މާލޭގައި ކާރަކާއި ސައިލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ، ރޭ 12:53 ހާއިރު، ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިލެއް ޖެހި، އެކްސިޑެންޓެއް ހިނގާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 21 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށް ބުންޏެވެ.

މަންޒަރު ދުށް ފަރާތަކުން "ވަން" އަށް ބުނީ، ކަޅު ކުލައިގެ އެކްޒައިޓާ 135 ސީސީގެ ސައިލެއްގައި ބާރު ސްޕީޑުގައި ދުއްވާފައި އައި އެ ޒުވާން ކޮންޓްރޯލްނުވެގެން ގޮސް ޖެހުނީ، ކޮއިމަލާ ހިނގުމަށް އަޅަން އުޅުނު ނޫ ކުލައިގެ ޓެކްސީއެއްގައި ކަމަށެވެ. އަދި އެ ޓެކްސީގެ ކުރީ ދޮރުފަތާ ދިމާލުން ސައިލަކު ޖެހުމުން ޓެކްސީއަށާއި ސައިކަލަށްވެސް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ސައިކަލު ދުއްވަން އިން ޒުވާނާވެސް ވިއްސައިގެން ދިޔަ ކަމަށް އޭނާ ބުންޏެވެ.

"އޭނާގެ މޫނުން ގިނަ އަދަދެއްގެ ލޭ ފައިބަމުންދިޔަ އެއިރުވެސް، އެކި ތަންތަން މަށައިގެންވެސް ގޮސްފައި ހުރި،" އޭނާ ބުންޏެވެ

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ގދ. ގައްދޫ ޒުވާނަކަށެވެ. އޭނާއަށް އައިޖީއެމްއެޗުގެ އެމެޖެންސީގައި ފަރުވާ ދެމުން އަންނަ އިރު، އޮތީ ވެންޓިލޭޓަރުގައި ކަން އެނގިފައިވެއެވެ.

"މޭކަޑިގަނޑުވެސް ބިންދައިގެން ގޮސްފައި އޮތީ، ނިތްކުރީގެ ކަށިގަނޑެއްވެސް. ކަރުގެ ނާރުތަކަށްވެސް ގެއްލުން ލިބިފައި. ހިތުންވެސް ވަރަށް ބޮޑަށް ބްލީޑްވާ ކަމަށްވަނީ. އެއްވެސް ހަރަކާތެއް މިހާރު ނެތް. ޑޮކްޓަރުންގެވެސް މާ ބޮޑު އުންމީދެއް މިހާރު ނެތް،" އެ ޒުވާނާގެ އާއިލާގެ މީހަކު "ވަން" އަށް ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.