ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުމާ ގުޅޭގޮތުން ފުލުހުން ކޮށްފައިވާ ތަހުގީގު ރިޕޯޓެއް ކަމަށް ބުނެ ދައުރުވަމުންދަނީ ސައްހަ ނޫން ރިޕޯޓެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ދައުރުވަމުންދާ އެ ރިޕޯޓުގައި ބޭނުންކޮށްފައިވާ ހެޑާއާއި ފުލުހުންގެ ލިޔެކިޔުންތަކުގައި ބޭނުންކުރާ ހެޑާ ދިމާނުވާކަން ފުލުހުން ބެލިބެލުމުން ފާހަގަކުރެވިފައިވާ ކަމަށެވެ.
"ދައުރުކުރަމުންދާ މި ސައްހަ ނޫން ރިޕޯޓުގައި އޭރުގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒުގެ ނަމުގައި ބޭނުންކޮށްފައިވަނީ ފުލުހުންގެ ޕްރެސް ސްޓޭޓްމެންޓުތަކުގައި ސޮއިކުރައްވަމުން ގެންދަވާ، ދިވެހި ފުލުހުން ހިދުމަތުގެ ސްޕޯކްސްޕާސަން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާންގެ ސޮއި ފޯޖުކޮށްގެންކަން ވެސް ފާހަގަކުރެވިފައިވެއެވެ. އެހެންކަމުން މި ރިޕޯޓަކީ ފުލުހުންގެ ރަސްމީ ލިޔެކިޔުންތަކުގައި ބޭނުންކުރާ ފޯމެޓް ކޮޕީކޮށްގެންނާއި އަދި ފުލުހުންގެ ބައެއް އިސްވެރިންގެ ސޮއި ފޯޖުކޮށްގެން އުފައްދާފައިވާ އަދި އެކި ގޮތްގޮތުން ބަދަލު ގެނެސް އުފައްދާފައިވާ ސައްހަ ނޫން ވާހަކަތަކެއް ހިމެނޭ ރިޕޯޓެއްކަން ދަންނަވަމެވެ..،" ފުލުހުން ބުންޏެވެ.
އެ ސައްހަ ނޫން ރިޕޯޓު އުފައްދައި ދައުރުކުރަމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ސައްހަ ނޫން ރިޕޯޓެއް ދައުރުވަމުންދާ މައްސަލަ އެ އިދާރާއިން ހުށަހަޅާފައިވާތީ އެ މައްސަލަ ވެސް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އާންމުންގެ މެދުގައި އެކިއެކި ފަރާތްތަކާ މެދު ނުބައި ތަސައްވަރެއް އުފެދޭ ގޮތަށް ފަތުރާ އެފަދަ ސައްހަ ނޫން މައުލޫމާތު ފެތުރުމުގައި ބައިވެރިނުވުމަށް އިލްތިމާސްކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު