ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރުން އިތުރުކުރުމަށް މިހާރު ކުރިއަށްގެންދާ ހަރަކާތުގެތެރެއިން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 75،000 މެންބަރުން ހަމަވުމަށް ކަމަށާއި އެ އަދަދު ހާސިލު ކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރިއަށް ގެންދަވާކަން ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ޕީއެންސީ ހެދުމަށް، އެ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް މުޅި ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ފެށީ މި އަހަރުގެ އޮގަސްޓު އެއް ވަނަ ދުވަހު އެވެ. އަދި އެ ހަރަކާތް އޮކްޓޯބަރު 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަން ވަނީ ނިންމާފައެވެ.
ފަލާހު "ވަން" އަށް މިއަދު ވިދާޅުވީ މިހާތަނަށް ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތްތަކުން 50،000 ގާތްކުރާ އަދަދަކަށް ފޯމް ލިބިފައިވާ ކަމަށެވެ.
"ނޮވެމްބަރު ނިމޭއިރު، އަޅުގަނޑުމެންގެ ޕާޓީގައި 75،000 މެންބަރުން ތިބޭނެ އިރާދަކުރެއްވިއްޔާމުން. ކޮންމެ ދުވަހަކުވެސް ފޯމު ފުރުމުގެ މަސައްކަތް ކުރިއަށްދާނެ. ވަރަށް ބޮޑު ހަރަކާތެއްވީމަ ޓައިމްކޮޅެއް ނަގާނެ އިތުރަށް 45،000 ފޯމް ފުރަން ތިއްބަސް އަދި ވަރަށް ޓައިމް ނަގާނެ. މިއަދުވެސް މާލޭގައި މައްޗަންގޮޅިއާއި ގަލޮޅުގައި ފޯމު ފުރުމުގެ ހަރަކާތްތައް ކުރިޔަށް އެބަދޭ. ބޮޑެތި ސިޓީތަކަށް ބަލާނަމަ، އައްޑޫސިޓީގައާއި ކުޅުދުއްފުށި ސިޓީގައިވެސް ކުރިއަށް އެބަދޭ." ފަލާހު ވިދާޅުވިއެވެ.
މިހާރު ލިބިފައި ހުރި ފޯމުތައްވެސް އީސީއަށް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށާއި މިހާރު ޕީއެންސީގައި ރަޖިސްޓްރީވެފައި ތިބި މެންބަރުންގެ އަދަދު 30،000 އާއި 40،000 ދެމެދުގެ އަދަދަކަށް އަރާ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
"ރައްޔިތުން ތިބީ ރައީސުލްޖުމްހޫރިއްޔާގެ މި ސިޔާސަތަށް ރުހި ގަބޫލުވެގެންކަން ވަރަށް ބޮޑަށް ހާމަވޭ. 75،000 މެންބަރުންނާއެކު ޕީއެންސީ ވެގެންދާނީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް. މިހާ ގިނަ އަދަދެއްގެ ރައްޔިތުން އެއް ޕާޓީއަކަށް ވަންނާނީ ސަރުކާރަކަށް އެ ރައްޔިތުން ވަރަށް ބޮޑު ތާއީދެއް ކުރާތީ." ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ، ޕީއެންސީއަށް މެންބަރުން އިތުރުކުރަން ކުރިއަށް ގެންދާ ހަރަކާތުން، ރައްތިޔުންގެ ފަރާތުން ސަރުކާރު މިހާރު ހިންގާ ގޮތާމެދު އެއްވެސް ޝަކުވާއެއް ލިބިފައި ނުވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައި ހުރި ތަރައްގީގެ ޕްލޭންތައް ނިންމުމަށާއި އެ މަނިކުފާނުގެ ރިޔާސީ ވައުދުތައް ފުއްދުމަށް ޕީއެންސީއާ ވީހާވެސް ގިނަ ބަޔަކު ގުޅުމަކީ އެ ޕާޓީގެ އެދުން ކަމަށް ފަލާހް ވަނީ މިދިޔަ އޮގަސްޓު މަހުގެ 10 ވަނަ ދުވަހު "ވަން" އަށް ވިދާޅުވެފައެވެ..
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު