ކުޅުދުއްފުށި ސިޓީގެ ފަޅުތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން މީގެ އިރުކޮޅެއް ކުރިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ކުޅުދުއްފުށީ އުތުރު ފަޅުތެރޭގައި މީހަކު މަރުވެފައި އޮތް ކަމަށް މިއަދު 8:17 ހާއިރު ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެމީހާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނުނީ، އެ ސިޓީގެ ޑެއިޒީފެހި، މުހައްމަދު ހަސަން، 36، އެވެ.

ކުޅުދުއްފުށި ފަޅުތެރޭގައި މަރުވެފައި އޮތް މީހަކު ފެނުނު އިރު، އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ނ. ހޮޅުދޫން ވަނީ، ޒަހަމްތަކަކާއެކު، މަރުވެފައި އޮތް ދިވެހި އަންހެނަކުވެސް ފެނިފައެވެ.