ޑޮލަރު ވިއްކާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ހިންގާ ބޮޑު ސްކޭމަކަށް ސަމާލުވާން ފުލުހުން އިލްތުމާސްކޮށްފިއެވެ.

ފުލުހުން ބުނީ ޑޮލަރު ވިއްކާ ކަމަށް ބުނެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ އަމަލުތަކެއް މިދަވަސްވަރު އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ކުރުމުގައި އިތުބާރު ހުރި، ގާނޫނީގޮތުން ހުއްދަ ލިބިފައިވާ ފަރާތްތަކާ މުއާމަލާތް ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ރާއްޖެއަށް ދިމާވެފައިވާ ޑޮލަރު ލިބުމުގެ ތާށިކަމުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މައްސަލަ ވަނީ ބޮޑުވެފައެވެ.

އެކަމާ ގުޅިގެން ބިދޭސީން ހިމެނޭގޮތުން، ޓެލެގްރާމް، ފޭސްބުކް، ވައިބާ ފަދަ ކޮމިއުނިޓީ ތަކުގައި ބޭރުފައިސާ ގަތުމުގެ ނަމުގައި ހިންގާ ސްކޭމްތަކުގެ މިންވަރު ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން ވަގު ޑޮލަރު ވިއްކާ މައްސަލަތަކެއް ވެސް ވަނީ މި ފަހުން ފެންމަތިވެފައެވެ.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގައި ގިނައިން ހަރަކާތްތެރިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންކަން ވަނީ ފާހަގަވެފައެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދިޔަ ފަސް ބިދޭސީއަކު، ގިނަ އަދަދެއްގެ ފައިސާ އާއެކު މިދިޔަ ހަފުތާގައި ވަނީ އަތުލައިގެންފައެވެ.