ކޮފީއަކަށް އަރައި އޭނާއަށް ގޮނޑީގައި ރަނގަޅަށް އިށީންދެ ނުލެވެ އެވެ. ޖީބުން ނަގައި ރޯކޮށްލީ ސިނގިރޭޓެކެވެ. ފުންކޮށް ހަށިގަނޑަށް ފޮނުވާލެވުނު ދުންބޮނޑިއާއެކު ހަމަޖެހިލި އެވެ. ކަޅު ކޮފީ ޖޯޑުގެ މެދަކާ ހަމައަށް ނުދެއެވެ. ފުލުފުލުގައި ތިން ސިނގިރޭޓު ހުލިކޮށްލައިފިއެވެ. ދެން ފެށީ އޭނާގެ އާންމު ޝަކުވާ އެވެ. ސިނގިރޭޓު ބޮވޭވަރު ގިނަކަމާއި އެކަމުގެ ހަރަދު ބޮޑު ވާހަކަ އެވެ. ހުއްޓާލާނެ ކަމުގެ ވައުދެވެ. އެ ވާހަކަ ދައްކަމުން އަތަށް ބިލެތްއަރިއެއް ހެޔޮވަރުކޮށްލައި އޭގެ މައްޗަށް ފުރެންދެން އެ އަޅާލީ ފޯކެވެ. ރަހަ ހެޔޮވަރުކޮށްލަން މައްޗަށް މުށެއްގެ ހީރާޕައްނާއެވެ. ރަނގަޅަށް އޮޅާލައި އަނގައަށް ޕަންޗުކޮށްލުމަށްފަހު އަނެއްކާވެސް ރޯކޮށްލީ ސިނގިރޭޓެކެވެ.
މިއީ އެކުގައި އުޅޭ ރައްޓެއްސެއްގެ އާންމު އާދައެވެ. ސިނގިރޭޓާއި ދުފުމާއި ސުޕާރީއަށް ދެވި ހިފައިފައެވެ. އެނާޖީ ޑްރިންކްސް ފަދަ ހަކުރު ގިނައިން އަޅާފައި ހުންނަ ބުއިންތައް ބޭނުން ކުރުމަކީ އާންމު ކަމެކެވެ.
މި ޖީލަށް ބަލާ ނަމަ ވޭޕް ކުރުން ދެ ޖިންސުގެ ތެރޭގައިވެސް އާންމެވެ. މިއީ މިހާރުގެ ހާލަތަށް ބަލާއިރު ދިވެހިންގެ ވިސްނުމާއި ސިއްހަތަށް އޮތް އެންމެ ބޮޑު އެއް ގެއްލުމެވެ. ނުރައްކަލެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން 2018 ވަނަ އަހަރު ނެރެފައިވާ ތަފާސް ހިސާބުގައިވާ ގޮތުން ރާއްޖޭގައި މަރުވާ މީހުންގެ ތެރެއިން 84 ޕަސެންޓަކީ ގައިންގަޔަށް ނާރާ، ދިރިއުޅުމުގެ އާދަތަކާ ގުޅުން ހުރި ބަލިތަކުގައި މަރުވާ މީހުންނެވެ. އޭގެ ތެރެއިން 17 ޕަސެންޓް މީހުން މަރުވަނީ ކެންސަރު ބަލީގައެވެ.
ސަރުކާރުގެ މައި ހޮސްޕިޓާ އައިޖީއެމްއެޗުން މީޑިއާތަކާ ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، 2020 ވަނަ އަހަރު އެވްރެޖުކޮށް ކޮންމެ މަހަކު 53 މީހުން މުޅިން އަލަށް ކެންސަރު ބަލި ޖެހިގެން އެ ހޮސްޕިޓަލުގައި ރަޖިސްޓްރީ ކުރެ އެވެ. އެއީ އަހަރަކަށް ބަލާނަމަ 636 ކޭހެވެ. ރާއްޖޭގައި ކެންސަރު ޖެހިފައިވާ މީހުންގެ ދަފުތަރެއް އެކުލަވާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މި އަހަރު ފެށި މަސައްކަތުގައި އެ ދަފުތަރުގައި މިހާރު ވެސް 1،400 އަށް ވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ. އެއީ އައިޖީއެމްއެޗް އާއި ހުޅުމާލޭ ހޮސްޕިޓަލުން ރަޖިސްޓްރީ ކުރި އަދަދު އެކަންޏެވެ.
ކެންސަރުގެ އެތައް ވައްތަރެއް ރާއްޖޭގައި އާންމެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން 2020 ވަނަ އަހަރު ބުނެފައިވާ ގޮތުން ދެ ޖިންސުގެ ދިވެހީންނަށްވެސް އާންމުކޮށް ޖެހޭ ކެންސަރުތަކުގެ ތެރޭގައި އަނގައިގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރު އަދި ތައިރޮއިޑް ކެންސަރު ހިމެނެ އެވެ. އޭގެ ތެރެއިންވެސް އެންމެ ގިނައީ ދުފުމާއި ސުޕާރީ ކެއުން ފަދަ ކަންކަމުން ޖެހޭ އަނގައިގެ ކެންސަރެވެ. އެކަން އެނގެނީ އާސަންދަ އަދި އެންސްޕާ އިން 2016 ވަނަ އަހަރު އާންމުކުރި ތަފާސް ހިސާބުތަކުންނެވެ.
ޑަބްލިޔުއެޗްއޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެކުނު އޭޝިއާ ސަރަހައްދުގައި އާބާދީގެ ނިސްބަތުން އަނގައިގެ ކެންސަރު ޖެހިފައިވާ އެންމެ ގިނަ މީހުން ތިބީ މި ކުޑަ ރާއްޖޭގަ އެވެ. ރާއްޖޭގައި މަރުވާ މީހުންގެ 1.24 ޕަސެންޓަކީ އަނގައިގެ ކެންސަރު ޖެހިގެން މަރުވާ މީހުންނެވެ.
އެޗްޕީއޭ އިން މިދިޔަ އަހަރު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ 25.7 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލުކުރެ އެވެ. އެއީ ކޮންމެ ހަތަރު މީހަކުން އެކެކެވެ. އޭގެ ތެރޭގައި ވެސް ގިނައީ ފިރިހެނުންނެވެ. ދުންފަތުގެ އިސްތިއުމާލުކުރާ 35.6 ޕަސެންޓަކީ ފިރިހެނުންނަށް ވާއިރު، ދިވެހި ފިރިހެނުންގެ މެދުގައި ފުއްޕާމޭގެ ކެންސަރު ގިނަ ސަބަބަކީވެސް އެއީ އެވެ. ދުންފަތުގެ އިސްތިއުމާލުކުރާ އަންހެނުންގެ އަދަދު ހުރީ 7.6 ޕަސެންޓުގަ އެވެ.
އޭގެ އިތުރުން ރާއްޖޭގައި ކުޑަކުދިންގެ އާބާދީގެ ބޮޑު ބައެއް ދުންފަތުގެ ބާވަތްތައް ބޭނުންކުރާކަންވެސް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ދެން އަންނަ ދިރާސާއަކުން އެ މިންވަރަށް ބަދަލުތަކެއް އައުން ވަރަށް އެކަށީގެންވެ އެވެ. އެއީވެސް އޮތް ނުރައްކަލެކެވެ.
ބައްޔެއްގެ އިންޒާރެއް ނުލިބި ޒުވާން އުމުރުގައި ކުއްލިއަކަށް މަރުވުން ރާއްޖޭގައި އާއްމުވަމުންދާކަން މި ފަހުން ހިނގާފައިވާ ހާދިސާތަކުން އެނގެ އެވެ. ހާއްސަކޮށް ގޮތް ނޭނގޭ މަރުތަކުގައި ޒުވާނުން މަރުވާ މިންވަރު އިތުރެވެ. އެއާއެކު ޒުވާން އުމުރުގައި ކެންސަރުގެ އިތުރުން ކިޑްނީ ފެއިލިވުން ފަދަ ބޮޑެތި ވޭން ތަހައްމަލު ކުރަން ޖެހޭ ބަލިތަކުގެ ޝިކާރައަކަށްވާ ޒުވާނުން ވެސް ދަނީ އިތުރުވަމުންނެވެ.
އެ މައްސަލަ ޖުމުލަ ގޮތަކަށް އެނގޭނެ ތަފާސްހިސާބެއް ނެތެވެ. ނުވަތަ އާއްމުކޮށްފައެއް ނުވެ އެވެ. އަދި މިކަން ބަލައި ދިރާސާކޮށް ސަބަބުތައް ދެނެގަންނަން ސިއްހީ ދާއިރާއިން މަސައްކަތްކުރާ ކަމެއްވެސް އެނގިފައެއް ނުވެ އެވެ. ނަމަވެސް ސިއްހީ ދާއިރާގެ ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެފަދަ ބަލިތައް ޖެހުމުގައިވެސް ދުންފަތާއި އެނާޖީ ޑްރިންކް މުހިއްމު ދައުރެއް އަދާކުރެ އެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމާއި ހިތުގެ ބަލި ފަދަ ސިއްހީ ނުރައްކާތަކުގެ ތެރޭގައި އުޅޭ މީހުންނަށް ކަސްރަތު ނުވަތަ ޖިސްމާނީ ހަރަކާތްތެރިކަމަކީ މަރުގެ އެތިފަހަރަކަށް ބައެއް ފަހަރު ވެގެންދެ އެވެ.
"ދުންފަތަކީ ވަރަށް ބޮޑު ސަބަބެއްކަން އެނގެން އެބަ އޮތް. އެނާޖީ ޑްރިންކްސްގައި ވަރަށް މަތީ އަދަދަކަށް މި އެކުލެވޭ ކެފެއިންއަކީ ވެސް (ކުއްލިއަކަށް މަރުވުމުގެ) ފުރުސަތު ވަރަށް ބޮޑުކޮށްފާނެ އެއްޗެއް، އެއިން ހިތަށާއި ލޭހޮޅިތަކަށް ކުރުވާ ކެމިކަލް އަސަރުތަކުގެ ސަބަބުން." މި މައްސަލައާ ގުޅިގެން އެޕިޑެމިއޮލޮޖިސްޓް ޑރ. އައިޝަތު އަރޫނާ މީޑިއާއަކަށް ވިދާޅުވެފައިވެ އެވެ.
ރާއްޖޭގައި ސިނގިރޭޓު ބޯ މީހުން މަދުކުރަން އެޅި ފިޔަވަޅުތަކަށް ބަލާއިރު ސިނގިރޭޓު އަގު ހަތަރު ވަރަކަށް ފަހަރު ބޮޑުކޮށްފި އެވެ. 2001 ވަނަ އަހަރު ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި ނަގާ މިންވަރު 30 ލާރިން 90 ލާރިއަށް ބޮޑުކުރި އެވެ. އޭގެ ފަހުން 2015 ވަނަ އަހަރު އެ އަދަދު ވަނީ 1.25 ލާރިއަށް ބޮޑުކޮށްފަ އެވެ. އަދި 2017 ވަނަ އަހަރު ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި ދެ ރުފިޔާ ނަގަން ފެށި އިރު، މިދިޔަ ސަރުކާރުގައި ކޮންމެ ސިނގިރޭޓަކުން އިތުރު އެއް ރުފިޔާ ބޮޑުކޮށް ތިން ރުފިޔާ ނަގަން ފެށި އެވެ. އަދުގެ ސަރުކާރުންވެސް ސިނގިރޭޓާއި އެނާޖީ ޑްރިންކުން ނަގާ ޓެކްސް ބޮޑުކުރުމުގެ ވާހަކަތަކެއް އެބަ ދައްކަ އެވެ.
ނަމަވެސް ކަންވެފައި ހުރި ގޮތުން، މި ކަންކަމަކީ ސިނގިރޭޓު ބޯ މީހުން މަދުކުރުމުގެ ނިޔަތަށްވުރެ ދައުލަތަށް އާމްދަނީ ހޯދުމަށް ކުރާ ކަމެކެވެ.
ހަމަ އެއާއެކު ވަކީން ސިނގިރޭޓް ވިއްކުންވެސް މަނާކުރި އެވެ. ސިނގިރޭޓު ފޮށީގައި އިންޒާރުގެ މެސެޖެއް ލިޔެގެން ސިނގިރޭޓު ބޯ މީހުން މަދު ނުވެގެން، އިންޒާރުގެ ފޮޓޯ ޖަހައިގެން ނޫން ގޮތަކަށް ދުންފަތުގެ ބާވަތްތައް ވިއްކުންވެސް މަނާ ކުރި އެވެ. އެކަން ކުރާތާ ހަތަރު އަހަރުވެއްޖެ އެވެ. ކަންވެގެން ދިޔައީ ފޫނެއް ފަޔަށް ފުންފުރުމަށެވެ. މިއަދު އެކަންތައް އަނެއްކާވެސް ނޯމަލްވެއްޖެ އެވެ.
އެނާޖީ ޑްރިންކް މަދުކުރަން އެޅި ފިޔަވަޅުތަކަށް ބަލާއިރު 2016-2017ގައި ސްކޫލްތަކާއި ސަރުކާރުން ހިންގާ ސިއްހީ ހިދުމަތް ދޭ ތަންތަނުގައި އެނާޖީ ޑްރިންކްސް ބޭނުންކުރުމާއި ގެންގުޅުން މަނާކުރި އެވެ. ސްކޫލުން ބާއްވާ ހަރަކާތްތަކުގައި އެނާޖީ ޑްރިންކާއި އެ ތަކެތީގެ ސްޕޮންސާ ބޭނުން ކުރުމާއި އެނާޖީ ޑްރިންކުގެ އިޝްތިހާރުތައް ސްކޫލުތަކުގެ ތެރޭގައި ތިބޭއިރު ފެންނަ ގޮތަށް، މަގުމަތިންނާއި އިމާރާތްތަކުގައި ހަރުކުރުން ވެސް މަނާކުރި އެވެ.
ސިނގިރޭޓާއި އެނާޖީ ޑްރިންކް ބޯ މީހުން މަދުކުރަން މި ހުރީ ހައްތަހާވެސް ސަރުކާރުތަކުން އެޅި ފިޔަވަޅުތަކެވެ. ނަމަވެސް މިކަމުން ނަތީޖާއެއް ހާސިލުވެއްޖެބާ އެވެ. މިއީ އުފައްދަން ޖެހޭ ސުވާލެކެވެ.
މޯލްޑިވްސް ކަސްޓަމްސް އިން ލިބެން ހުރި މައުލޫމާތަށް ބަލާއިރު، ކޮވިޑް ފެތުރެން ފެށި 2022 ވަނަ އަހަރު ރާއްޖެއަށް 251 މިލިއަން ރުފިޔާގެ ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކާއި އާލާތްތައް އެތެރެކުރި އެވެ. ޖެހިގެން އައި 2021 ވަނަ އަހަރު 246 މިލިއަން އަދި 2022 ވަނަ އަހަރު 272 މިލިއަން ރުފިޔާގެ ރުފިޔާގެ ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކާއި އާލާތްތައް ރާއްޖެއަށް އެތެރެކުރި އެވެ.
އަދި މިދިޔަ އަހަރު އެ އަދަދު ވަނީ 16 މިލިއަން ރުފިޔާ އިތުރުވެ، 288 މިލިއަން ރުފިޔާއަށް އަރައިފަ އެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ މިދިޔަ 4 އަހަރުގެ ތެރޭގައި، ކޮވިޑަށް މުޅި ދުނިޔެ ބަންދުވި 2021 ވަނަ އަހަރު ފިޔަވައި އެހެން ހުރިހާ އަހަރެއްގައިވެސް ރާއްޖެއަށް އެތެރެކޮށްފައިވާ ސިނގިރޭޓުގެ އަދަދު އެވްރެޖުކޮށް 10 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމެވެ.
އެނާޖީ ޑްރިންކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 2020 ވަނަ އަހަރު 87 މިލިއަން ރުފިޔާގެ ބުއިން އެތެރެކުރި އިރު، 2021 ވަނަ އަހަރު 88 މިލިއަން އަދި 2022 ވަނަ އަހަރު 108 މިލިއަން ރުފިޔާގެ އެނާޖީ ޑްރިންކްސް އެތެރެކޮށްފައިވެ އެވެ. އަދި މިދިޔަ އަހަރު އެކަނިވެސް ރާއްޖެއަށް 103 މިލިއަން ރުފިޔާގެ އެނާޖީ ޑްރިންކްސް އެތެރެކޮށްފައިވެ އެވެ. ކަސްޓަމްސްގެ ވެބްސައިޓުން ދައްކާ ގޮތުން ރާއްޖޭގައި އެނާޖީ ޑްރިންކުން ޑިއުޓީއެއް ނުނަގަ އެވެ. ހެއްވާ ކަމެއްތާއެވެ.
ދުފުމުގައި ބޭނުންކުރާ ފޯއް އެތެރެކޮށްފައިވާ މިންވަރުވެސް މިދިޔަ އަހަރުގެ ތެރޭގައި އިތުރުވެފައިވާކަން ތަފާސް ހިސާބުތަކުން ދައްކަ އެވެ. އެގޮތުން 2020 ވަނަ އަހަރު ރާއްޖެއަށް 45 މިލިއަން ރުފިޔާގެ ފޯއް އެތެރެކުރި އިރު، 2021 ވަނަ އަހަރާއި 2022 ވަނަ އަހަރު 59 މިލިއަން ރުފިޔާގެ ފޯއް އެތެރެކޮށްފައިވެއެވެ. ނަމަވެސް މިދިޔަ އަހަރު ރާއްޖެއަށް އެތެރެކުރި ފޯކުގެ އަދަދު ވަނީ 47 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.
ސިނގިރޭޓާއި ދުފުމާއި އެނާޖީ ޑްރިންކް މަދުކުރަން ސަރުކާރުތަކުން މަސައްކަތްތަކެއް ނުކުރެއެކޭ ބުނެވޭކަށް ނެތެވެ. ވަކިން ސިނގިރޭޓު ވިއްކުން މަނަ އެވެ. އާންމުން އެއްވެ އުޅޭ ތަންތަނާއި ސްކޫލުތައް، ކޮލެޖް ޔުނިވަސިޓީތައް އަދި ސަރުކާރު އޮފީސްތައް ކައިރީގައްޔާއި ހޮޓާ ރެސްޓޯރެންޓުތަކުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނަ އެވެ. އެ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާ ނަމަ 500 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ލިޔެފައި އޮވެ އެވެ. އެނާޖީ ޑްރިންކުގެ އިޝްތިހާރުތައް ސްކޫލުތަކުގެ ތެރޭގައި ތިބޭއިރު ފެންނަ ގޮތަށް، މަގުމަތިންނާއި އިމާރާތްތަކުގައި ހަރުކުރުން ވެސް މަނަ އެވެ. ހައްތަހާވެސް ރަނގަޅު ފިޔަވަޅުތަކެވެ. ނަމަވެސް މައްސަލައަކީ މި ކަންކަން ވެސް ތަންފީޒު ނުކުރެވުމެވެ.
ދެން އެޅޭނީ ކޮން ފިޔަވަޅެއް ހެއްޔެވެ.؟ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު، އިނގިރޭސި ވިލާތުން މި ފަހުން ވަނީ ދުންފަތުގެ ސަބަބުން މަރުވާ މީހުންގެ އަދަދު މަދުކުރުމަށް ބޭރު ތެރޭގައި ދުންފަތު އިސްތިއުމާލު ކުރުން ހަރުކަށި ކުރަން ވިސްނަން ފަށައިފަ އެވެ. އެގޮތުން އިނގިރޭސި ވިލާތުގެ ކޮންސަވޭޓިވް ސަރުކާރުން ވަނީ 1 ޖެނުއަރީ 2009 ގެ ފަހުން އުފަންވި އެއްވެސް މީހަކަށް ސިނގިރޭޓު އަދި ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުން މަނާކުރަން ބިލެއް ހުށަހަޅައިފަ އެވެ. ނަމަވެސް އެ ގައުމުގެ އިންތިހާބުގެ ކުރިން އެ ބިލު މަޖިލީހުން ފާހެއް ނުކުރެވުނެވެ.
އިނގިރޭސި ވިލާތުގެ އެ ވިސްނުން އައީ ނިއު ޒިލެންޑުންނެވެ. އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ޑިސެމްބަރު 2022 ގައި ފާސްކުރި ގާނޫނުގެ ދަށުން 2008 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކަށް ސިނގިރޭޓު ނުވަތަ ދުންފަތުގެ އެއްވެސް އުފެއްދުމެއް ވިއްކުން އަދި ބޭނުން ކުރުންވެސް މަނަ އެވެ.
އެ ގާނޫނުގެ ދަށުން 2008 ވަނަ އަހަރުގެ ކުރިން އުފަން ވެފައިވާ މީހުންނަށް ދުންފަތުގެ އިސްތިއުމާލު ކުރުމަށް އެއްވެސް ހުރަހެއް ނެތް ނަމަވެސް އެ ގާނޫނުގެ ދަށުން ސިނގިރޭޓު ވިއްކޭނެ ތަންތަންވެސް މަދުކޮށް، ސިނގިރޭޓުގައި ނިކޮޓިން ހުންނަ މިންވަރު މަދުކުރަންވެސް ހިމަނާފައިވެ އެވެ.
ދުނިޔޭގައި ސިނގިރޭޓާ ދެކޮޅަށް އެންމެ ހަރުކަށި ގާނޫނެއް ހަދާފައި އޮންނަނީ މެކްސިކޯގަ އެވެ. 2021 ވަނަ އަހަރު ވުޖޫދަށް ގެނައި އެ ގާނޫނުގައި ބުނާ ގޮތުން ސިނގިރޭޓާއި ދުންފަތުގެ ބާވަތްތައް އިސްތިހާރުކޮށް، ޕްރޮމޯޝަންތައް ހިންގައި، ސްޕޮންސާޝިޕް ދިނުމަކީވެސް މަނާ ކަމެކެވެ. މާނައަކީ ފިހާރަތަކުގެ ތެރޭގައިވެސް ސިނގިރޭޓު ފެންނަ ގޮތަށް ބަހައްޓައިގެން ނުވާނެ އެވެ. އަދި އާންމުން އެއްވެ އުޅޭ އެއްވެސް ތަނެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުން އެ ގައުމުގައި މަނާވެފައި އަދަބު ބޮޑެވެ.
އެނާޖީ ޑްރިންކާ ދެކޮޅަށް ބައެއް ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު، އިނގިރޭސި ވިލާތް، ފްރާންސް، ޑެންމާކް، ސްވިޑެން، ތުރުކީ، ނޯވޭ، އުރުގުއާއީ، ޔޫއޭއީ، އައިސްލެންޑް ފަދަ ގައުމުތަކުން ކުޑަކުދިންނަށް އެނާޖީ ޑްރިންކް ވިއްކުން ވަނީ މަނާކޮށްފަ އެވެ.
ރާއްޖެއަށް އޮތީ ގޮން ގޮތެއް ހެއްޔެވެ؟ ގާނޫނުތަކުން އަޅާފައިވާ ފިޔަވަޅުތައް މަދެއް ނޫނެވެ. އެކަމަކު އެ ގާނޫނުތައް ތަންފީޒު ކުރެވޭތަނެއް ނުފެނެއެވެ. އެ މީހަކު ބޯނެ ތަނެއްގައި ސިނގެރޭޓު ބޮނީއެވެ. މަނާ ހުރިހާ ތަނެއްގައިވެސް މިކަންކަން އާންމެވެ. ވަކީން ސިނގެރޭޓު ނުވިއްކާ ތަނެއްވެސް ނެތެވެ. ގާނޫނު ތަންފީޒުކުރާން ތިބޭ މީހުންވެސް އެތަންތަނުން މި ބާވަތްތައް ގަނެ، ބޭނުން ކުރާ މަންޒަރު ފެނެ އެވެ. އެހެންކަމުން އެނގޭ ކަމަކީ އަދި ނުފުދޭ ކަމެކެވެ. އެތައް ބަޔަކު މަރުވެދަނީ އެވެ. އާއިލާތައް ބިކަވަނީ އެވެ. މިހާރު މުހިންމީ ހަރުދަނާ، ތަންފީޒީ ފިޔަވަޅު ތަކެކެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް