ތ. ގުރައިދޫ ކައުންސިލްގެ ދެވަނަ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން އާރްޑީއެލް ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.
އެޓީމުން މުބާރާތުގެ ތަށި ހޯދީ، ހޯމަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި ވިންސިއާ ސްޕޯޓްސް ކްލަބު ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ ސެޓުތައް އާރްޑީއެލްއިން ގެންދިޔައީ 32-30، 25-20 އަދި 25-16 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އާރްޑީއެލްގެ އިސްމާއީލް ސާޖިދު (ކުޑަކާއްޓެ) އެވެ.
ކޮންމެ ޓީމެއްގައިވެސް ރަށުން ބޭރަށް ނިސްބަތްވާ ދެ ކުޅުންތެރިޔަކު ހިމެނުމަށް ގަވާއިދުގައި ހިމަނާފައިވާ އިރު، ރާއްޖޭގެ ވަރުގަދަ ކުޅުންތެރިން މިފަހަރުގެ މުބާރާތުން ފެނިގެން ގޮސްފައިވެއެވެ. އޭގެ ތެރޭގައި ކުޑަކާއްޓެއާއި އަލީ ހުޒާމް (ހުޒަންޓެ)ވެސް ފާހަގަކުރެވިފައިވާ އިރު، ރާއްޖެއިން ބޭރުގެ ހަތަރު ކުޅުންތެރިންވެސް މުބާރާތުގައި ފެނިގެންދިޔައެވެ. އޭގެ ތެރޭގައި އިންޑިއާ ޕްރައިމް ލީގުގެ ބެސްޓް ސްޓްރައިކަރުގެ މަގާމު ހޯދި ޖެރޯމް ވިނިތުވެސް ފާހަގަކޮށްލެވުނެވެ.
މިއަހަރު މުބާރާތުގެ އެންމެ މޮޅު ލިބަރޯއަކަށް އޭވަލް އެސްސީގެ ހުސައިން ލަތީފް ހޮވުނު އިުރ، އެންމެ މޮޅު ކޯޗަކީ، ކުރިން ގައުމީ ޓީމަށްވެސް ކޯޗުކަން ކޮށްދިން އާރްޑީއެލްގެ ކޯޗު މުހައްމަދު ޝަރަފެވެ. ފެއާ ޕްލޭ ޓީމަކީ ޔަންގް ސްޓާސްއެވެ.
- އިސްމާއީލް ސާޖިދު (ކުޑަކާއްޓެ)/ އާރްޑީއެލް
- މަހެންދްރާ/ އާރްޑީއެލް
- ކަވިޝްކާ/ ވިންސިއާ އެސްސީ
- އަލީ ހުޒާމް (ހުޒަންޓެ)/ ވިންސިއާ
- ޝަފްރާޒް/ ވިންސިއާ
- ޝަމާއިލް ހުސައިން/ އީވަލް އެސްސީ
ތ. ގުރައިދޫ ކައުންސިލުން އިންތިޒާމްކުރި ދެވަނަ ވޮލީ މުބާރާތް ޖުމުލަ ހަ ޓީމާއެކު މި އަހަރު ވަނީ ފޯރިގަދަކޮށް ކުރިއަށް ގެންގޮސްފައެވެ. ހާއްސަކޮށް ރާއްޖެއިން ބޭރުގެ އިތުރުން ރާއްޖޭގެ ނަން މަޝްހޫރު ކުޅުންތެރިންނާއެކު، މުޅި ތ. އަތޮޅުގެ ވޮލީއަށްވެސް މުބާރާތުން ދިރުން ގެނެސްދިން ކަމަށް ކޯޗުންވެސް ފާހަގަކޮށްފައިވެއެވެ. އަދި ރަށު ރައްޔިތުން މުބާރާތަށް ދިން ތަރުހީބުވެސް ފާހަގަވެގެން ގޮސްފައިވެއެވެ.
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް