ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމުން ނިންމި ދުވަހު އެ ބޭންކުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރާއްޖޭގައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ކުންފުނީގެ ގާނޫނުގެ 100 ވަނަ މާއްދާއާއި 113 ވަނަ މާއްދާއާއި 126 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ހުށަހަޅުއްވާފައިވާ، ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ދައުލަތް ހިއްސާވާ ކުންފުނިތައް ހަރުދަނާ ގޮތެއްގައި ހިންގޭނެ ގޮތަކާމެދު މިހާރު ވިސްނަންޖެހޭ ކަމަށެވެ.

"ދާދި ފަހުން ދިމާވި ބޭންކް އޮފް މޯލްޑިވްސްގެ ކާޑުތަކުގެ މައްސަލަ ދިމާވިއިރުވެސް އެ ކުންފުނީގެ އެންމެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރާއްޖެއަކު ނެތް، އޭގެ ތެރޭގައި އޮޕަރޭޝަނަލްސް ޑިރެކްޓަރެއް ނެތް، ކުރެޑިޓް ކޮންޓްރޯލް މެނޭޖަރެއް ނެތް، އަދި ރިސްކް މެނޭޖަރެއް ނެތް، މިއީ ރާއްޖޭން ބޭރުގެ ބޭފުޅުން 15000 ޑޮލަރުގެ މުސާރަ ދެއްވާފައި ތިއްބެވި އެންމެ ޒިންމާދާރު ތިން މީހުން ރާއްޖެއަކު ނެތް،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ޕީސީބީންވެސް އަދި ދައުލަތުގެ ހިއްސާތަކުގެ ބެލެނިވެރިފަރާތް ކަމަށްވާ ފިނޭންސް މިނިސްޓަރުވެސް ކުންފުނިތަކުގެ ކަންތައްތައް ދުވަހުން ދުވަހަށް ހިންގާ ގޮތް ވަރަށް ރަނގަޅަށް ބަލަންޖެހޭ ކަމަށެވެ.

"15000 ޑޮލަރުގެ މުސާރައަކީ ކުޑަ މުސާރައެއް ނޫން، އަޅުގަޑުމެން މި މަގާމުތަކަށް ދިވެހިން ލިބޭތޯ އެބަޖެހޭ ބަލަން، އަޅުގަނޑުމެންގެ ބޭންކު، އަޅުގަނޑުމެންގެ އެއްވެސް ކޮންޓްރޯލެއް ނެތި އެގޮތަށް ހިނގަމުންދާ ކަމަށްވަންޏާ އަޅުގަނޑު ދަންނަވާނީ އެ ދުވަހު ދިމާވި ކަންތަކަށްވުރެ ސީރިއަސް ކަންތައް ކުރިއަށް އޮތްތަނުގައި ދިމާވުމަކީ އެކަށީގެންވާ ކަމެއް،" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ބިލުން ހުށަހަޅާގައިވާ އިސްލާހަކީ ވަރަށް މުހިންމު އިސްލާހެއް ކަމަށާއި އެއީ ކުންފުނީގެ ބޯޑަށް އައްޔަންކުރާ މެންބަރުން ރަށުގައި ވަޑައިގެން ނޫޅުއްވާތީ ނޫނިއްޔާ އެބޭފުޅުން ބޯޑަށް ހާޒިރުނުވެ ބޯޑުގެ ޖަލްސާތައް ނުބޭއްވޭ ހާލަތެއްގައި ނޯޓިސްގެ މުއްދަތު ކުރުކޮށްދިނުމަކީ ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.

މި ބިލުން ކުންނީގެ ގާނޫނުގެ 100 ވަނަ މާއްދާ އާއި 113 ވަނަ މާއްދާ އާއި 126 ވަނަ މާއްދާއަށް ވަނީ އިސްލާހު ހުށަހަޅައިފައެވެ.

ގާނޫނުގެ 113 ވަނަ މާއްދާގެ (ހ) ގައި ބުނަނީ، ކޮންމެ ޕްރައިވެޓް ކުންފުންޏެއްގައި، ހުރިހާ ވަގުތެއްގައިވެސް މަދުވެގެން އެއް ޑިރެކްޓަރަކު ހުންނަންވާނެ ކަމަށެވެ. (ށ) ގައި ބުނަނީ ކޮންމެ ޕަބްލިކް ކުންފުންޏެއްގައި މަދުވެގެން ދެ ޑިރެކްޓަރުން ތިބެންވާނެ ކަމަށެވެ. އަދި (ނ) ގައި ބުނަނީ ސަރުކާރުގެ ކޮންމެ ކުންފުންޏަކާއި ލޯކަލް އޮތޯރިޓީ ކުންފުންޏެއްގައި މަދުވެގެން ތިން ޑިރެކްޓަރުން ތިބެންވާނެ ކަމަށެވެ.

(ރ) ގައި ބުނަނީ މި މާއްދާގެ (ށ) އާއި (ނ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އެހެން ގާނޫނެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއް އުފައްދާ ގާނޫނެއްގައި ނުވަތަ ގަރާރެއްގައި، އެ ކުންފުންޏެއްގައި މަދުވެގެން ތިބެންޖެހޭ ޑިރެކްޓަރުންގެ އަދަދު ބަޔާން ކުރުމަކަށް މި މާއްދާ ހުރަހެއް ނާޅާ ކަމަށެވެ.

ނަމަވެސް ކުންފުނީގެ ހިންގާ ގަވާއިދު، އެ މާއްދާގެ ތެރޭގައި ހިމަނަން އިސްލާހުގައި ވަނީ ހިމަނައިފައެވެ.

އެގޮތުން (ރ) ގައި ބުނަނީ މި މާއްދާގެ (ށ) އާއި (ނ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އެހެން ގާނޫނެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއް އުފައްދާ ގާނޫނެއްގައި ނުވަތަ ގަރާރެއްގައި ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގައި އެ ކުންފުންޏެއްގައި މަދުވެގެން ތިބެންޖެހޭ ޑިރެކްޓަރުންގެ އަދަދު އިތުރު ކުރުމަށް މި މާއްދާ ހުރަސް ނާޅާ ކަމަށެވެ.

އެ ގާނޫނުގެ 100 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަމްބަރުގައި ބުނަނީ، މި ގާނޫނުގެ 99 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ކުންފުންޏެއްގެ ހާއްސަ އާއްމު ޖަލްސާއެއް ބޭއްވުމަށް އެދި ހުށަހަޅާ ލިއުން ލިބޭތާ 21 ދުވަހުގެ ތެރޭގައި އެ ޖަލްސާއަށް ދައުވަތު ދޭންވާނެ ކަމަށެވެ. ދެވަނަ ނަމްބަރުގައި ބުނަނީ، ތިން މަސް ދުވަހުގެ ތެރޭގައި އެޖަލްސާ ބާއްވަންވާނެ ކަމަށެވެ.

އިސްލާހު ކުރަން ހުށަހަޅާފައި ވަނީ، ޖަލްސާއަށް ދައުވަތުދޭ މުއްދަތު ތިން ދުވަހަށް ކުރުކޮށް، ޖަލްސާ ބާއްވަންޖެހޭ މުއްދަތު 10 ދުވަހަކަށް ކުރު ކުރުމަށެވެ. ޕްރައިވެޓް ކުންފުނިތަކާއި ޕަބްލިކް ކުންފުނިތަކުގެ ހާއްސަ އާއްމު ޖަލްސާ ބާއްވަން ނޯޓިސް ދޭންޖެހޭނެ ކަމަށް ގާނޫނުގެ 100 ވަނަ މާއްދާގެ (ށ)ގެ އެއްވަނަ ނަންބަރާއި ދެވަނަ ނަމްބަރުގައި އޮތް 14 ދުވަހުގެ މުއްދަތު ހަތް ދުވަހުގެ މުއްދަތަށް ކުޑަ ކުރުމަށްވެސް އިސްލާހުގައި ވެއެވެ.

މިގާނޫނުގެ ‏113 ވަނަ މާއްދާގައި ބަޔާންކުރާ އަދަދަށް ކުންފުނީގައި ޑިރެކްޓަރުންނާއި މެނޭޖިން ޑިރެކްޓަރުން ނެތް ކަމަށް ރަޖިސްޓްރާގެ ސަމާލު ކަމަށް ގެނެސްފިނަމަ، އެ މާއްދާގައި ބަޔާންކުރާ އަދަދަށް ޑިރެކްޓަރުންނާއި މެނޭޖިން ޑިރެކްޓަރު އައްޔަން ކުރަން ކުންފުންޏަށް އެންގުމުގެ ބާރު ރަޖިސްޓްރާރަށް ލިބިގެންވާ ކަމަށެވެ. އަދި މިގޮތުން ރަޖިސްޓްރާ ކުންފުންޏަށް އެންގުމުން، ކުންފުންޏަށް ޑިރެކްޓަރުންނާއި މެނޭޖިން ޑިރެކްޓާރު އައްޔަންކުރަން ޖެހޭނެ ކަމަށް ގާނޫނުގެ 126 ވަނަ މާއްދާގެ (ހ)ގައި ބުނާ 30 ދުވަހުގެ މުއްދަތު 10 ދުވަހަށް ކުރު ކުރަންވެސް ވަނީ ބިލްގައި ހިމަނައިފައެވެ.