ދައުރު ހަމަވެފައި އޮތް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ހިންގުން، އެ އެސޯސިއޭޝަންގެ މުއައްސިސް، ކުޅިވަރާބެހޭ ގައުމީ މަޖިލީހާ ހަވާލުކުރި ކަމަށް އަންގައި ފޮނުވާފައިވާ ސިޓީއަކީ ގާނޫނުން ބޭރުން ފޮނުވާފައިވާ ސިޓީއެއް ކަމަށް ކަނޑައަޅައި ދިނުމަށާއި އެ ނިންމުމަށް އަމަލުކުރަން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ބީއޭއެމް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، އެ އެސޯސިއޭޝަނުން އެދުނު ވަގުތު އަމުރު ނެރެ ނުދޭން ސިވިލް ކޯޓުން ނިންމައިފިއެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ހާލަތު ގޯހުން ގޯހަށް ގޮސް، ދައުރު ހަމަވިތާ ފަސް މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެކަމާ ގުޅިގެން ކޮމިޝަނަރު އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެސޯސިއޭޝަންގެ ހިންގުން އެ އިދާރާގެ މުއައްސިސް، ސްޕޯޓްސް ކައުންސިލާ ހަވާލުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
"ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގުން ވަގުތީގޮތުން އެ އެސޯސިއޭޝަންގެ މުއައްސިސް (ކުޅިވަރާބެހޭ ގައުމީ މަޖިލިސް) އާ ހަވާލުކުރުމަށް ނިންމައި، އެކަން އެ އެސޯސިއޭޝަނަށް މިއަދު ވާނީ އަންގާފައި. އަދި އެސޯސިއޭޝަންގެ އާ ހިންގާ ކޮމިޓީ އިންތިހާބު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މަޝްވަރާ އާއެކު ވަނީ ފެށިފައި،" ތޮލާލް ވިދާޅުވިއެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ބޯޑަށް އެންމެ ފަހުން މީހުން އިންތިހާބު ކުރީ 24 ފެބްރުއަރީ 2021 ގައެވެ. އެ ހިންގާ ބޯޑު ކޮމިޝަނަރު އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރީ 11 މާޗް 2021 ގައެވެ. އިންތިހާބެއް ނުބޭއްވި ބެޑްމިންޓަން އެސޯސިއޭޝަން އެ ހާލަތަށް ގޮސްފައިވަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއްގެ ތެރެއިންނެވެ. އެ އިދާރާ ހިންގަވަން ހުންނެވި ރައީސް، މޫސާ ނާޝިދު (މޫސަ) އާއި ބެޑްމިންޓަން އެސޯސިއޭޝަންގެ ކޮރަޕްޝަން މައްސަލައެއް މާޗު މަހުގެ ތެރޭގައި އޭސީސީން ބަލަން ފަށާފައިވާ އިރު، އެ މައްސަލައާ ގުޅިގެން އޭސީސީން ވަނީ އެސޯސިއޭޝަނަށްވެސް ވަދެފައެވެ. އެފަހަރު އޭސީސީން ބުނީ ކޯޓު އަމުރެއްގެ ދަށުން ބީއޭއެމްގެ ރައީސް މޫސައާ ގުޅުންހުރި ބައެއް ތަންތަން ބަލަމުން އަންނަ ކަމަށެވެ.
އަވަސް އަރުވާލައިގެން އިންތިހާބު ބާއްވަން އެސޯސިއޭޝަނުން ކުރި މަސައްކަތްވެސް އޭސީސީއާއި ކޮމިޝަނާ އޮފް ސްޕޯޓްސް އިން ހުއްޓުވާފައިވާ އިރު، އިންތިހާބެއް ނުބޭއްވި ލަސްވެގެން ދިޔައީ އަސާސީ ގަވާއިދު އިސްލާހުކުރުމަށްވެސް ތޮލާލް އަންގަވާފައިވާތީއެވެ.
ބީއޭއެމް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން އެ އިދާރާގެ ގާނޫނީ ވަކީލު، އަލީ ސައީދު "ވަން ސްޕޯޓްސް"އަށް ވިދާޅުވީ، މައްސަލަ ހުށަހެޅުއްވީ ކޮމިޝަނަރު އޮފް ސްޕޯޓްސްއަށް ލިބިދޭ ބާރުގެ ބޭރުން ފޮނުވާފައިވާ ސިޓީއަކަށްވާތީ ކަމަށެވެ. އަދި މި ހާލަތުގައި ދުނިޔޭގެ ބެޑްމިންޓަން މައި އިދާރާ (ބީޑަބްލިޔުއެފް) އިންވެސް އަންގަވާފައިވަނީ އިތުރު ފަރާތެއްގެ ނުފޫޒެއް ނެތި މައްސަލަ ހައްލުކުރަން ކަމަށްވެސް ވިދާޅުވިއެވެ. އަދި އިދާރީ ހިންގުން އެންމެފަހުގެ ހިންގާ ކޮމިޓީއާ ހަވާލުކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާގެ މައްޗަށް ވަގުތީ އަމުރަކަށް ހުށަހެޅުއްވި ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
މައްސަލައިގެ ފުރަތަމަ އަޑުއެހުން އާދީއްތަ ދުވަހު ބޭއްވި އިރު، ބީއޭއެމްގެ ހިންގާ ބޯޑު މުއްދަތު ހަމަވެފައި އޮތުމުން ސިވިލް ކޯޓުން އަމުރު ކުރީ ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށެވެ. އަދި ހިންގުން މިހާރު އޮތް ގޮތަށް މުއައްސިސު، ސްޕޯޓްސް ކައުންސިލާ ހަވާލުކޮށް ކުރިއަށް ގެންދިއުމަށްވެސް އަމުރުކުރިއެވެ.
ބީއޭއެމް އިން ސިވިލް ކޯޓަށް އެގޮތަށް މައްސަލަ ހުށަހަޅާފައިވީ ނަމަވެސް، ކޮމިޝަނަރު އޮފް ސްޕޯޓްސްގެ ނިންމެވުމަކީ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދަށްވެސް ބައްލަވައި ނިންމާފައިވާ ނިންމެވުމެކެވެ. އެގޮތުން އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގެ ތިންވަނަ މާއްދާގައިވާ ގޮތުން އެސޯސިއޭޝަނުގެ މުއައްސިސަކީ ސްޕޯޓްސް ކައުންސިލެވެ. އެހެންކަމުން ހިންގާ ކޮމިޓީގެ މުއްދަތު ހަމަވެގެން ހިންގަމުންދާ ހާލަތެއްގައި ކޮމިޝަނާ އޮފް ސްޕޯޓްސްއަށް އޮތީ ފިޔަވަޅެއް އަޅަން މަޖުބޫރު ހާލަތެއްގައެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް