އިނގިރޭސި ޕްރިމިއާ ލީގުގައި ނެދަލެންޑްސް ޑިފެންޑަރު މެތިއަސް ޑި ލިގްޓް އާއި މާކަސް ރަޝްފޯޑް އަދި އަލެހަންޑްރޯ ގާނާޗޯ ޖެހި ގޯލުތަކާއެކު ސައުހެމްޓަން އަތުން މޮޅެއް ހޯދައިފިއެވެ.
ރަށުން ބޭރުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސައުތުހެމްޓަން އަތުން ޔުނައިޓެޑް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. މިއީ މިސީޒަނުގެ ލީގުގައި ޔުނައިޓެޑް މޮޅުވި ދެވަނަ މެޗެވެ. ހަތަރު މެޗުގެ ތެރެއިން އަނެއް ދެ މެޗުން ޔުނައިޓެޑް ވަނީ ބަލިވެފައެވެ.
މިއަދު ކުޅުނު މެޗުގެ ކުރީކޮޅުގައި ސައުތުހެމްޓަން އިން ރަނގަޅަށް ކުޅެ، ގޯލެއް ޖެހުމަށް މަސައްކަތްކުރި ނަމަވެސް، ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ސައުތުހެމްޓަންގެ ނުރައްކަލެއްގެ ގޮތުގައި ފާހަގަކޮށްލެވުނީ މެޗުގެ ހަތްވަނަ މިނެޓުގައި ޓައިލާ ޑިބްލިން ފޮނުވާލި ހަމަލާއެވެ. އޭނާގެ ހަމަލާ، ޔުނައިޓެޑުގެ ކީޕަރު އަންދްރޭ އޮނާނާ ވަނީ މަތަކޮށްފައެވެ.
އޭގެ ފަހުން ޔުނައިޓެޑުން ކުޅުން ވަރުގަދަކޮށް، ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރަމުންދިޔައެވެ. އެގޮތުން ޖޯޝުއާ ޒާކްޒީ އާއި ކެޕްޓަން ބްރޫނޯ ފެނާންޑޭޒަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވުނެވެ. ޒާކްޒީ ފޮނުވާލި ހަމަލާއެއް ސައުތުހެމްޓަންގެ ކީޕަރު އާރޮން ރަމްސްޑޭލް މަތަކުރި އިރު، ފެނާންޑޭޒްގެ ހަމަލާ ސައުތުހެމްޓަންގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 33 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ޕެނަލްޓީ އޭރިއާ ތެރެއިން ސައުތުހެމްޓަންގެ ޑިބްލިންގްއަށް ޑިއޭގޯ ޑަލޯ ކުރި ފައުލަކާ ގުޅިގެން ސައުތުހެމްޓަންއަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. ނަމަވެސް ސައުތުހެމްޓަންގެ ކަމަރޮން އާޗާ ފޮނުވާލި ޕެނަލްޓީ، ޔުނައިޓެޑުގެ ކީޕަރު އޮނާނާ ވަނީ މަތަކޮށްފައެވެ. ރީބައުންސް ބޯޅައިން އާޗާ ބޮލުން ފޮނުވާލި ހަމަލާ ވެސް އޮނާނާ މަތަކުރިއެވެ.
އޭގެ ދެ މިނެޓުފަހުން ޔުނައިޓެޑުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ބްރޫނޯ ފެނާންޑޭޒް ނަގައިދިން ހުރަހަކުން ޔުނައިޓެޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ މިސީޒަނުގައި ބަޔާން މިއުނިކުން ޔުނައިޓެޑާ ގުޅުނު ނެދަލެންޑްސް ޑިފެންޑަރު މެތިއަސް ޑި ލިގްޓްއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ބޮލުން ފޮނުވާލި ހަމަލާ، ފަސޭހަކަމާއެކު ވަނީ ސައުތުހެމްޓަންގެ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ. އެއީ ޔުނައިޓެޑުގެ ޖާޒީގައި ޑި ލިގްޓް ޖެހި ފުރަތަމަ ގޯލެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް، ޔުނައިޓެޑުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އަމަދް ޑިއާލޯ ދިން ބޯޅައަކުން ޔުނައިޓެޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވަޑް މާކަސް ރަޝްފޯޑެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ އޭނާ އަމާޒުކޮށްލާފައިވަނީ ސައުތުހެމްޓަން ގޯލުގެ ތިރީ ކަނަކަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޔުނައިޓެޑު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ސައުތުހެމްޓަން އިން ގޯލެއް ޖެހުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް، ޔުނައިޓެޑުގެ ޑިފެންސް ފެނުނީ ވަރުގަދަކޮށެވެ. ސައުތުހެމްޓަންއަށް އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ މެޗުގެ 79 ވަނަ މިނެޓުގައި އަލެހަންޑްރޯ ގާނާޗޯއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އެޓީމުގެ ކެޕްޓަން ޖެކް ސްޓެފަންސްއަށް ރަތް ކާޑު ދެއްކުމުންނެވެ.
މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ޔުނައިޓެޑުން ވަނީ ތިން ގޯލުގެ ލީޑެއް ހޯދައިފައެވެ. ޑަލޯ ދިން ބޯޅައަކުން ޔުނައިޓެޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އާޖެންޓީނާ ފޯވަޑް ގާނާޗޯއެވެ. އެ ގޯލުގައި ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯގެ ދައުރު ވެސް ވަރަށް ބޮޑަށް ފާހަގަވެގެންދިޔައެވެ.
އެ ނަތީޖާއާއެކު ހަތަރު މެޗުން ހޯދި ހަ ޕޮއިންޓާއެކު ޔުނައިޓެޑު މިވަގުތު އޮތީ ލީގު ތާވަލުގެ ހަތްވަނައިގައެވެ. އަދި މެޗުން ބަލިވި ސައުތުހެމްޓަނަށް ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ވެސް މޮޅެއް ހޯދިފައެއް ނުވެއެވެ. އެޓީމު ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު