މަޝްހޫރު ވީޑިއޯ ގޭމް، "އީއޭ އެފްސީ"ގެ މިއަހަރުގެ އެޑިޝަން، "އީއޭ އެފްސީ 25" ގައި އާސެނަލްގެ ބެލްޖިއަމް ފޯވަޑް ލިއާންޑްރޯ ޓްރޮސާޑަށް ދީފައިވާ ރޭޓިންއާ މެދު އޭނާ ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ މަހުގެ 24 ވަނަ ދުވަހު އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތްތާ ދެ މިނެޓުގެ ތެރޭގައި ޓްރޮސާޑް ވަނީ ގޯލެއް ޖަހައިފައެވެ. ދެވަނަ ހާފުގައި ޖެހި ގޯލުތަކުން އެ މެޗުން އާސެނަލް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އެ މެޗަށްފަހު މިދިޔަ މަހުގެ 31 ވަނަ ދުވަހު ބްރައިޓަންއާ ދެކޮޅަށް ކުޅެ 1-1 ގެ ނަތީޖާއަކުން އާސެނަލް އެއްވަރުވި މެޗުގެ ފުރަތަމަ 11 އިން ޓްރޮސާޑަށް ފުރުސަތު ލިބިގެންދިޔައެވެ.
މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ފަހުކޮޅު ޓްރޮސާޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އިރު، އޭނާ ވަނީ އެ ސީޒަނުގެ ލީގުގައި އާސެނަލުން ކުޅުނު ފަހު ހަ މެޗުން ހަތަރު ގޯލު ކާމިޔާބުކޮށްފައެވެ. ނަމަވެސް އެ ކުޅުމާއެކު ވެސް އެފްސީ 25 ގެ އޭނާގެ ރޭޓިންއަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ.
އެފްސީ 24 އަށްވުރެ އެފްސީ 25 ގައި ޓްރޮސާޑްގެ ރޭޓިން ކޮންމެވެސް ވަރަކަށް ވަނީ މައްޗަށް ގޮސްފައެވެ. އެގޮތުން މިހާރު އޭނާ ޕޭސް 82 އަށް މައްޗަށް ގޮސްފައިވާ އިރު، ޝޫޓިން މަތިވެފައިވަނީ 81 އަށެވެ. ނަމަވެސް އެއީ ވަރަށް ކުޑަ މާޖިންއެއްގެ ކުރިއެރުމެކެވެ.
"އެއަށްވުރެ އަހަރެންގެ ރޭޓިން މައްޗަށް ދާން ޖެހޭނެ. އެއީ އަހަރެންނަށް ހިތްހަމަޖެހޭ މިންވަރެއް ނޫން. ކޮންމެ އެޓޭކަރަކަށް ވެސް ޝޫޓިންއަކީ މުހިންމު ބައެއް. އަހަރެން މުޅި އުމުރުގައި ވެސް އެކަމަށް މި މަސައްކަތްކުރީ. ހާއްސަކޮށް އަހަރެން ދެ ފައި ބޭނުންކޮށްގެން ގޯލު ޖެހުމަށް މަސައްކަތްކުރަން. އަހަރެން ވާނީ ވަރަށް ރީތި ގޯލުތަކެއް ކާމިޔާބުކޮށްފައި،" 'ޕްރިމިއާ ލީގު' ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ޓްރޮސާޑް ބުންޏެވެ.
މިދިޔަ ސީޒަނުގައި ޓްރޮސާޑް ހިމެނިގެން ގޮސްފައިވަނީ އާސެނަލްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާގެ ގޮތުގައެވެ. އާސެނަލަށް އޭނާ 46 މެޗު ކުޅެ، 17 ގޯލު ކާމިޔާބުކޮށް ދެ އެސިސްޓް ހަދާފައިވެއެވެ. އެފްސީ 25 ގައި ޓްރޮސާޑްގެ ޖުމުލަ ރޭޓިންއަކީ 83 އެވެ. އެއީ އެފްސީ 24 އަށްވުރެ އެންމެ ދެ ޕޮއިންޓުގެ ކުރިއެރުމެކެވެ.
އާސެނަލް
އާސެނަލް
އާސެނަލް
އާސެނަލް