ފޮރިން އިންވެސްޓްމަންޓު އިތުރުކޮށް ރާއްޖޭގެ އިގުތިސޯދު ތަރައްގީރުމަށް ފާސްކުރި، ފޮރިން އިންވެސްޓްމެންޓާ ބެހޭ އާ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މީގެ އިތުރުން ރައީސް ވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނަށް ދެ ވަނަ އިސްލާހު ގެނައުމުގެ ބިލު ވެސް މިއަދު ތަސްދީގުކުރައްވައިފިއެވެ. މި ދެ ބިލަކީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކޮށްފައިވާ ދެ ބިލެކެވެ.
ފޮރިން އިންވެސްޓްމަންޓުގެ އާ ގާނޫނުގެ މަގުސަދަކީ ރާއްޖޭގައި ކުރެވޭ ބޭރުގެ އިންވެސްޓްމަންޓުތައް އިތުރުކޮށް، އެ އިންވެސްޓްމަންޓުތައް މެދުވެރިކޮށް ރާއްޖެއަށް ފޮރިން ކެޕިޓަލާއި ޓެކްނޮލޮޖީ އާއި އިލްމާއި ހުނަރު ގެނައުމަށް ފަހި މާހައުލެއް އުފައްދައި ރާއްޖޭގެ އިގުތިސޯދު ތަރައްގީކުރުމާ ބެހޭ ކަންކަމާއި އުސޫލުތައް ކަނޑައެޅުމާއި ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓުކުރުމަށް ޝައުގުވެރިކަން އުފައްދައި ދެމެހެއްޓުމަށްޓަކައި ބައިނަލްއަގުވާމީ މައިދާނުގައި އިންވެސްޓްމަންޓް ޕްރޮމޯޓް ކުރުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމެވެ.
މީގެ އިތުރުން ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓުކުރެވޭނެ ދާއިރާތަކައި އެ އާއިރާތަކުގައި އިންވެސްޓު ކުރެވޭނެ ޝަރުތުތައް ކަނޑައެޅުމާއި އެ ފަރާތްތަކަށް ހުއްދަ ދިނުމުގެ އުސޫލުތަކާއި ޝަރުތުތައް ކަނޑައެޅުމާއި ބޭރުގެ އިންވެސްޓަރުންގެ ޒިންމާ އާއި އެ ފަރާތްތަކަށް ލިބިދެވޭނެ ހިމާޔަތާއި ރައްކާތެރިކަމުގެ ދާއިރާ ކަނޑައެޅުން ވެސް ހިމެނެއެވެ. އަދި ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ އުސޫލުތައް ކަނޑައެޅުމާއި ރާއްޖެއިން ބައިވެރިވާ އިންވެސްޓްމެންޓާއި ވިޔަފާރިއާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން އުފުލަންޖެހޭ އިލްތިޒާމުތަކަށް އަމަލުކުރެވޭނެ އުސޫލުތައް ކަނޑައެޅުން ވެސް އެ މަގުސަދުތަކުގެ ތެރޭގައި ހިމެނެވެ.
މި ގާނޫނުގައިވާ ގޮތުން ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން އުފައްދައި، ދެމެހެއްޓުމަށް އިންވެސްޓްމަންޓް ޕްރޮމޯޓުކުރުމުގެ އުސޫލެއް ކަނޑައަޅަންޖެހެއެވެ. އަދި ބޭރުގެ ފަރާތްތަކަށް އިންވެސްޓު ކުރެވޭނެ ދާއިރާތައް ކަނޑައަޅައި ހުއްދަ ދިނުމުގެ އުސޫލުތަކާއި ޝަރުތުތަކާއި ބޭރުގެ އިންވެސްޓަރުންނަށް ލިބޭނެ ހިމާޔަތާއި ރައްކާތެރިކަމާ ގުޅޭ އުސޫލުތައްވެސް ކަނޑައަޅަންޖެހޭނެ ކަމަށްވެސް ބިލުގައިވެއެވެ.
މި ބިލުގައިވާ ގޮތުން ރާއްޖޭގައި އިންވެސްޓުކުރުމަށް ޝައުގުވެރިކަން އުފައްދަން ޕްރޮމޯޓުކޮށް، ހަދަންޖެހޭ ގަވާއިދުތައް ހަދަން ޖެހޭނީ އެއިރެއްގައި ސަރުކާރުން އެ މަސްއޫލިއްޔަތު ހަވާލުކުރާ ވުޒާރާއަކުންނެވެ.
ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓު ނުކުރެވޭނެ ދާއިރާތައް ވަޒީރު ކަނޑައަޅުއްވައި އިއުލާން ކުރަންޖެހޭނެ ކަމަށާއި މި ދާއިރާތައް ކަނޑައެޅުއްވުމުގައި ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތް މިންވަރާއި ސިނާއަތުގެ ވާދަވެރިކަމަށް ކުރާނެ އަސަރާއި އެ ސިނާއަތެއްގައި ނުވަތަ ދާއިރާއެއްގައި ދިވެހި ވިޔަފާރިތައް ތަރައްގީވެފައިވާ މިންވަރަށާއި ދުރު ރާސްތާގައި އުފެއްދުންތެރިކަމަށް އެ ސިނާއަތަކުން ހިއްސާކުރާނެ މިންވަރަށް ރިއާޔަތްކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
ރާއްޖޭގައި އިންވެސްޓުކުރެވޭނެ ދާއިރާތަކާއި ނުކުރެވޭނެ ދާއިރާތައް ކޮންމެ ތިން އަހަރަކުން އެއްފަހަރު މުރާޖައާ ކުރަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ބިލުގައިވާގޮތުން ދިވެހި ކުންފުންޏެއްގެ ހިއްސާ ބޭރުގެ ފަރާތަކަށް ބަދަލުކުރާނަމަ އިންވެސްޓުކުރުމުގެ ހުއްދަ ހޯދަންޖެހޭނެއެވެ. މިގޮތަށް ހިއްސާ ބަދަލުކުރެވޭނީ ބޭރުގެ ފަރާތްތަކަށް އިންވެސްޓުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ދާއިރާތަކުގެ ކުންފުނިތަކަށް އެކަންޏެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތަކާއި އޭގެ ފައިސާއަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ލިބޭނެއެވެ. އަދި ރައުސްމާލާއި ފައިދާ އަނބުރާ އެ އިންވެސްޓަރެއްގެ ގައުމަށް ގެންދިއުމުގެ ހައްގު ލިބެއެވެ. ނަމަވެސް ސިޔާދަތީ ބާރު ދެމެހެއްޓުމަށާއި ދިފާއީ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓައި ތިމާވެށި ހިމާތާތްކުރުމަށާއި އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ ގޮތުން ފޮރިން އިންވެސްޓްމަންޓަކަށް ނުވަތަ އެއާ ގުޅޭ ހައްގަކަށް ހަނިކަމެއް ގެނެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ބިލުގައިވާގޮތުން މި ގާނޫނާ ހިލާފުވާ ފަރާތްތައް އިންވެސްޓްމަންޓުގެ 30 އިންސައްތައަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ލައިސަންސް ހޯދުމަށް ސައްހަ ނޫން މައުލޫމާތު ހުށަހަޅައިފިނަމަ މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި 100،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މި ގާނޫނު ތަސްދީގުކޮށް އަމަލުކުރަން ފެށުމާއެކު މިހާރު އަމަލުކުރަމުންދާ 45 އަހަރު ވެފައިވާ ފޮރިން އިންވެސްޓްމަންޓާ ބެހޭ ގާނޫނު އުވުނީއެވެ.
ޚަބަރު
ޚަބަރު