ރާއްޖޭގައި ބާއްވާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕްގެ ކުޅުން ފަށައިފިއެވެ.
ސޯޝަލް ސެންޓަރު އެތެރޭ ހޯލުގައި އެ މުބާރާތް ރަސްމީކޮށް ފެށިގެންދިޔައީ މިރޭ ބޭއްވި ރަސްމިއްޔާތަކާއެކުއެވެ. އޭގެ ކުރިން ކުޅުނު ދެ މެޗާއެކު މިއަދު ވަނީ އެ މުބާރާތުގައި ޖުމުލަ ތިން މެޗެއް ކުޅެފައެވެ.
މިއަދު މެންދުރުފަހު ކުޅުނު މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭގެ ކްލަބު ވެމްކޯ އިން ނުކުތީ ސްރީލަންކާގެ އެއާ ފޯސްއާ ދެކޮޅަށެވެ. އެއާ ފޯސް އިން ފުރަތަމަ ސެޓު ގެންގޮސްފައިވަނިކޮށް، ވެމްކޯ އިން އެ މެޗު ކާމިޔާބުކުރީ ފަހަތުން އަރައި 3-1 ސެޓުންނެވެ.
އެ މެޗުގެ ފުރަތަމަ ސެޓުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައެވެ. އެ ސެޓުގައި ވެމްކޯ އިން ލީޑު ހޯދި ނަމަވެސް، އެޓީމަށް އެ ލީޑުގައި މާ ގިނައިރުވަންދެން ހިފަހައްޓައިލެވިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ސެޓު އެއާ ފޯސް ޓީމުން ގެންދިޔައީ 20-25 އިންނެވެ.
މެޗުގެ ދެވަނަ ސެޓުގެ ކުރީކޮޅުގައި އެއާ ފޯސް ޓީމުން ބޮޑު ލީޑަކާއެކު ފެށި ނަމަވެސް، ވެމްކޯ އިން ވަނީ ކުޅުން ވަރުގަދަކޮށް މެޗުގެ ފަހުކޮޅު ލީޑު ހޯދައިފައެވެ. އެ ސެޓު ވެމްކޯ އިން ގެންދިޔައީ 25-23 އިންނެވެ. އެ ސެޓުގައި ރާއްޖޭގެ ގައުމީ ޓީމުގައި ވެސް އިސްދައުރެއް އަދާކުރާ ޖޫޒާން ޒަރީރާއި އައިޝަތު މާޖިދާ (މާޖި)ގެ ކުޅުން ފާހަގަކޮށްލެވުނެވެ. އޭގެ އިތުރުން ވެމްކޯގެ ތައިލެންޑް ކުޅުންތެރިޔާ ނޮޓިކާގެ ކުޅުން ވެސް ވަރަށް ބޮޑަށް ފާހަގަކޮށްލެވުނެވެ.
ތިންވަނަ ސެޓު ވެސް އެއާ ފޯސް ޓީމުން ފެށުން ރަނގަޅުކުރި ނަމަވެސް، ފަހަތުން އަރައި ލީޑު ހޯދައި، ވެމްކޯ އިން ވަނީ ފަރަގު ބޮޑުކޮށްފައެވެ. އެ ސެޓު ފަސޭހަކަމާއެކު ވެމްކޯ އިން ގެންދިޔައީ 25-15 އިންނެވެ. އަދި މެޗުގެ ހަތަރުވަނަ ސެޓުގައި ވެސް ވެމްކޯ އިން ވަރުގަދަ ކުޅުމެއް ދެއްކި އިރު، އެ ސެޓު ގެންދިޔައީ 25-19 އިންނެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ ނޭޕާލުގެ ޕޮލިސް ކްލަބާއި އުޒްބަކިސްތާންގެ ހޫމޯއެވެ. އެ މެޗު ނޭޕާލުގެ ޕޮލިސް ކްލަބުން ގެންދިޔައީ ސީދާ ތިން ސެޓުންނެވެ. ވަރުގަދަ ކުޅުމަކާއެކު އެޓީމުން މެޗުތައް ސެޓުތައް ގެންދިޔައީ 25-19، 27-25 އަދި 25-19 އިންނެވެ.
މިރޭ ކުޅުނު މެޗުގައި ރާއްޖޭގެ ޕޮލިސް ކްލަބުން ނުކުތީ ތަޖިކިސްތާންގެ ވީސީ ޑައިމްޑްއާ ދެކޮޅަށެވެ. އެ މެޗުގައި ވީސީ ޑައިމްޑްއަށް ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާ އިރު، ޕޮލިހުން މެޗު ގެންދިޔައީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ.
މުބާރާތަށް ޕޮލިހުން ނުކުތީ ވަރުގަދަ ޓީމަކާއެކުއެވެ. އެގޮތުން ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) ގެ އިތުރުން، ދާދިފަހުން ނިމިގެންދިޔަ ކާވާ ވިމެންސް ޗެލެންޖް ކަޕުގައި ރާއްޖޭގެ ޓީމުން ވިދާލި ޝަހާ ޝާމިން އަދި އައިމިނަތު އަރީޝާ ވެސް ޕޮލިހުގައި ހިމެނިގެންދިޔައެވެ. އޭގެ އިތުރުން އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ކިރިގިސްތާންގެ ރޯޒާ އަދި ސައިކްލް ވެސް ޕޮލިސް ޓީމުން ފެނިގެންދިޔައެވެ. ނަމަވެސް އަނިޔާއަކާ ގުޅިގެން މިރޭގެ މެޗުގައި ޝަހާ ކުޅެން ނުކުމެފައެއް ނުވެއެވެ.
ކޮންމެ ސެޓެއްގެ ވެސް ކުރީކޮޅުގައި ވީސީ ޑައިމްޑް އިން ރަނގަޅު ކުޅުމެއް ދެއްކުމަށް މަސައްކަތްކުރަމުންދިޔަ ނަމަވެސް، ޕޮލިސް ކްލަބުގެ ވަރުގަދަ އެޓޭކުތައް ހުއްޓުވުމަށް ވަނީ އުނދަގޫތަކަކާ ކުރިމަތިވެފައެވެ. ޕޮލިހުން މެޗުގެ ސެޓުތައް ގެންދިޔައީ ފަސޭހަކަމާއެކު 25-16، 25-14 އަދި 25-19 އިންނެވެ.
މިއަދުން ފެށިގެން މިމަހުގެ 21 ގެ ނިޔަލަށް ކުރިއަށްދާ ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕްގައި ޖުމުލަ ހަ ޓީމެއް ވާދަކުރެއެވެ. އެއީ ރާއްޖެއިން ކްލަބު ވެމްކޯ އާއި ޕޮލިސް ކްލަބުގެ އިތުރުން ނޭޕާލުގެ ޕޮލިސް ކްލަބާއި ސްރީލަންކާ އެއާ ފޯސް އާއި އުޒްބެކިސްތާންގެ ހޫމޯ ވީސީ އަދި ތަޖިކިސްތާންގެ ވީސީ ޑައިމްޑްއެވެ.
އެ މުބާރާތުގައި މާދަމާ ވެސް ތިން މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މާދަމާ މެންދުރުފަހު 1:30 ގައި ކުޅޭ މެޗުގައި ނޭޕާލުގެ ޕޮލިސް ކްލަބާއި ސްރީލަންކާ އެއާ ޕޯސް ބައްދަލުކުރާ އިރު، މާދަމާ ހަވީރު 4:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އުޒްބެކިސްތާންގެ ހޫމޯ އާއި ތަޖިކިސްތާންގެ ޑައިމްޑްއެވެ. އަދި މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖޭގެ ވެމްކޯ އާއި ދިވެހި ފުލުހުންގެ ކްލަބެވެ.
ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕް
ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕް
ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕް
ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕް