މާލޭގެ ގެއަކަށް ފިރިހެނަކު ވައްދައި، އޭނާއަށް ވަޅިން ބިރުދައްކައި ފޭރުނު މައްސަލައެއްގައި ތިން މީހަކަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުންގެ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައަކީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހުގެ ވަގުތެއްގައި މއ. މަސްފަން ގެއަށް މީހަކު ވައްދައި، އެ މީހާއަށް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، އޭނާގެ މޯބައިލް ފޯނު އަތުލައި އޭނާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްފާކުރުވައި އަދި އޭނާގެ ކޭޝްކާޑު ބޭނުންކޮށްގެން އޭޓީއެމް އިން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. އެއީ އޭނާ ވެއްދި ގޭގެ އާއިޝަތު (43އ) އާއި ހަމަ އެ ގޭ މުހައްމަދު ރީހާން (27އ) އަދި ސ. ހިތަދޫ/ ސޯމާ، ޝަގީގު އިބްރާހިމް (35އ) އެވެ.

އާއިޝަތު އާއި ރީހާންއަކީ މަންމައާއި ދަރިފުޅުކަން އެނގިފައިވެއެވެ. މި ތިން މީހުންވެސް މިހާތަނަށް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި، އެ މައްސަލައިގައި އެ ތިން މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވީ މި މަހުގެ ނުވަވަނަ ދުވަހު ކަމަށެވެ.