ރާއްޖެއިން އެމްޕޮކްސްގެ ކޭސްއެއް ފެނިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދޮގުކޮށްފިއެވެ.

އެޗްޕީއޭ އިން ބުނީ ހުޅުމާލެ އިން އެމްޕޮކްސްގެ ކޭސްއެއް ފެނިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރާ ވާހަކައަކީ ދޮގެއް ކަމަށެވެ. އަދި މިއަދާ ހަމައަށް ރާއްޖޭގައި އެއްވެސް ކޭސްއެއް ރެކޯޑު ކުރެވިފައި ނުވާ ކަމަށް އެ އެޖެންސީން ބުންޏެވެ.

ގައިގޯޅިވުމުގެ ސަބަބުން ފެތުރޭ އެމްޕޮކްސް އެންމެ ފުރަތަމަ ފެނުނީ އެފްރިކާގެ ގައުމެއް ކަމަށްވާ ކޮންގޯއިންނެވެ. އެ ބަލި އޭޝިއާގެ ބައެއް ގައުމުތަކުން ވެސް މިހާރު ފެނިފައިވާއިރު އޭގެ ތެރޭގައި އިންޑިއާވެސް ހިމެނެއެވެ.

އެ ބަލި ހަލުވިކަމާއެކު ފެތުރެމުންދާތީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗް އިން މިދިޔަ އޮގަސްޓު މަހު ވަނީ ބަލީގެ ހާލަތު އޮތީ ޕަބްލިކް ހެލްތު އިމަޖެންސީއެއް ނުވަތަ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއްގެ ގޮޮތުގައި އިއުލާންކޮށްފައެވެ.