ހިންގާ ގަވާއިދު ބަދަލުކޮށްގެން ސަރުކާރު ކުންފުނިތަކާއި ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ އިތުރުން ޕަބްލިކް ކުންފުނިތަކުގެ ޑިރެކްޓަރުންގެ އަދަދު އިތުރުކުރެވޭ އިސްލާހަކަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ބަހުސްކުރަން އެޖެންޑާ ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަކީ ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާއެވެ.
އެ ޖަލްސާގައި މިހާތަނަށް އެޖެންޑާ ކޮށްފައިވަނީ އެންމެ މަސައްކަތެކެވެ. އެއީ ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ހުށަހަޅުއްވާފައިވާ، ކުންފުނީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބުތިދާއީ ބަހުސް ކުރިއަށް ގެންދިއުމެވެ.
މި ބިލުން އެ ގާނޫނުގެ 100 ވަނަ މާއްދާ އާއި 113 ވަނަ މާއްދާ އާއި 126 ވަނަ މާއްދާއަށް ވަނީ އިސްލާހު ހުށަހަޅައިފައެވެ.
ގާނޫނުގެ 113 ވަނަ މާއްދާގެ (ހ) ގައި ބުނަނީ، ކޮންމެ ޕްރައިވެޓް ކުންފުންޏެއްގައި، ހުރިހާ ވަގުތެއްގައިވެސް މަދުވެގެން އެއް ޑިރެކްޓަރަކު ހުންނަންވާނެ ކަމަށެވެ. (ށ) ގައި ބުނަނީ ކޮންމެ ޕަބްލިކް ކުންފުންޏެއްގައި މަދުވެގެން ދެ ޑިރެކްޓަރުން ތިބެންވާނެ ކަމަށެވެ. އަދި (ނ) ގައި ބުނަނީ ސަރުކާރުގެ ކޮންމެ ކުންފުންޏަކާއި ލޯކަލް އޮތޯރިޓީ ކުންފުންޏެއްގައި މަދުވެގެން ތިން ޑިރެކްޓަރުން ތިބެންވާނެ ކަމަށެވެ.
(ރ) ގައި ބުނަނީ މި މާއްދާގެ (ށ) އާއި (ނ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އެހެން ގާނޫނެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއް އުފައްދާ ގާނޫނެއްގައި ނުވަތަ ގަރާރެއްގައި، އެ ކުންފުންޏެއްގައި މަދުވެގެން ތިބެންޖެހޭ ޑިރެކްޓަރުންގެ އަދަދު ބަޔާން ކުރުމަކަށް މި މާއްދާ ހުރަހެއް ނާޅާ ކަމަށެވެ.
ނަމަވެސް ކުންފުނީގެ ހިންގާ ގަވާއިދު، އެ މާއްދާގެ ތެރޭގައި ހިމަނަން އިސްލާހުގައި ވަނީ ހިމަނައިފައެވެ.
އެގޮތުން (ރ) ގައި ބުނަނީ މި މާއްދާގެ (ށ) އާއި (ނ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އެހެން ގާނޫނެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއް އުފައްދާ ގާނޫނެއްގައި ނުވަތަ ގަރާރެއްގައި ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގައި އެ ކުންފުންޏެއްގައި މަދުވެގެން ތިބެންޖެހޭ ޑިރެކްޓަރުންގެ އަދަދު އިތުރު ކުރުމަށް މި މާއްދާ ހުރަހެއް ނާޅާ ކަމަށެވެ.
އެ ގާނޫނުގެ 100 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަމްބަރުގައި ބުނަނީ، މި ގާނޫނުގެ 99 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ކުންފުންޏެއްގެ ހާއްސަ އާއްމު ޖަލްސާއެއް ބޭއްވުމަށް އެދި ހުށަހަޅާ ލިއުން ލިބޭތާ 21 ދުވަހުގެ ތެރޭގައި އެ ޖަލްސާއަށް ދައުވަތު ދޭންވާނެ ކަމަށެވެ. ދެވަނަ ނަމްބަރުގައި ބުނަނީ، ތިން މަސް ދުވަހުގެ ތެރޭގައި އެޖަލްސާ ބާއްވަންވާނެ ކަމަށެވެ.
އިސްލާހު ކުރަން ހުށަހަޅާފައި ވަނީ، ޖަލްސާއަށް ދައުވަތުދޭ މުއްދަތު ތިން ދުވަހަށް ކުރުކޮށް، ޖަލްސާ ބާއްވަންޖެހޭ މުއްދަތު 10 ދުވަހަކަށް ކުރު ކުރުމަށެވެ.
ޕްރައިވެޓް ކުންފުނިތަކާއި ޕަބްލިކް ކުންފުނިތަކުގެ ހާއްސަ އާއްމު ޖަލްސާ ބާއްވަން ނޯޓިސް ދޭންޖެހޭނެ ކަމަށް ގާނޫނުގެ 100 ވަނަ މާއްދާގެ (ށ)ގެ އެއްވަނަ ނަންބަރާއި ދެވަނަ ނަމްބަރުގައި އޮތް 14 ދުވަހުގެ މުއްދަތު ހަތް ދުވަހުގެ މުއްދަތަށް ކުޑަ ކުރުމަށްވެސް އިސްލާހުގައި ވެއެވެ.
މިގާނޫނުގެ 113 ވަނަ މާއްދާގައި ބަޔާންކުރާ އަދަދަށް ކުންފުނީގައި ޑިރެކްޓަރުންނާއި މެނޭޖިން ޑިރެކްޓަރުން ނެތް ކަމަށް ރަޖިސްޓްރާގެ ސަމާލު ކަމަށް ގެނެސްފިނަމަ، އެ މާއްދާގައި ބަޔާންކުރާ އަދަދަށް ޑިރެކްޓަރުންނާއި މެނޭޖިން ޑިރެކްޓަރު އައްޔަން ކުރަން ކުންފުންޏަށް އެންގުމުގެ ބާރު ރަޖިސްޓްރާރަށް ލިބިގެންވާ ކަމަށެވެ. އަދި މިގޮތުން ރަޖިސްޓްރާ ކުންފުންޏަށް އެންގުމުން، ކުންފުންޏަށް ޑިރެކްޓަރުންނާއި މެނޭޖިން ޑިރެކްޓާރު އައްޔަންކުރަން ޖެހޭނެ ކަމަށް ގާނޫނުގެ 126 ވަނަ މާއްދާގެ (ހ)ގައި ބުނާ 30 ދުވަހުގެ މުއްދަތު 10 ދުވަހަށް ކުރު ކުރަންވެސް ވަނީ ބިލްގައި ހިމަނައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު