މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނު ކުރި މައްސަލައާ ގުޅިގެން ފުލުހުންގެ ހުއްޔަރުގައި ހުއްޓައި ދަންޖެހުނު އާދަމް އަތުހަރު މަރުވެއްޖެއެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އަތުހަރު މަރުވީ މިއަދު 16:08 ހާއިރު ކަމަށް އައިޖީއެމްއެޗުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
"އާދަމް އަތުހަރަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ހުއްޓައި ރޭގެ ވަގުތެއްގައި އޭނާ ބަންދުގައި ހުރި ޖަލުގައި ދަންޖެހުމާ ގުޅިގެންނެވެ. އާދަމް އަތުހަރު ނިޔާވި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި ނިޔާވި ސަބަބު ދެނެގަތުމަށްޓަކައި ހަށިގަނޑުގެ އޮޓޮޕްސީއެއް ހެދުމަށް މިހާރު ވަނީ ނިންމައިފައެވެ..،" ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން މިނިވަން މުއައްސަސާތަކުން ކުރަމުންދާ ތަހުގީގުތަކަށް ފުލުހުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިއަދު ވަނީ އަތުހަރު ދަންޖެހުނު ހާދިސާއާ ގުޅޭ ޓައިމްލައިނެއް އާންމުކޮށްފައެވެ. އޭގައިވާ ގޮތުން އަތުހަރު ދަންޖެހިފައި ހުއްޓައި ފެނުނީ އިއްޔެ އިރުއޮއްސި 7:02 ގައެވެ.
ފުލުހުން ބުނިގޮތުގައި ހަމަ އެ ވަގުތު ގޮޅިއަށް ވަދެ އަތުހަރު ނަގައި ބިންމަތީ ބޭއްވި ކަމަށާއި އޭގެ ތިން މިނެޓް ފަހުން ސްޓްރެޗަރުގައި އޭނާ ނެރެގެން މިނެޓެއް ތެރޭ ދޫނިދޫ ކްލިނިކަށް ގެންދިޔަ ކަމަށެވެ. އަދި އޭގެ އަށް މިނެޓު ފަހުން އަތުހަތު ލޯންޗެއްގައި މާލެ ގެނައި ކަމަށާއި އައިޖީއެމްއެޗު އިމަޖެންސީއަށް އޭނާ ގެންދެވުނީ 7:25 ގައި ކަމަށެވެ.
ކަރުގައި ވަޅި ޖައްސައިގެން އަތުހަރު ރަހީނު ކުރީ އޭނާގެ ލޯބިވެރިޔާއެވެ. އަތުހަރު މަސައްކަތް ކުރީ އަންހެންމީހާގެ ކަރުގައި ވަޅި ޖައްސައިގެން އޭނާ މަގުމައްޗަށް ނެރެ ސައިކަލަށް އަރުވައިގެން ފިލުމަށެވެ. ރަހީނު ކުރުމުން، އަންހެން މީހާ ސަލާމަތްކުރަން ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން އަންހެންމީހާ ދުއްވަން އިން ސައިކަލު މަޑުކޮށްލި ދަނޑިވަޅު ބަލައި ފުލުހަކު އޭނާއަށް މުގުރުން ހަމަލާދިނުމުން އަނިޔާވިއެވެ.
މުގުރުން އޭނާގެ ބޮލުގައި ޖެހުމުގެ ސަބަބުން ބޮލަށް ވަނީ އަނިޔާވެފައެވެ. އެހެންވެ އޭނާއަށް ފަރުވާދިނުމަށް އޭޑީކޭއަށް ގެންދިޔައެވެ. ފަރުވާއަށްފަހު ދޫކޮށްލުމުން ފުލުހުން ވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އޭނާގެ ހާލު ސީރިއަސްވެ ހޮޑުލާތީ ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައެވެ. އައިޖީއެމްއެޗުން އޭނާ ދޫކޮށްލުމުން ފުލުހުން ވަނީ އަތުހަރު ހައްޔަރުކޮށްފައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، އަތުހަރާއި އޭނާގެ ލޯބިވެރިޔާއާ ދެމެދު ޖެހުނީ ފައިސާގެ މައްސަލަތަކެކެވެ. މައުލޫމާތު ލިބޭ ގޮތުގައި އަތުހަރަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެކެވެ. އަދި ބައެއް ކުށްތަކުގެ ރެކޯޑު އޭނާގެ އޮވެއެވެ.
އެ އަންހެން މީހާ ރަހީނުކޮށްގެން ގެންގުޅޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯ އިން ފެންނަނި ފިރިހެނަކު އަންހެނެއްގެ މޫނުމަތީގައި އަތް އަޅައި، ހިފަހައްޓައިގެން ހުންނަ މަންޒަރެވެ. އެ ގޭގެ ދޮރު ކައިރީގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރުވެސް ފެނެއެވެ.
އެހެން ވީޑިއޯއެއްގައި ފެންނަނީ އެ ފިރިހެން މީހާ، އަންހެން މީހާ ސައިކަލެއްގެ ކުރިއަށް އަރުވައިގެން އެ ސަރަހައްދުން ދާ މަންޒަރެވެ. އޭރު އެތަނުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން ދިޔައެވެ.
އިތުރު ވީޑިއޯއަކުން ފެންނަ ގޮތުގައި ފުލުހުން، އަންހެން މީހާ ސަލާމަތްކުރީ ސައިކަލުގައި މަޑުކޮށްގެން އިންދައި ފިރިހެން މީހާގެ ބޮލުގައި މުގުރުން ޖެހުމަށްފަހުއެވެ. އެ ވަގުތު ދެ މީހުން ސައިކަލާއެކު ބިންމައްޗަށް ވެއްޓޭތަންވެސް ފެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު