ރައްޓެހިންގެ އާއިލާއާ އެކު ދަތުރު ދިޔަ ތަސްލީމް މުހައްމަދު، 43 އަހަރު އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ޕޮލިސް މީޑިއާގެ އޮފިޝަލަކު މިއަދު "ވަން" ވިދާޅުވީ ތަސްލީމް ހޯދުމުގެ މަސައްމަތް އަދިވެސް ކުރިއަށްގެންދާ ކަމަށެވެ.
ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް މިދިޔަ މަހުގެ 30 ގައި ދަތުރު ގޮސް އުޅުނު މާލެ ތަސްލީމް ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކުރީ އެ ދުވަހުގެ ހެންދުނު 10:00 އާއި 11:00 ހާއިރު ކަމަށް އޭނާއާ އެކު ދަތުރުދިޔަ މީހުން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ތަސްމީލްގެ މައުލޫމާތު "ވަން" އަށް ހިއްސާކުރަމުން ތަސްލީމުގެ ދައްތަ ސާނިއާ މުހައްމަދު ބުނީ ކޮއްކޮ ގެއްލުނީ ހުވަފެންފުށި ކައިރީ އޮންނަ ސޭންޑްބޭންކް އަކަށް ދަތުރު ގޮސް އުޅެނިކޮށް މިދިޔަ ހުކުރު ދުވަހުގެ ހެނދުނު 10:00 ހާއިރު ކަމަށެވެ. ފުލުހުންނަށް ކޮއްކޮ ގެއްލިގެން އުޅޭ ކަމަށް ރިޕޯޓު ކުރީ އެ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކަމަށެވެ.
"އޭނާ ދަތުރު ދިޔައީ ރައްޓެހިންނާއި އެ މީހުންގެ އާއިލާ މީހުންނާއެކު، ކުޑަކުދިންވެސް ދިޔަދެން. ކިތައް މީހުން ކަމެއް ނޭނގެ. 11 ،12 ވަރަކަށް މީހުން. ސިދާ އެކްޒެކްޓް ވަރެއް ނޭނގެ" ސާނިއާ ބުންޏެވެ.
ތަސްލީމާ އެކު ދަތުރު ދިޔަ އޭނާގެ ރައްޓެހިންނަށް އޭނާ މޫދަށް ފޭބިތަން ފެނިފައިނުވާ ކަމަށް ސާނިއާ ބުންޏެވެ. އޭނާ ދަތުރު ދިޔައީ ގާތްގަނޑަކަށް 12 ވަރަކަށް މީހުންނާ އެކު ކަމަށް ތަސްލީމްގެ ދައްތަ "ވަން" އަށް ބުންޏެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދީންވެސް ހިމެނެއެވެ.
ގާތްގަނޑަކަށް 10:00 ހާއިރު އޭނާ ގެންދިޔަ ދަބަހާއި ފޯނު އެތަނުން އެކެއްގެ އަތަށް ދިނުމަށް ފަހު "އެބަ އަންނަން" ކަމަށް ބުނެފައި އޭނާ ދިޔައީ އެ ފިނޮޅުގައި ދަތުރު ގޮސް އުޅުނު ސަރަހައްދާ ތަންކޮޅެއް ދުރަށް ކަމަށް ސާނިއާ ބުންޏެވެ.
ފޯނު ދީފައި ދިޔައިރުވެސް، ތަސްލީމްގެ ފުށުން ތަފާތު އެއްވެސް ކަމެއް ފާހަގަވެފައިނުވާ ދަތުރުދިޔަ މީހުންނާ ހަވާލާދީ ސާނިއާ ބުނެފައިވެއެވެ.
"އެތަނުން އެކަކު ބުނީ ތިމަންނަ އަތަށް ފޯނާއި ދަބަހާ ދީފަ ބުންޏޭ އެބަ އަންނަމޭ، ސޭންޑް ބޭންކަކީ ތަންކޮޅެއް ބޮޑު ތަނެއް، ތަންކޮޅެއް ދުރަށް ދިޔައީމަ ނުފެންނާނެ. ފާހާނާ ކުރަންވެގެން ދިޔައީ ކަމަށް ބެލެވޭ ކަމަށް އޭނާ ބުނި،" ތަސްލީމުގެ ދައްތަ ސާނިއާ ބުންޏެވެ.
ވަން" އަށް މައުލޫމާތު ހިއްސާކުރަމުން ދަތުރު ދިޔަ، ތަސްލީމް ބައެއް ރައްޓެހިން ބުނިގޮތުގައި އޭގެ ފަހުން އޭނާ ފެނިފައެއް ނުވެއެވެ.
އޭގެ ފަހުން އޭނާ އެއްގަމުން ވެސް އަދި މޫދަށް އެރި އުޅެނިކޮށްވެސް ފެނިފައެއް ނުވެއެވެ. އެމްއެންޑީއެފްއިންވެސް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑު މަގުން ބޮޑު ސަރަހައްދެއް ބަލައިފައެވެ. އެ ފިނޮޅު ވަށައިގެން 5،000 އަކަފޫޓުގެ ސަރަހައްދެއް ބެލުމުގެ އިތުރުން ފިނޮޅު ކައިރިން ކަނޑުގެ އަޑިން ޑައިވްކޮށްގެން 3،000 އަކަފޫޓުގެ ސަރަހައްދެއް ވެސް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތުން އޭނާ ގެއްލުނީ މޫދަށް ކަމެއް ކަށަވަރެއް ނުވެއެވެ. އެހެންވެ، އޭނާ ހޯދުމުގެ އޮޕަރޭޝަން ލީޑު ކުރަނީ ފުލުހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު