ރާއްޖޭގައި ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ކްލަބު ވެމްކޯ އިން ކުޅުނު ދެވަނަ މެޗުން ވެސް މޮޅެއް ހޯދައިފިއެވެ.
ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގައި ވެމްކޯ އިން ނުކުތީ ރާއްޖޭގެ ޕޮލިސް ކްލަބާ ދެކޮޅަށެވެ. އެ މެޗަށް ދެ ޓީމުން ވެސް ފުރަތަމަ މެޗުން މޮޅެއް ހޯދައިގެން ނުކުތް އިރު، ވެމްކޯ އިން މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
ރޭގެ މެޗުގައި ދެ ޓީމުން ވެސް ރާއްޖޭގެ ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ފެނިގެންދިޔައެވެ. އެގޮތުން ޕޮލިސް ކްލަބުން ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) ގެ އިތުރުން، ދާދިފަހުން ނިމިގެންދިޔަ ކާވާ ވިމެންސް ޗެލެންޖް ކަޕުގައި ރާއްޖޭގެ ޓީމުން ވިދާލި ޝަހާ ޝާމިން އަދި އައިމިނަތު އަރީޝާ ވެސް ފެނިގެންދިޔައެވެ. އަދި ބިދޭސީ ކުޅުންތެރިންގެ ގޮތުގައި އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ކިރިގިސްތާންގެ ރޯޒާ އަދި ސައިކްލް ވެސް ޕޮލިސް ޓީމުން ފެނިގެންދިޔައެވެ.
ވެމްކޯ އިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ނިމިގެންދިޔަ މުބާރާތުގައި ރާއްޖެއަށް މޮޅު ކުޅުމެއް ދެއްކި ޖޫޒާން ޒަރީރާއި އައިޝަތު މާޖިދާ (މާޖި) އެވެ. އޭގެ އިތުރުން ވެމްކޯގެ ތައިލެންޑް ކުޅުންތެރިޔާ ކުޓިކާގެ ފެންވަރު ވެސް ފެނިގެންދިޔައެވެ.
ރޭގެ މެޗުގެ ފުރަތަމަ ސެޓުގައި ވެމްކޯ އިން ދިޔައީ ރަނގަޅަށް ފަށައި، ލީޑު ފުޅާކުރަމުންނެވެ. ތައިލެންޑުގެ ކުޓިކާގެ އެޓޭކުތައް ހުއްޓުވުމަށް ޕޮލިހަށް އުނދަގޫތަކެއް ކުރިމަތިވި އިރު، ޖޫޒާންގެ ސާވިސްތަކާއި މާޖިގެ ހަމަލާތައް ހުއްޓުވުމަށް ވެސް އުނދަގޫތަކެއް ކުރިމަތިވިއެވެ. މެޗުގެ ފުރަތަމަ ސެޓު ވެމްކޯ އިން ގެންދިޔައީ 25-15 އިންނެވެ.
މެޗުގެ ދެވަނަ ސެޓުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ވެމްކޯ އިން ކުޅުން ވަރުގަދަކުރަމުން ގޮސް ލީޑު ނެގިއެވެ. އެ ސެޓުގައި ވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ކުޓިކާގެ ބާރު ހަމަލާތަކެވެ. ޕޮލިހަށް ރަނގަޅު މަސައްކަތެއް ނުކުރެވި، ދެވަނަ ސެޓު ނިމިގެންދިޔައީ 25-18 އިން ވެމްކޯ ކުރީގައި އޮވެގެންނެވެ.
ތިންވަނަ ސެޓުގައި ޕޮލިހުން މަސައްކަތްތަކެއް ކުރި ނަމަވެސް، ގިނަ ވަގުތު ލީޑުގައި ހިފެހެއްޓުމަށް އުނދަގޫތަކަކާ ވަނީ ކުރިމަތިވެފައެވެ. ޕޮލިހުގެ ރޯޒާ ފަދަ ކުޅުންތެރިންނަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާ އިރު، ވެމްކޯ އިން ދިޔައީ ވަރުގަދަ އެޓޭކުތަކާއެކު ލީޑު ފުޅާކުރަމުންނެވެ. ވެމްކޯ އިން މެޗު ކާމިޔާބުކުރީ 25-20 އިން ތިންވަނަ ސެޓު ގެންގޮސްގެންނެވެ.
އެ މެޗުގެ ކުރިން އިއްޔެ ވަނީ މުބާރާތުގައި ދެ މެޗެއް ކުޅެފައެވެ. އިއްޔެ މެންދުރުފަހު ކުޅުނު މެޗުގައި ސްރީލަންކާ އެއާ ފޯސްގެ މައްޗަށް ނޭޕާލް ޕޮލިސް ކްލަބުން ވަނީ ސީދާ ތިން ސެޓުން މޮޅުވެފައެވެ. ނޭޕާލް ޕޮލިސް ކްލަބުން ސެޓުތައް ގެންދިޔައީ 25-16، 25-20 އަދި 25-21 އިންނެވެ. އަދި އިއްޔެ ހަވީރު ކުޅުނު މެޗުގައި އުޒްބެކިސްތާންގެ ހޫމޯ އިން ވަނީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ތަޖިކިސްތާންގެ ޑައިމްޑް ބަލިކޮށްފައެވެ. ހޯމޯ އިން ސެޓުތައް ގެންދިޔައީ 25-11، 25-20 އަދި 25-12 އިންނެވެ.
މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މިމަހުގެ 21 ގެ ނިޔަލަށް ކުރިއަށްދާ ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕްގައި ޖުމުލަ ހަ ޓީމެއް ވާދަކުރެއެވެ. އެއީ ރާއްޖެއިން ކްލަބު ވެމްކޯ އާއި ޕޮލިސް ކްލަބުގެ އިތުރުން ނޭޕާލުގެ ޕޮލިސް ކްލަބާއި ސްރީލަންކާ އެއާ ފޯސް އާއި އުޒްބެކިސްތާންގެ ހޫމޯ ވީސީ އަދި ތަޖިކިސްތާންގެ ވީސީ ޑައިމްޑްއެވެ.
އެ މުބާރާތުގައި މިއަދު ވެސް ތިން މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު މެންދުރުފަހު 1:30 ގައި ކުޅޭ މެޗުގައި ނޭޕާލް ޕޮލިސް ކްލަބާއި ތަޖިކިސްތާންގެ ޑައިމްޑް ބައްދަލުކުރާ އިރު، މިއަދު ހަވީރު 4:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖޭގެ ވެމްކޯ އާއި އުޒްބެކިސްތާންގެ ހޫމޯ ވީސީއެވެ. އަދި މިރޭ 8:15 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖޭގެ ޕޮލިސް ކްލަބާއި ސްރީލަންކާ އެއާ ފޯސްއެވެ.
ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕް
ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕް
ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕް
ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕް