މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމާއި އެތަންތަން ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާ ގުޅޭ ބައިނަލް އަގުވާމީ މުއާހަދާ "ބަޔޯޑައިވާސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން" (ބީބީއެންޖޭ) މުއާހަދާގައި ރާއްޖެއިން ސޮއިކޮށްފިއެވެ.

އދ. ގެ މައިމަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެ މުއާހަދާގައި ސޮއިކުރި 92 ވަނަ ގައުމުގެ ގޮތުގައި، ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ.

ދިވެހި ސަރުކާރުން ބުނެފައިވަނީ، މާ ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރުމަށާއި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުވާ މި ކަހަލަ މުއާހަދާއެއްގައި ރާއްޖެ ފަދަ ޖަޒީރާ ގައުމަކުން ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މި މުއާހަދާގައި ސޮއިކުރަން ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ ފެބްރުއަރީ މަހުގެ 11 ގައެވެ. އަދި މި މުއާހަދާގައި ސޮއިކުރަން ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ރުހުން ދިނީ މިދިޔަ މެއި މަހު 14 ގައެވެ.

މި މުއާހަދާގައި މައިގަނޑު ހަތަރުކަމެއް ހިމެނެއެވެ. އޭގެ ތެރޭގައި ކަނޑުގެ ޖެނެޓިކް ވަސީލަތްތަކުގެ ފައިދާތައް ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ބެހުމާއި ކަނޑުގެ ސަރަހައްދުތައް ހިމާޔަތްކޮށް ބެލެހެއްޓުމަށް ބޭނުންވާ އޭރިއާ ބޭސްޑް މެނޭޖްމަންޓް ޓޫލްސް އެކުލަވާލުމާއި ތިމާވެއްޓަށް ކުރާ އަސަރުތައް ވަޒަންކުރުމުގެ އިތުރުން މެރިން ޓެކްނޮލޮޖީގެ ދާއިރާއިން ކެޕޭސިޓީ އިތުރުކުރުން ހިމެނެއެވެ.

އދ. ގެ ކަނޑުގެ ގާނޫނާ ބެހޭ މުއާހަދާގެ ދަށުން، ގައުމީ އިހުތިސޯސުން ބޭރުގެ ސަރަހައްދުތަކުގައިވާ ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާ ބެހޭ މުއާހަދާ ފާސްކޮށްފައި ވަނީ 19 ޖޫން 2023 ގައެވެ.

އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ގެ ނިޔަލަށް ހުރިހާ ގައުމަކުން ސޮއި ކުރުމަށް ހުޅުވާލާފައިވާ މި މުއާހަދާއަށް އަމަލުކުރަން ފަށާނީ 60 ވަނަ ގައުމުން މި މުއާހަދާ ތަސްދީގުކުރާތާ 120 ދުވަސް ފަހުންނެވެ.