ބަރަހަނާ މަންޒަރު ވިއްކާ ޓެލެގްރާމްގެ ޗެނަލްތަކުގައި އަންހެނުންގެ 300،000 އަށް ވުރެ ގިނަ ފޮޓޯ އާއި ވީޑިއޯ ހުރި ކަމަށާއި އެ މަންޒަރުތައް ބަލަން ދެ މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ހިމެނޭ ޗެނަލްތަކުގައި ރާއްޖޭގެ އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 241،651 ފޮޓޯ އާއި 86،618 ވީޑިއޯ ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯ އާއި ވީޑިއޯ ހިމެނޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޓެލެގްރާމުގައި 571 ޗެނަލް ކްރިއޭޓްކޮށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި މީހުންގެ ބަރަހަނާ މަންޒަރުތައް ބަލަން 34،680 ސަބްސްކްރައިބްކޮށް ފީގެގޮތުގައި 2 މިލިޔަނެއްހާ ރުފިޔާގެ އާމްދަނީއެއް ހޯދަމުންދިޔަ ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ އދ. މަހިބަދޫ/ ބަހާރުގެ، ޒުބައިރު އަލީ (45އ) އާއި ކ. މާލެ/ދަފްތަރު ނަންބަރު ރސ14751 ނާސިފް އަލީ (46އ) އަދި ކ. ކާށިދޫ/ސިލިންކޯ، އިސްމާއީލް ރަބީހް (29އ)އެވެ.
ޒުބައިރާއި ނާސިފް ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހެވެ. ރަބީހު ހައްޔަރުކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހެވެ. އެގޮތުން ނާސިފާއި ރަބީހަށް މި މަހުގެ ފަސްވަނަ ދުވަހު 15 ދުވަހުގެ ބަންދު މުއްދަތެއް ވަނީ ޖަހައިފައެވެ. އަދި ޒުބައިރަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިފައެވެ.
އެ ތަހުގީގުން ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ޕޯސްޓުކުރުމަށް 43 ޗެނަލް ހިންގާފައިވާކަން ވެސް އެނގިފައިވާ ކަމަށެވެ. އަދި އެ ޗެނަލްތަކަށް ވަދެ ފައިސާ ދައްކައިގެން 3،468 މީހުން ޗެނަލްތަކަށް ސަބްސްކްރައިބް ކޮށްފައިވާ ކަމަށާއި އަދި އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުން ސަބްސްކްރިޕްޝަން ފީގެ ގޮތުގައި ދެ މިލިޔަނެއްހާ ރުފިޔާ އާމްދަނީއެއް ހޯދާފައިވާކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ތިން މީހުން ހައްޔަރުކޮށް މައްސަލައާ ގުޅުން ހުރި ޑިޖިޓަލް އިލެކްޓްރޯނިކް 14 އާލާތް ބަލައި ފާސްކުރި ކަމަށާއި އަދި އެ ތިން މީހުންގެ ނަމުގައި ހަދާފައިވާ ޓެލެގްރާމް ނުވަ އެކައުންޓު ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒް ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު