ދައުރު ހަމަވެފައި އޮތް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގެ ހިންގުން، އެ އެސޯސިއޭޝަންގެ މުއައްސިސް، ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާ ހަވާލުކުރީ ޖުމުލަކޮށް ބެޑްމިންޓަން ކުޅޭ ހުރިހާ ކުޅުންތެރިން، އޭގެ ތެރޭގައި ގައުމީ ޓީމުގެ ކުޅުންތެރިނާއި ކޯޗުގެ އިތުރުން އޮފިޝަލުންގެ ވެސް މަސްލަހަތު ރައްކާތެރި ކުރުމަށްޓަކައި ކަމަށް ކޮމިޝަނަރު އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ހާލަތު ގޯހުން ގޯހަށް ގޮސް، ދައުރު ހަމަވިތާ ފަސް މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެކަމާ ގުޅިގެން ކޮމިޝަނަރު އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެސޯސިއޭޝަންގެ ހިންގުން އެ އިދާރާގެ މުއައްސިސް، ސްޕޯޓްސް ކައުންސިލާ ހަވާލުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ބޯޑަށް އެންމެ ފަހުން މީހުން އިންތިހާބު ކުރީ 24 ފެބްރުއަރީ 2021 ގައެވެ. އެ ހިންގާ ބޯޑު ކޮމިޝަނަރު އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރީ 11 މާޗް 2021 ގައެވެ. އިންތިހާބެއް ނުބޭއްވި ބެޑްމިންޓަން އެސޯސިއޭޝަން އެ ހާލަތަށް ގޮސްފައިވަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއްގެ ތެރެއިންނެވެ. އެ އިދާރާ ހިންގަވަން ހުންނެވި ރައީސް މޫސާ ނާޝިދު (މޫސަ) އާއި ބެޑްމިންޓަން އެސޯސިއޭޝަންގެ ކޮރަޕްޝަން މައްސަލައެއް މާޗު މަހުގެ ތެރޭގައި އޭސީސީން ބަލަން ފަށާފައިވާ އިރު، އެ މައްސަލައާ ގުޅިގެން އޭސީސީން ވަނީ އެސޯސިއޭޝަނަށް ވެސް ވަދެފައެވެ. އެފަހަރު އޭސީސީން ބުނީ ކޯޓު އަމުރެއްގެ ދަށުން ބީއޭއެމްގެ ރައީސް މޫސައާ ގުޅުންހުރި ބައެއް ތަންތަން ބަލަމުން އަންނަ ކަމަށެވެ.

އަވަސް އަރުވާލައިގެން އިންތިހާބު ބާއްވަން އެސޯސިއޭޝަނުން ކުރި މަސައްކަތް ވެސް އޭސީސީ އާއި ކޮމިޝަނާ އޮފް ސްޕޯޓްސް އިން ހުއްޓުވާފައިވާ އިރު، އިންތިހާބެއް ނުބޭއްވި ލަސްވެގެން ދިޔައީ އަސާސީ ގަވާއިދު އިސްލާހު ކުރުމަށް ވެސް ތޮލާލް އަންގަވާފައިވާތީއެވެ.

ބީއޭއެމްއިން ވަނީ އެ މައްސަލައިގައި، ކޮމިޝަނާ ތޮލާލްގެ ނިންމެވުން އެއީ ބާތިލު ނިންމެވުމެއް ކަމަށް ކަނޑައަޅައިދީ، އެސޯސިއޭޝަނުގެ ހިންގުން އެންމެފަހުން އޮތް ވަގުތީ އެކްސްކޯއާ ހަވާލުކޮށްދިނުމަށް ވަގުތީ އަމުރެއް ނެރެދޭން ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. އެ އެސޯސިއޭޝަނުން އެގޮތަށް ހުށަހެޅީ، އެސޯސިއޭޝަނުން ދިން މައުލޫމާތަށް އެކަނި ބިނާކޮށް، ދުނިޔޭގެ ބެޑްމިންޓަން މައި އިދާރާ (ބީޑަބްލިޔުއެފް) އިންވެސް އަންގާފައިވާ އެންގުމެއްގެ ބޭނުން ވެސް ކޮށްގެންނެވެ. އެ އެންގުމުގައި ވަނީ ތިންވަނަ ފަރާތެއްގެ ނުފޫޒެއް ފޯރުވާނަމަ ބެޑްމިންޓަން ސަސްޕެންޑް ކުރާނެ ކަމަށެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސްގައި ތޮލާލް ވިދާޅުވީ، އެގޮތަށް ބީޑަބްލިޔުއެފްއިން ސިޓީ ފޮނުވީ ބީއޭއެމްގެ ވާހަކަ އެކަނި ބަލާފައި ނަމަވެސް، މިހާރު އެމްއޯސީ މެދުވެރިވެ، ބީޑަބްލިޔުއެފާ މަޝްވަރާ ކުރައްވަމުންދާ ކަމަށެވެ. ބީއޭއެމްއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިހާރު ބާއްވާފައިވާ އިރު، ބީއޭއެމްގެ ހިންގާ ބޯޑު މުއްދަތު ހަމަވެފައި އޮތުމުން ސިވިލް ކޯޓުން އަމުރު ކުރީ ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށެވެ. އަދި ހިންގުން މިހާރު އޮތް ގޮތަށް މުއައްސިސު، ސްޕޯޓްސް ކައުންސިލާ ހަވާލުކޮށް ކުރިއަށް ގެންދިއުމަށް ވެސް އަމުރު ކުރިއެވެ.

"ބީއޭއެމްގައި މި އުޅޭ މައްސަލަ ހައްލުކުރަން މިހާރު އަޅާފައިވާ ފިޔަވަޅަކީ، އެއީ ސްޕޯޓްސް ކައުންސިލާއި ވަޒީރުގެ ވެސް މަޝްވަރާއާ އެކު އަޅާފައިވާ ފިޔަވަޅެއް. އެ ފިޔަވަޅު އަޅާފައިވަނީ ޖުމުލަކޮށް ބެޑްމިންޓަން ކުޅޭ ހުރިހާ ކުޅުންތެރިން، އޭގެ ތެރޭގައި ގައުމީ ޓީމުގެ ކުޅުންތެރިން ވެސް، ކޯޗުން ވެސް، އޮފިޝަލުން، މި އެންމެންގެ މަސްލަހަތު ރައްކާތެރި ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅެއް. އެއީ މަޖުބޫރުވެގެން އަޅާފައިވާ ފިޔަވަޅެއް. އެ ފިޔަވަޅު މިއަދު ނާޅައިފިނަމަ އަޅުގަނޑުމެންގެ ތެރެއިން ބެޑްމިންޓަން ގެއްލި ހިނގައިދާނެ. އަދި އެހެން ކުޅިވަރުގެ ވެސް ރައްކަލަކަށްޓަކައި އަޅާފައިވާ ފިޔަވަޅެއް ބީއޭއެމްއަށް އަޅާފައި އެއޮތީ،"

ތޮލާލް އިއްޔެގެ ޕްރެސްގައި ވިދާޅުވީ، މިހާރު ހިމެނޭ މައްސަލަތަކަކީ ޒަމާންވީ މައްސަލަތަކެއް ކަމަށާއި ކުޅިވަރު ގާނޫނުގައި ހުރި ފުށުއެރުންތަކެއްގެ މައްސަލަ ވެސް އޭގައި ހިމެނޭ ކަމަށެވެ. އަދި އެ ފުށުއެރުންތައް ނައްތާލަން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާ އެކު މަސައްކަތް ކުރައްވައި، ރަނގަޅު އިސްލާހުތަކެއް ގެނެވޭނެ ކަމަށެވެ. އަދި ވިދާޅުވީ މި ސަރުކާރުން ކުޅިވަރު ސިޔާސީ ނުކުރާނެ ކަމަށެވެ.

"މި ސަރުކާރުން ކުޅިވަރު ސިޔާސީއެއް ނުކުރާނެ. މިހާތަނަށް މި ސަރުކާރު އައިފަހުން އެސޯސިއޭޝަނަކުން ސިޔާސީ މަންފާއެއް ހޯދުމަށް، އެސޯސިއޭޝަނެއް ބޭނުންކޮށް، އެކަހަލަ ކަމެއް ކުރުވަން ވެސް މަސައްކަތް ކޮށްފައެއް ނުވާނެ. އެސޯސިއޭޝަނުގެ އިންތިހާބު ހުއްޓުވަން ޖެހުނީ، ޒަމާނުއްސުރެ ހުރި މައްސަލަތަކެއް ބަލައި، ގަވާއިދާ އެއްގޮތަށް ކަންކުރަން މަސައްކަތް ކުރާތީ އެތަން ފެންނަނީ،" ތޮލާލް ވިދާޅުވިއެވެ.