ޗައިނާއާއެކު ހެދި ފްރީ ޓްރޭޑް އެގްރިމެންޓް (އެފްޓީއޭ) އަށް އަމަލުކުރަން ފެށުމާއެކު ވިޔަފާރީގެ އަދަދު އެއް ބިލިއަން ޑޮލަރަށް މަތިވެގެންދާނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ކަރަންޓް އެކައުންޓް މުއާމަލާތްތަކާއި ޑައިރެކްޓް އިންވެސްޓްމަންޓްތައް ދެ ގައުމުގެ ފައިސާ އިން ހިންގުމަށް މަގުފަހިކުރުމަށް ދިވެހި ސަރުކާރާއި ޗައިނާގެ މަރުކަޒީ ބޭންކް، ޕީޕަލްސް ބޭންކް އޮފް ޗައިނާއާ ދެމެދު މިދިޔަ ހުކުރު ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހީނާ ވިދާޅުވީ ކުރިއަށްއޮތް ތަނުގައި ވަރަށް ފުޅާ ދާއިރާއެއްގައި ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށާއި އަދި އާންމުގޮތެއްގައި ވިޔަފާރިކުރާ ފަރާތްތަކަށް ވެސް އެފްޓީއޭގެ ސަބަބުން ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

"މިހާރު ވެސް ދިވެހިރާއްޖެއާއި ޗައިނާއާ އެކީގައި 700 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކުރެވެމުން އެބަދޭ. އެހެންނަމަވެސް ދިވެހިރާއްޖެ އާއި ޗައިނާއާ އެކީގައި މިހާރު އެފްޓީއޭގެ އެއްބަސްވުމުގައިވާ ގޮތުގެ މަތިންނާއި އަދި ހަމައެހެންމެ މި އެފްޓީއޭއަށް އަމަލުކުރަން ފެށުމާ ގުޅިގެން އެއް ބިލިއަން ޑޮލަރަށް މި ވިޔަފާރީގެ އަދަދު މަތިވެގެން އެބަދޭ،" އޭނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ އެ އެއްބަސްވުމާއެކު ޑޮލަރުން ފައިސާ ނުދައްކައި، ދިވެހި ރުފިޔާ އިން ވަރަށް ގިނަ ކަންތައްތަކެއް ކުރެވިގެންދާނެ ކަމަށާއި އޭގެ ތެރޭގައި ދިވެހިންނަށް ދަތުރުފަތުރުކުރުމާއި ހިދުމަތް ހޯދުމުގައި ދިވެހި ފައިސާ އިން ފައިސާ ދެއްކޭނެ ގޮތްތައް މެދުވެރިވެގެންދިއުން ހިމެނޭ ކަމަށެވެ.

"މުދާ ގަތުމުގައި އަޅުގަނޑުމެން ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަވެ، ވިޔަފާރިވެރިންނަށް ވެސް އަދި ހަމަ އެހެންމެ ޗުއްޓީ ހޭދަކޮށްލުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ވެސް އެބޭފުޅުން ޑޮލަރުން ކުރައްވާ މުއާމަލާތްތައް ދިވެހި ރުފިޔާ އިން ކުރެއްވުމަށް މަގުފަހިވެގެންދާނެ. މިކަހަލަ ވަރަށް ގިނަ ކަންތައްތަކަށް މަގުފަހިވެގެން ގޮސްފައި އެބަވޭ،" އޭނާ ވިދާޅުވިއެވެ.

ޗައިނާއާއެކު ރުފިޔާ އިން މުއާމަލާތް ކުރެވޭނެ އިންތިޒާމެއް ސަރުކާރުން ހަމަޖެއްސި އިރު، ރާއްޖެއިން އެންމެ ގިނައިން ވިޔަފާރީގެ މުއާމަލާތްތައް ކުރާ އިންޑިއާއެކުވެސް އެފަދަ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ.