މާލޭގެ ގެސްޓް ހައުސް އަކަށް މީހަކު ވައްދައި، ފޭރުނު މައްސަލައެއްގައި ދެ މީހަކަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ، މިއީ މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު މާލޭގައި ހުންނަ ޔެލޯ ލައިޓް ސްޓޭ ގެސްޓްހައުސްއަށް ދިވެހި ފިރިހެނަކު ވައްދައި، އެ މީހާއަށް ތޫނު އެއްޗެހިން ބިރުދައްކައި، އޮރިޔާންކޮސް، އޭނާގެ ވޮލެޓުގައި ހުރި ފައިސާ ނަގައި އެކައުންޓުގައި ހުރި ފައިސާ ޓްރާންސްފާކޮށް ފޭރުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށެވެ.

މި މައްސަލައިގައި ހިމެނޭ ގ. އޯލްޕެރިސް/ އަހުމަދު މިހާދު (44އ) އަދި ގ. ރަނައުރާގެއާގެ، ރިމާނާ މޫސާ (39އ)ގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ މި މަހުގެ 12 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.