އަންހެނުންނާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ވިއްކި ޗެނަލްތަކަށް ސަބްސްކްރައިބް ކުރި މީހުންނަށް ފިޔަވަޅު އަޅަން ފަހަތަށް ނުޖެހޭނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައިބާ ކްރައިމް އިންވެސްޓިގޭޓަރު އަޒީފް އައްބާސް ވިދާޅުވީ، ބަރަހަނާ މަންޒަަރުތައް ދައުރުކުރި ޗެނަލްތަކަށް ސަބްސްކްރައިބް ކުރި މީހުންނަށް ފިޔަވަޅު އެޅޭނެ ގޮތުގެ ގާނޫނީ ފްރޭމްވޯކެއް އެބަ އޮތް ކަމަށެވެ.
"އަޅުގަނޑުމެން އެއްވެސް ވަރަކަށް ފަހަތަށް ނުޖެހޭނަން އެފަދަ ފަރާތްތަކާ ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް،" އަޒީފް ވިދާޅުވި އެވެ.
އަޒީފް ވިދާޅުވީ، އެ ފަދަ ޗެނަލްތަަކަށް ވަންނަ މީހުންނާމެދުވެސް ފިޔަވަޅު އަޅާނެ ކަމަށާއި އަދި އެކަމަށް ހިތްވަރުދީ، އެފަދަ ވީޑިއޯތަކާއި ފޮޓޯތައް ދައުރުކުރާ ފަރާތްތައް ދެނެގަނެ އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅާނެ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ސައިބާ އެނަލިސިސް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފަޔާޒް އިސްމާއިލް ވިދާޅުވީ، ބަރަހަނާ މަންޒަަރުތައް ދައުރުކުރި ޗެނަލްތަކުގައި ކުޑަކުދިންގެ ބަރަހަނާ މަންޒަރާ ފޮޓޯވެސް އެކުލެވޭ ކަމަށާއި ބައެއް ފޮޓޯތައް އާއްމުކޮށްފައި ހުރީ އެ ކުދިންގެ ވަނަވަރު އެނގޭ ގޮތަށް ކަމަށެވެ.
ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯ ހިމެނޭ 571 ޓެލެގްރާމް ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފައިވާއިރު، މީގެ ތެރޭގައި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 43 ޗެނަލް ހިމެނެއެވެ. އަދި މި ޗެނަލްތަކުގައި ޖުމްލަ 241،651 ފޮޓޯއާއި 86،618 ވީޑިއޯ ހިމެނެއެވެ. ފުލުހުން ހާމަކުރި ގޮތުން މި ޗެނަލްތަކަށް 34،680 މީހުން ވަނީ ސަބްސްކްރައިބް ކޮށްފައެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އެކަމުގެ އިސްކޮށް ހިމެނޭ އދ. މަހިބަދޫ ބަހާރުގެ، ޒުބައިރު އަލީ (45އ)، ކ. މާލެ ދަފްތަރު ނަންބަރު ރސ14751 ނާސިފް އަލީ (46އ) އަދި ކ. ކާށިދޫ ސިލިންކޯ، އިސްމާއީލް ރަބީހް (29އ) އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެ ޗެނަލްތަކުގައި ދައުރުކުރި ބަރަހަނާ މަންޒަރާއި ފޮޓޯ ވިއްކައިގެން ދެ މިލިއަން ރުފިޔާ އެ މީހުން ހޯދާފައިވާ ކަމަށެވެ..
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު