ފުލުހުންގެ ޕްރޮމޯޝަންތައް މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުލުހުންނަށް އެންގި އެންގުމަށް އަމަލު ނުކުރީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އޮފީހުން ދިން ލަފައެއްގެ މައްޗަށް ބިނާކޮށް ކަމަށް އެޓާނީ ޖެނެރަލް އޮފީސް (އޭޖީއޯ)އިން ބުނެފިއެވެ.
އޭސީސީގެ އެ އެންގުމަށް ފުލުހުންގެ ހިދުމަތުން އަމަލުކޮށްފައިނުވާތީ ފުލުހުންނަށް ޕްރޮމޯޝަން ދިނުން ހުއްޓުވައިދިނުމަށް އެދި އޭސީސީން ވަނީ 2023 ޑިސެމްބަރު 07 ގައި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.
އެ މައްސަލައިގައި އޭސީސީން ބުނެފައިވަނީ ފުލުހުންގެ ތެރެއިން ބައެއް އިސްވެރިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެ ހިދުމަތުގެ ވަކި މުވައްޒަފުންތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ގޮތުން، މަގާމުގެ ކުރިއެރުން ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ކޮމިޝަނުން ވަކިގޮތެއް އަންގަންދެން ފުލުހުންނަށް މަގާމުގެ ކުރިއެރުން ދިނުމުގެ މަސައްކަތް މަޑުޖައްސާލަން އެންގި ނަމަވެސް އެއީ ގާނޫނީ އިމުގެ ބޭރުން އެންގި އެންގުމެއް ކަމަށް ބުނެ އަދި އެ އެންގުމަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ބުނެ، ފުލުހުންގެ ހިދުމަތުން، އެ ހިދުމަތުގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދީފައިވާ ކަމަށް މައްސަލައިގައި ބުނެފައިވެއެވެ.
އޭސީސީން ބުނި ގޮތުގައި، ފުލުހުންގެ ހިދުމަތުގެ އެ އަމަލަކީ އެ ކޮމިޝަންގެ ގާނޫނީ ޒިންމާ އާއި ވާޖިބު އަދާކުރުމަށް ހުރަސް އެޅުމަށް ކުރި ކަމެކެވެ. އެހެންވެ އޭސީސީން އެދިފައިވަނީ، މައްސަލައިގައި ޝަރީއަތުން ވަކިގޮތެއް ކަނޑައެޅެންދެން ނުވަތަ ފައިސަލާކުރަނިވި ހުކުމެއް ކުރެވެންދެން ޕްރޮމޯޝަންގެ ކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމުގެ އަމުރަކަށެވެ.
ސިވިލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު 2023 ޑިސެމްބަރު 20 ގައި ނެރުނު އަމުރުގައި ބުނެފައިވަނީ އޭސީސީން އެދުނު ގޮތަށް އަމުރު ނެރެދެވެން ނެތް ކަމަށެވެ. އެހެންވެ އޭސީސީން ވަނީ ސިވިލް ކޯޓުގެ އަމުރު މިއަހަރުގެ ޖެނުއަރީގެ 07 ގައި ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
އެ މައްސަލައިގައި ހައި ކޯޓުން އެންމެ ފުރަތަމަ އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 27 ގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވިދާޅުވެފައިވަނީ އެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމަށް ކުރި މަޝްވަރާތަކުން ކުރިއެރުމެއް ލިބިފައިނުވާތީ މައްސަލަ ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށްފަހު ބައެއް އޮފިސަރުންނަށް ޕްރޮމޯޝަން ދީ، ރިޓަޔާކުރަން ފުރުސަތު ދީފައިވާތީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، ފަސް އޮފިސަރުންގެ ވަކީލުން އިއުތިރާޒެއް ހުށަހެޅުއްވިއެވެ.
އެ މައްސަލައިގައި ހައި ކޯޓުން އިއްޔެ ބޭއްވި އަޑުއެހުމުގައި ދައުލަތުން ވިދާޅުވެފައިވަނީ ފުލުހުންގެ ހިދުމަތުގެ މައްޗަށް އޭސީސީން އެންގި އެންގުމަށް ތަބާނުވުމަށް އެ ހިދުމަތުން ނިންމީ ޕީޖީ އޮފީހުގެ ލަފައެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. ދައުލަތުން އެގޮތަށް ވިދާޅުވުމުން ހައި ކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު މުހައްމަދު ފައިސަލް ވަނީ ދައުލަތާ ސުވާލު ކުރައްވައިފައެވެ.
ފަނޑިޔާރު ފައިސަލް ކުރެއްވި ސުވާލުގައި ވަނީ ފުލުހުންގެ އިދާރީ ކަންކަމުގައި ގާނޫނީ ލަފާ ދިނުމާއި ކޯޓުތަކުގައި ފުލުހުން ތަމްސީލު ކުރުމުގެ ބާރު ގާނޫނުން ދީފައިވަނީ އެޓާނީ ޖެނެރަލް އޮފީހަށް ކަމަށްވުމުން، މި މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް ލަފާ ހޯދެއްވީ ކީއްވެތޯއެވެ.
އެ ސުވާލުގެ ޖަވާބުގައި ދައުލަތުން ވިދާޅުވީ ފުލުހުން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ލަފާ ހޯދީ ކީއްވެގެންކަން މިވަގުތު ސާފުވެފައިނުވާ ކަމަށެވެ. ނަމަވެސް ދައުލަތުން ވިދާޅުވީ އޭސީސީއަށް ކަންކަން ހުއްޓުވުމުގެ ބާރު ލިބިގެންނުވާ ކަމަށެވެ. ސުޕްރީމް ކޯޓުގެ ކުރީގެ ގަޒިއްޔާއަކުން ވެސް ވަނީ އެގޮތަށް ހުކުމް ކޮށްފައިވަމުން ކަންކަން ހުއްޓުވުމުގެ ބާރު އޭސީސީއަށް ލިބިގެންނުވާކަން ސާފުކޮށް އެނގޭ ކަމަށެވެ.
އޭސީސީއަށް ގާނޫނުން ލިބިދީފައިވަނީ ކޮރަޕްޝަނާ ގުޅޭ ކަންކަން ހުއްޓުވުމުގެ ބާރު ކަމަށް ދައުލަތުން ވިދާޅުވިއެވެ. ފުލުހުންގެ އިސްވެރިންނަށް ޕްރޮމޯޝަން ދިނުމުގައި ކޮރަޕްޝަނާ ގުޅޭ ކަމެއް ހިމެނޭކަން ނުވަތަ ހިނގައިފައިވާކަން އޭސީސީއަށް ބުނެދެވިފައިނުވާ ކަމަށް ދައުލަތުން ވިދާޅުވިއެވެ. ފުލުހުންނަށް އެންގި ކަމަށް ބުނާ އެ އެންގުން ފުލުހުންނަށް ލިބިފައިވަނީ ސިޓީއެއް މެދުވެރިކޮށް ކަމަށް ދައުލަތުން ވިދާޅުވިއެވެ.
ދައުލަތުގެ އެ ވާހަކަތަކާ ގުޅިގެން ފަނޑިޔާރުންގެ ބެންޗުން ވަނީ އިތުރު ސުވާލެއް ދައުލަތާ ކުރައްވައިފައެވެ. ބެންޗުން ކުރެއްވި ސުވާލަކީ ފުލުހުންގެ ޕްރޮމޯޝަން ނުހުއްޓުވައިފިނަމަ، އިއާދަ ނުކުރެވޭ ގެއްލުމެއް ލިބިދާނެތޯއެވެ. ޖަވާބުގައި ދައުލަތުން ވިދާޅުވީ ފުލުހުންނަށް ގޯސްކޮށް ޕްރޮމޯޝަން ދީފައިވާނަމަ ޕްރޮމޯޝަން އަނބުރާ އަތުލުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އެ ޖަވާބާ ގުޅިގެން ބެންޗުން ކުރެއްވި އިތުރު ސުވާލެއްގައި ވަނީ ޕްރޮމޯޝަންގެ ދަށުން ފުލުހުންނަށް ދީފައިވާ ހުރި މުސާރަތައް އަނބުރާ ހޯދޭނެތޯ ސުވާލުކުރައްވައިފައެވެ.
އެ ސުވާލުގައި ޖަވާބުގައި ދައުލަތުން ވިދާޅުވީ ޕްރޮމޯޝަން ހުއްޓުވައި ދިނުމުގެ އަމުރަކަށް އޭސީސީން އެދުނު އިރު ވެސް ފުލުހުންނަށް ވަނީ ޕްރޮމޯޝަން ދީފައި ކަމަށެވެ. ޖަވާބުގައި ދައުލަތުން ބުނީ އޭސީސީން ކޯޓުގައި އަމުރަކަށް އެދުނު އިރު ވެސް ޕްރޮމޯޝަންތަކުގެ މުސާރަތައް ދީފައިވާ ކަމަށެވެ.
ދައުލަތުގެ ވާހަކަތަކަށް ރައްދު ދެއްވަން ލިބުނު ފުރުސަތުގައި އޭސީސީގެ ވަކީލު ވިދާޅުވީ ތަހުގީގުތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރުތައް އޭސީސީގެ ގާނޫނުން އެ ކޮމިޝަނަށް ލިބިދީފައިވާ ކަމަށެވެ. އެހެންކަމުން ކަންކަން ހުއްޓުވުމުގެ ބާރު އޭސީސީއަށް ލިބިދީގެންވާ ކަމަށް ވަކީލު ވިދާޅުވިއެވެ.
އޭސީސީގެ ވަކީލު ވިދާޅުވީ ފުލުހުންގެ ޕްރޮމޯޝަންތައް މަޑުޖައްސާލައިފި ނަމަ ފުލުހުންނަށް ލިބޭނެ ގެއްލުމަށް ވުރެ ޕްރޮމޯޝަންތައް ދިނުމުން ދައުލަތަށް ލިބިގެންދާނެ މާލީ ގެއްލުން ބޮޑުވާނެ ކަމަށެވެ. ވަކީލު ވިދާޅުވީ އޭސީސީން އެދުނު ގޮތަށް ފުލުހުންގެ ޕްރޮމޯޝަން ހުއްޓުވުމުގެ އަމުރެއް ނެރެ ނުދީފިނަމަ އޭސީސީގެ ނިންމުންތަކަށް ތަބާނުވުން އާންމު ކަމަކަށް ވެގެން ހިނގައިދާނެ ކަމަށެވެ.
ހައި ކޯޓުން މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުން ނިންމާލަމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ ވިދާޅުވީ މައްސަލައާ ގުޅިގެން އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ މައްސަލައާ މެދު ގޮތެއް ނިންމުން ކަމަށެވެ.
ހައި ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޝަނީޒް، ފަނޑިޔާރު ފައިސަލް އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.
ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ސަރުކާރު ނިމެން ދެ ދުވަހަށް ވެފައި ވަނިކޮށް، ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރުންގެ ރޭންކުގެ އޮފިސަރުންނަށް ޕްރޮމޯޝަންތަކެއް ދީފައެވެ. އެއިރު އިންތިގާލީ މަރުހަލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ވަނީ ޕްރޮމޯޝަން ދިނުމުގެ ކަންކަން މަޑުޖައްސާލައި ދިނުމަށް އެދިފައެވެ. ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުން ވަނީ ފުލުހުންނަށް ޕްރޮމޯޝަން ދީފައެވެ.
ޕްރޮމޯޝަން ދިން އޮފިސަރުންގެ ތެރޭގައި ފުލުހުންގެ ވަޒީފާއިން ވަކިކުރެއްވުމަށް ޕޮލިސް ބޯޑުން ލަފާދީފައިވާ ބައެއް އޮފިސަރުން ވެސް ހިމެނެއެވެ. 2021 ވަނަ އަހަރުގެ ތެރޭގައި ޕޮލިސް ބޯޑުން ލަފާދީފައިވަނީ އޭރުގެ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) އާއި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އަދި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް ވަކިކުރުމަށެވެ. އެ މައްސަލަ އެ އޮފިސަރުންގެ ފަރާތުން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.
ސިވިލް ކޯޓުން 2022 ޑިސެމްބަރު 21 ގައި އެ މައްސަލައިގައި ކުރި ހުކުމުގައި ވަނީ އެ އޮފިސަރުން ވަޒީފާއިން ވަކިކުރަން ނިންމީ ގޯސްކޮށް ކަމަށް ކަނޑައަޅައި ޕޮލިސް ބޯޑުގެ ނިންމުން ބާތިލުކޮށްފައެވެ. އެ ހުކުމުގައި ވަނީ ފުލުހުންގެ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުގެ ނިންމުމަކުން އެ ފަރާތްތައް ވަކި ކުރެވޭނީ ތުހުމަތު ކުރެވޭ މައްސަލައިގެ ބާވަތާއި ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބެލުމަށްފަހު ކަމަށް ގާނޫނުގައި ބުނާ ކަމަށެވެ.
އަދި އެ ފަރާތްތައް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައިވާކަން ސާބިތުވާނެތަތީ އާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން، އެ ފަރާތްތައް ފުލުހުންގެ ހިދުމަތުގެ ވަޒީފާއިން ވަކިކުރަން ނިންމުމުގެ ބާރު ޕޮލިސް ބޯޑަށް ލިބިފައިވާކަން ގާނޫނީ ސަރީހަ ނައްސުން އެނގެން ނެތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު