ސައުދީ އަރަބިއްޔާގެ ޝާހީ ހާންދާނަށް ނިސްބަތްވެވަޑައިގަންނަވާ ބޭކަނބަލެއް ކަމަށްވާ، އަލްއަމީރާ ލަތީފާ ބިންތު އަބްދުލްއަޒީޒް އާލް ސުއޫދު އަވަހާރަވުމާ ގުޅިގެން މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް ވަނީ އެ މެސެޖުގައި އަލްއަމީރާ ލަތީފާ ބިންތު އަބްދުލްއަޒީޒް އާލް ސުއޫދުގެ ހެޔޮ ހަނދާންތަކުން، މި އުނދަގޫ ދަނޑިވަޅުގައި އާއިލީ ހިތާމަތަކަށް ކޮންމެވެސްވަރެއްގެ ލުޔަކާއި ތަސައްލީއެއް ލިބުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި ވަނީ ރަސްގެފާނަށާއި ޝާހީ އާއިލާއަށް ކެތްތެރިކަމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން އަދި މަރްހޫމާގެ ފުރާނަފުޅަށް ރަޙުމަތްލެއްވުން އެދި ހެޔޮ ދުއާކުރުމުގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވާ ކަމަށް ތައުޒިޔާގެ މެސެޖުގައި ރައީސް ވިދާޅުވިއެވެ.
އެ މެސެޖު ނިންމަވައިލައްވަމުން ރައީސް ވިދާޅުވީ އަލްއަމީރާ ލަތީފާ ބިންތު އަބްދުލްއަޒީޒް އާލް ސުއޫދުގެ ފުރާނަފުޅަށް ހެޔޮ ރަހްމަތްލައްވައި މަރުހޫމާގެ ފާފަ ފުއްސެވުމަށް އެދި ދުއާ ކުރައްވާ ކަމަށެވެ. އަދި ރަސްގެފާނަށާއި ޝާހީ އާއިލާއަށާއި އެ ގައުމުގެ ރައްޔިތުންނަށް މި ކުރިމަތިވި ހިތާމަވެރި ހާލަތުގައި، ހަމަޖެހުމާއި ހިތްވަރު މިންވަރުކޮށްދެއްވުން އެދިވަޑައިގެން ވެސް ދުއާ ދަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު