ރުހުން ދިނުމާ ގުޅޭ ގޮތުން ހުށަހެޅި ކޮމިޓީ ރިޕޯޓަށް ވާހަކަދެއްވީ، އެމްޑީޕީގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އާއި އެމްޑީއޭގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްއެވެ.
އިތުރު މެންބަރަކު ވާހަކަ ދައްކަން އެދިފައިނުވާތީ 9:16 ގައި ޖަލްސާ މެދުކަނޑުއްވައި ލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މިއަދު 11:00 ގައި އެ ދެ ރިޕޯޓަށް ވޯޓަށް އައްސަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު