ހުސްވެފައިވާ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން މާދަމާ ރޭ ފަށަން ތާވަލުކޮށްފިއެވެ.
ހުސެއިން ޝަމީމު ޕީޖީކަމުން ވަކިކުރުމާއި ގުޅިގެން، އާ ޕީޖީއެއް އައްޔަންކުރުމުގެ މަސައްކަތް ފަަށަން މަޖިލީހުގެ ދައުރުން ބޭރުން މަދާމާ ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު އިއްޔެ ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު "ވަން" އަށް މިރޭ ވިދާޅުވީ، ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް ކުރުމަށް ދައުރުން ބޭރުން މާދަމާ ރޭ ޖަލްސާއެއް ބާއްވާނެ ކަމަށެވެ. ނަމަވެސް ބާއްވާނެ ވަގުތެއް ވިދާޅެއް ނުވެއެވެ.
ޕީޖީގެ މަގާމަށް ކުރިމަތިލާން މިދިޔަ މަހުގެ 27 ގައި ހުޅުވާލާފައިވާ މުއްދަތު މާދަމާ މެންދުރު 12 ޖަހާއިރަށް ހަމަވާނެއެވެ.
އެނގިފައިވާ ގޮތުގައި ޕީޖީގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ތިން ބޭފުޅެކެވެ. އެއީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް އާއި ގާނޫނީ ވަކީލު އާދަމް ޝަމީމްގެ އިތުރުން ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އައްބާސް ޝަރީފެވެ.
ޕީޖީގެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އުމުރުން 25 އަހަރު ވެފައިވާ ދިވެހި ރައްޔިތަކު ކަމުގައިވުމާއި އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން އަދި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމެވެ.
މީގެ އިތުރުން ގާނޫނީ ދާއިރާއިން ދަށްވެގެން ފުރަތަމަ ޑިގްރީއެއް ލިބިފައިވުމާއި ޝަރުއީ އަދި ގާނޫނީ ދާއިރާގައި ރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން ހަތަރު އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުމާއި ގާނޫނީ ދާއިރާއާ ގުޅުން ހުރި ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ މި ނޫންވެސް އެފަދަ ތަނެއްގެ ހިއްސާއެއް ނުވަތަ މަގާމެއް އޮތް މީހަކު ކަމުގައި ނުވުން ހިމެނެއެވެ. އަދި ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުންވެސް ހިމެނެއެވެ.
ޕީޖީގެ މަގާމަށް މީހަކު އައްޔަން ކުރާނީ، އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވުމުން، މަޖިލީހުން ފާސްކުރާ ގޮތެއްގެ މަތިންނެވެ.
ކުރިން ޕީޖީގެ މަގާމުގައި ހުންނެވި ޝަމީމް ވަކިކުރީ ބޮޑެތި ތުހުމަތުތަކެއްކޮށް، ކުރީގެ ސަރުކާރުގެ ވެރިންނާ ގުޅޭ ބައެއް ބޮޑެތި މައްސަލަތައް އޭނާ އަނބުރާ ގެންގޮސްފައިވަނީ އުސޫލާ ހިލާފަށް ކަމަށް ބުނެއެވެ
ޚަބަރު
ޚަބަރު
ޚަބަރު