ރާއްޖޭގެ މާކެޓް ޗައިނާގައި އިތުރުކުރުމަށް ގައުމީ އެއާލައިން، މޯލްޑިވިއަން އިން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނިން ޖެނެރަލް ކާގޯ ސޭލްސް އެޖެންޓް (ޖީއެސްއޭ) ހޯދުމަށް އިއުލާނުކޮށްފިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނިން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ އެ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މި ހަފުތާގެ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން [email protected] އެންޑް [email protected] ކޮޕީކޮށްފައިވާ އީއޯއައި [email protected] ފޯމާއެކު އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) އީމެއިލެއް ފޮނުވަން ޖެހޭނެ ކަމަށެވެ.

ޖީއެސްއޭގެ މަސައްކަތްތަކުގެ ތެރޭގައި ރާއްޖެ އިޝްތިހާރުކުރުމާއި އެ ގައުމުގެ މާކެޓުގައި މަސައްކަތްކުރާ ވިޔަފާރިވެރިންނާ ގުޅުވައިދިނުމާއި މާކެޓިންގެ ދާއިރާއިން އެ ފަރާތްތަކާ އެކީ ގުޅިގެން ކުރެވިދާނެ މަސައްކަތްތައް ދެނެގަތުން ހިމެނެއެވެ.

މޯލްޑިވިއަންގެ އޮފިޝަލަކު އިއްޔެ "ވަން" ވިދާޅުވީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން ޗައިނާއަށް ދަތުރުތައް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިހާރު މޯލްޑިވިއަންއިން އިންޓާނޭޝަނަލް ދަތުރުތައް ކުރަނީ ސްރީ ލަންކާގެ ކޮލޮމްބޯ، އިންޑިއާގެ ޓްރިވެންޑްރަމް، ކޮޗިން އަދި ބެންގަލޫރުގެ އިތުރުން ބަންގްލަދޭޝްގެ ޑާކާ އަށެވެ.

"އަދި ޑިސައިޑެއް ނުކުރޭ އަދިވެސް ރޫޓް ސްޓަޑީގަ މިއުޅެނީ. އަދި ނޭނގޭ ކިހާދަތުރެއް ކަމެއް ކުރާނީ" މޯލްޑިވިއަން އިން ބުންޏެވެ.