ލިވަޕޫލްގެ ލެޖެންޑް، އެޓީމުގެ ކެޕްޓަންކަން ގިނަ ދުވަސްތަކެއް ވަންދެން ކުރި ރޮން ޔީޓްސް މަރުވެއްޖެއެވެ.

ސްކޮޓްލޭންޑްގެ ޑިފެންޑަރު ޔީޓްސް ރޭ މަރުވެފައި ވަނީ އުމުރުން 86 އަހަރުގައެވެ. އޭނާ ވަނީ 1962 ވަނަ އަހަރު ބިލް ޝޭންކްލީގެ ކޯޗުކަމުގައި ލިވަޕޫލާއެކު އިނގިރޭސި ދެވަނަ ޑިވިޝަން ކާމިޔާބު ކޮށްފައެވެ. އިސްކޮޅުން ދިގު، ވަރުގަދަ ޑިފެންޑަރެއްގެ ގޮތުގައި ކޯޗުން ސިފަކޮށްފައިވާ ޔީޓްސް ވަނީ އޭގެފަހުން ލިވަޕޫލާއެކު އިނގިރޭސި ފުރަތަމަ ޑިވިޝަނުގެ ދެ ތަށްޓާއި އެފްއޭ ކަޕްގެ އިތުރުން ތިން ފަހަރަށް ޗެރިޓީ ޝީލްޑްވެސް ކާމިޔާބު ކޮށްފައެވެ.

ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވިފަހުން ލިވަޕޫލަކީ އިނގިރޭސި ތާރީހުގައި އެންމެ ކާމިޔާބު ކްލަބަށް ހަދައިދޭން، އެކަމުގެ ފެށުމުގައި ޔީޓްސްގެ ދައުރު ބޮޑެވެ. އޭނާ ވަނީ އެކްލަބަށް ޕްލޭޔާ-މެނޭޖަރެއްގެ ގޮތުގައިވެސް 454 މެޗު ކުޅެދީފައެވެ. އޭގެ ތެރެއިން 400 އަށްވުރެ ގިނަ މެޗުގައި އެޓީމުގެ ކެޕްޓަންކަން ކުރީވެސް ޔީޓްސްއެވެ. ޔީޓްސްއަށްވުރެ ގިނައިން ލިވަޕޫލަށް ކެޕްޓަން ބޭންޑްގައި ކުޅެފައިވާ ހަމައެކަނި ކުޅުންތެރިޔަކީ ސްޓީވަން ޖެރަޑެވެ.

ޔީޓްސް، އަލްޒައިމާސް ޑިޒީޒް ޖެހިފައިވާ ކަމަށް މިދިޔަ ޖެނުއަރީ މަހު އިއުލާނުކޮށްފައިވާ އިރު، އޭނާގެ ވަކިވުމާއެކު ލިވަޕޫލުން ވަނީ އެ ކްލަބުގެ އިހުލާސްތެރި ހިދުމަތްތެރިޔަކު ވަކިވެދިޔުމުން، އާއިލާއަށް ތައުޒިޔާ ރައްދުކޮށްފައެވެ. އަދި ލިވަޕޫލްގެ ތަމްރީނު ހަދާ މަރުކަޒުގައި އެކްލަބުގެ ދިދަ ބައިދަނޑިއަށް ތިރިކުރަންވެސް ވަނީ ނިންމައިފައެވެ.