ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޓެންޓް އައްބާސް ޝަރީފުއަށް ރުހުން ދިނުމާބެހޭގޮތުން ގޮތެއް ނިންމުމަށް މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
މި ޖަލްސާއަކީ ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ޖަލްސާ އެވެ. ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9:00 ގައެވެ.
މިމަހު 11 ވަނަ ދުވަހުގެ ރޭ ދައުރުން ބޭރުން ބޭއްވި ފުރަތަމަ މަޖިލިސް ޖަލްސާގައި ވަނީ، އައްބާސްގެ ނަން މަޖިލީހުގެ ތަޅުމަށް އިއްވައި އެނަން އިތުރަށް ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފިނުވައިފައެވެ. އެ ކޮމިޓީން ބަލަން ޖެހޭ ބެލުންތައް ބެލުމަށްފަހު، މިއަދު މެންދުރު 12:00 ގެ ނިޔަލަށް އެނަމާބެހޭގޮތުން އާއްމުންގެ ޝަކުވާއެއް އޮތްނަމަ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
އެ މުއްދަތު ހަމަވުމުން އެކަމަށް ގޮތެއް ނިންމުމަށް މިއަދު 1:00 ގައި ޖުޑިޝަރީ ކޮމެޓީ ބައްދަލުވާނެއެވެ.
ވެރިކަންކުރާ ޕީއެންސީގެ ބޮޑު މެޖޯރިޓީއެއް އޮތް ޖުޑިޝަރީ ކޮމެޓީން އައްބާސްގެ ނަމަށް ރުހުން ދޭން ފާސްކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. އެހެންކަމުން އައްބާސްއަށް މަޖިލީހުން ރުހުންދޭން ފެންނަ ކަަމަށް ފާސްކޮށް ކޮމެޓީ ރިޕޯޓު މިއަދު މަޖިލިސް ތަޅުމަށް ފޮނުވާނެއެވެ. އެހެން ވެއްޖެނަމަ މާދަމާގެ ޖަލްސާގައި އެ މައްސަލައަށް ބަހުސްކޮށް، އައްބާސްއަށް ރުހުން ދިނުމަށް ފާސްކުރާނެ އެވެ.
ޔުނިވަސިޓީ އޮފް ޓެސްމޭނިއާއިން ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވި އައްބާސް ވަނީ ރައީސް އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި އެފްއޭއެމްގެ އެޕީލްސް ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވައިފައެވެ. އަދި 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސް އޭނާ ކުރެއްވިއެވެ.
އޭނާ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ގާނޫނީ ވަކީލުކަން ވެސް ކުރައްވައިފައެވެ. އަދި ރައީސް އަބުދުﷲ ޔާމީނުގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ރިޔާސީ އިންތިހާބާ ގުޅިގެން ސުޕްރީމް ކޯޓަށް އެމަނިކުފާނު ހުށަހެޅުއްވި މައްސަލައިގައި ވެސް ވަކީލުކަން ކުރައްވައިފައެވެ.
ޕީޖީގެ މަގާމު ހުސްވީ މީގެކުރިން އެ މަގާމުގައި ހުންނެވި، ހުސެއިން ޝަމީމު ޕީޖީކަމުން ވަކިކުރުމާ ގުޅިގެންނެވެ.
ޝަމީމް ވަކިކުރީ ބޮޑެތި ތުހުމަތުތަކެއް ކޮށް، ކުރީގެ ސަރުކާރުގެ ވެރިންނާ ގުޅޭ ބައެއް ބޮޑެތި މައްސަލަތައް އޭނާ އަނބުރާ ގެންގޮސްފައި ވަނީ އުސޫލާ ހިލާފަށް ކަމަށް ތުހުމަތު ކޮށެވެ. ނަމަވެސް މަޖިލީހުން އިތުބާރުނެތްކަމުގެ ވޯޓު ނެގީ އޭނާ އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު