ރެއާލް މެޑްރިޑުގެ އުމުރުން 18 އަހަރުގެ ބްރެޒިލް ފޯވަޑް އެންޑްރިކް ކައިވެނިކޮށްފިއެވެ.

އެންޑްރިކްގެ ލޯބިވެރިޔާ، އުމުރުން 20 އަހަރުގެ ގެބްރިއަލީ މިރޭންޑީއާ ކައިވެނިކޮށްފައިވަނީ ސްޕެއިންގައި ބޭއްވި ހަފުލާއެއްގައެވެ. އެ ދެ މީހުން ކައިވެނިކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރެއްހާ ދުވަހަށްފަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކައިވެންޏަށްފަހު އެންޑްރިކްއާއެކު ނެގި ފޮޓޯތަކެއް ގެބްރިއަލީ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައެވެ. އެ ފޮޓޯތަކާއެކު އޭނާ ޖެހި ކެޕްޝަނުގައި ވަނީ، އެންމެ ފަހުން ދެ މީހުންނަށް ކައިވެނިކުރެވިފައިވާ ކަމަށާއި ވަކިވުމެއް ނެތި އެކުގައި ދެމިހުންނާނެ ކަމަށެވެ.

އުމުރުން 16 އަހަރުގައި އެންޑްރިކް ރެއާލަށް ސޮއިކުރީ 2022 ވަނަ އަހަރުގެ ފަހުކޮޅުއެވެ. އެންޑްރިކް ރެއާލަށް އޭރު ސޮއިކުރި ނަމަވެސް، އޭނާ ސްޕެއިނަށް ގޮސް ރެއާލްއާ ގުޅުނީ އުމުރުން 18 އަހަރު ވުމުންނެވެ. އެއީ ފީފާގެ އުސޫލުތައް އޮންނަ ގޮތުން، ޔޫރަޕުން ބޭރުގެ ކުޅުންތެރިޔަކު، ކްލަބަކަށް ސޮއިކުރި ނަމަވެސް އެ ކްލަބަކަށް ގޮސް ކުޅެވޭނީ 18 އަހަރުވުމުންނެވެ. އެއީ ޅަ އުމުރުގައި ދިމާވެދާނެ ބުލީކުރުމާއި އެހެނިހެން މައްސަލަތަކުން ކުޅުންތެރިން ސަލާމަތްކުރުމަށް ހަދާފައިވާ ހަރުކަށި އުސޫލެކެވެ.

ރެއާލަށް އެންޑްރިކް ކުޅެން ފަށާފައިވަނީ މިސީޒަނުން ފެށިގެންނެވެ. މިހާތަނަށް ރެއާލަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައިނުވާ އެންޑްރިކް، މިސީޒަނުގެ ސްޕެނިޝް ލަލީގާގައި މިހާތަނަށް ކުޅުނީ ޖުމުލަ ދިހަ މިނެޓެވެ. އެއީ ހަތަރު މެޗެއްގައި ފަހު ވަގުތު ކުޅެން ނުކުމެވެގެންނެވެ. ނަމަވެސް އޭނާ ވަނީ ލަލީގާގައި ވިޔަޑޮލިޑްއާ ދެކޮޅަށް ކުޅެ، 3-0 ގެ ނަތީޖާއަކުން ރެއާލް މޮޅުވި މެޗުގެ ފަހުވަގުތު ގޯލެއް ޖަހައިފައެވެ.