ބޭހުގެ އަގުން ބޮޑު ފައިދާ ނެގުން ހުއްޓުވަން ފިޔަވަޅުތަކެއް އަޅަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.

ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑޮކްޓަރީ ބޭސް ރާއްޖެއަށް އެތެރެކޮށް މިިހާތަނަށް ވިއްކަމުން ގޮސްފައިވަނީ 200 ޕަސެންޓުން ފެށިގެން 2000 އިންސައްތަައާ ދެމެދުގެ ފައިދާއެއް ލާފައި ކަމަށެވެ. އެވަރުގެ ބޮޑު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުން ހުރި އެންމެހައި މުއައްސަސާތަކަށް މިހާރު އަންގަވާފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެކަމުގެ ސަބަބުން، ބޭހުގެ ބާޒާރު އަގާއި އާސަންދައިން ޗާޖުކުރާ އަގު ދަށްކުރެވިގެންދާނެ ކަމަށެވެ. އެ ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލާއި ތަފުސީލު ވަރަށް އަވަހަށް އާންމުކޮށް އިއުލާން ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މި ބަދަލުގެ ނަތީޖާއެއްގެ ގޮތުން، އާސަންދަ އިން އިސްރާފުވަމުންދާ ގިނަ އަދަދެއްގެ ފައިސާ (އެތައް ސަތޭކަ މިލިއަން ރުފިޔާ) ސަލާމަތްކުރެވި، ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ފައިސާ ބޭނުންކުރެވޭނެ މަގު ތަނަވަސްވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ބޭހުގެ އަގު ދަށްކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ރައީސް އެންގެވި އިރު، ބަލްކް ޕްރޮކިއުމަންޓުގެ ދަށުން ޔޫރަޕްގެ ކޮލިޓީގެ ބޭސް ރާއްޖެއަށް އެތެރެކޮށް، އެސްޓީއޯ އިން ސަޕްލައި ކުރަން ވަނީ ފަށައިފައެވެ. އެއީ ރައްޔިތުންނަށް ހެޔޮ އަގުގައި ކޮލިޓީ ބޭސް ފޯރުކޮށްދިނުމަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ފެށި ކަމެކެވެ.