ހެންވޭރު، ސޯސަންމަގު ކޮޅުގައި ހުންނަ ގާމަގު ކެފޭ (ދޫހިމިރި) ގައި ހިނގި އަލިފާނުގެ ހާދިސާގައި 22 ދިވެހިންނާއި 15 ބިދޭސީން ހާލުގައި ޖެހިފައިވާ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ގާމަގު ކެފޭގައި އަލިފާން ރޯވެގެން، އަލިފާން ނިއްވުމަށް ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެ އަލިފާންގަނޑު މިހާރު ވަނީ ނިއްވާލައިފައެވެ. އެތަނުގައި ރޯވެފައިވާ ވީޑިއޯއެއް އާންމުވެފައިވާ އިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި ރޯވެފައިވަނީ އެ ކެފޭގެ މަތީ ފްލޯގައެވެ.

ފުލުހުން ބުނީ އަލިފާން ރޯވި ވަގުތު މަގުމަތީގައި ތިބި ދެ މީހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ ބިދޭސީ އަންހެނަކާއި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އެންޑީއެމްއޭ އިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އަލިފާނުގެ ހާދިސާއާ ގުޅިގެން 37 މީހަކު ހާލުގައި ޖެހިފައިވާ ކަމަށެވެ.

"މީގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި 15 ބިދޭސީން. މި ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މި އޮތޯރިޓީން މިވަގުތު ދަނީ ކުރަމުން،" އެންޑީއެމްއޭ އިން ބުންޏެވެ.

ގާމަގު ކެފޭގައި އަލިފާން ރޯވި ސަބަބެއް ފުލުހުން އަދި އެމްއެންޑީއެފުން ވެސް އަދި ހާމައެއް ނުކުރެއެވެ.