ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ރަސްމީ ގެކޮޅު މުރައިދޫގޭގެ ޑިރެކްޓަރު ޖެނެރަލް (ޑީޖީ)ގެ މަގާމަށް ރާއްޖޭގެ ތާރީހު ދުށް އެންމެ ކުޅަދާނަ ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އައްޔަންކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު 'ވަން' އަށް ވިދާޅުވީ، އެ މަގާމަށް އަޝްފާގު އައްޔަންކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ކަމަށެވެ. ނަމަވެސް އޭނާގެ މުސާރައާއި އިނާޔަތްތަކުގެ ތަފުސީލެއް އަދި ނޭނގެއެވެ.

އަޝްފާގަކީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްގެ ވަރަށް ގާތް މީހެކެވެ.

މުރައިދޫގޭގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް އަޝްފާގު އައްޔަން ކުރި އިރު، މި ސަރުކާރުގައި މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާގެ މަގާމަށް އަޝްފާގުގެ ބޭބެ އަހުމަދު އަޝްފާން ވަނީ ހަމަޖައްސައިފައެވެ. އަޝްފާން އެ މަގާމަށް ހަމަޖެއްސިކަން އިމިގްރޭޝަނުން އިއުލާން ކުރީ މިދިޔަ އޭޕްރިލް މަހުއެވެ.

އަޝްފާގަކީ ދެކުނު އޭޝިއާ ފުޓުބޯޅައިގައިވެސް ފެނުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ރާއްޖޭގެ ގައުމީ ޓީމަށްވެސް ރެކޯޑު އަދަދަކަށް ގޯލު ޖަހައިދީފައެވެ. ގައުމީ ޓީމަށް 98 މެޗު ކުޅެ، 58 ގޯލު ޖަހައިދީފައިވާ އަޝްފާގު ވަނީ އޭނާގެ ފުޓުބޯޅަ ކެރިއަރުގައި ޖުމުލަ 35 ހެޓްރިކް ފުރިހަމަ ކޮށްފައެވެ. އެއީ 21 ވަނަ ގަރުނުގައި ތިންވަނައަކަށް އެންމެ ގިނައިން ހެޓްރިކް ފުރިހަމަކުރި ކުޅުންތެރިޔާއެވެ.

މަޖިލިސް ރައީސްގެ ގެކޮޅުގެ އެންމެ އިސްވެރިޔާ ނުވަތަ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނަވަނީ އަބްދުއްރަހީމްއާ ވަރަށް ގާތް ބޭފުޅެއް ކަމަށްވާ، ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ) އެވެ.