އޯލެވެލް އަދި އޭލެވެލްގައި އެންމެ ރަނގަޅު ނަތީޖާ ހޯދި 441 ދަރިވަރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އިނާމު ދެއްވައިފިއެވެ.
ތިން ދަންފަޅިއަކަށް ބަހާލައިގެން މިއަދު ވަނީ 2022 އަދި 2023 ވަނަ އަހަރުގެ އޯލެވެލް އަދި އޭލެވެލްގެ އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފައެވެ. އެއީ ހެނދުނު، މެންދުރު އަދި މިރޭ ބޭއްވި ޖަލްސާއެވެ. އެ ތިން ޖަލްސާ ވެސް ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް ވަނީ އެ ޖަލްސާތަކުގައި އޯލެވެލް އަދި އޭލެވެލްގެ އެންމެ ރަނގަޅު ނަތީޖާ ހޯދި 441 ކުއްޖަކަށް އިނާމު ދެއްވައިފައެވެ. އަދި މިރޭގެ ޖަލްސާގައި ރައީސް ވަނީ އޯލެވެލް އަދި އޭލެވެލް ނިންމައި އިމްތިހާނުތަކުން މުޅި ދުނިޔެއިން އެއްވަނަ އަދި ގައުމީ ގަދަ 10 ގެ އެއްވަނަ ނަތީޖާ ހޯދި ދަރިވަރުންނަށް ޓްރޮފީ އާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވައިފައެވެ.
މީގެ ކުރިން އޯލެވެލް އަދި އޭލެވެލް ނިންމާ ކުދިންނަށް އިނާމު ދިނުމުގެ ޖަލްސާ ބާއްވާފައިވަނީ ސަރުކާރުގެ ނުވަތަ އަމިއްލަ ބޮޑެތި ކުންފުނިތަކުން ސްޕޮންސާކޮށްގެންނެވެ. އަދި ދަރިވަރުންނަށް ވެސް ސްޕޮންސަރުންގެ އަތުން އިނާމު ހޯދައިގެންނެވެ.
ނަމަވެސް އެ ޖަލްސާއަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ބާއްވާ ޖަލްސާއެއްގެ ގޮތުގައި ރައީސް ވަނީ މިފަހަރު ހަމަޖައްސަވައިފައެވެ. މީގެ އިތުރުން ވަނަތަކަށް ހޮވި، އިނާމު ލިބޭ ދަރިވަރުންނަށް، ސަރުކާރުގެ ފަރާތުން ރަނގަޅު ފެންވަރުގެ އަދި ދަރިވަރުންނަށް ބޭނުންވާނެ އިނާމުދެއްވުމަށް ރައީސް ވަނީ އިރުޝާދު ދެއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު