ގެދޮރުވެރިމުގެ ދާއިރާއިން ސަރުކާރުން މިހާރު ކުރިއަށް ގެންދާ ކަންތައްތަކާއި ކުރިއަށް އޮތްތަނުގައި ނިންމަން އޮތް ކަންތައްތައް ނިންމާނީ ކަމާބެހޭ ޖަމިއްޔާ ޖަމާއަތްތަކާއި ޔޫނިއަންތަކުގެ ހިޔާލާއި މަޝްވަރާ ލިބިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ، ގެދޮރުވެރިކަމާ ބެހޭ ޔޫނިއަންތަކުގެ ބޭފުޅުންނާ މިއަދު ބައްދަލުކުރެއްވުމަށް ހަަމަޖެހިފައިވާކަން ހާމަ ކުރައްވައި ރައީސް އޮފީހުން ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްފައިވާ ވީޑިއޯގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، މި ބައްދަލުވުމަކީ ވަރަށް "ލުކް ފޯވާޑް" ކުރައްވާ އަދި އެމަނިކުފާނަށް މުހިންމު ބައްދަލުވުމެއްކަމުގައެވެ.

ރައީސް ބައްދަލުކުރައްވަނީ ފަހި ޔޫނިއަން އާއި ގިރާވަރު މާލެ ސިޓިޒަންސް އެސޯސިއޭޝަނާއި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަނާއި ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ އަދި މާލޭ ރަށްވެހިންގެ ޖަމިއްޔާއާ އެވެ.

"އެބޭފުޅުންގެ ހުރި އެކި ކަހަލަ އިހްސާސްތަކާއި ކަންބޮޑުވުންތަކާއި އަދިވެސް ހިއްސާކުރަން ބޭނުންވާ ވާހަކަފުޅުތައް ހިއްސާ ކުރުމަށް، އެބޭފުޅުން ބޭނުންވާ ވަރަކަށް ފުރުސަތު ދޭން އަޅުގަނޑު ބޭނުންވަނީ އެ ހުރިހާ ބޭފުޅުންގެ އަޑު އަހައިގެން ކުރިއަށްދާން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ ހުރިހާ ޖަމިއްޔާތަކާއި ކޮމިޓީތަކަކީ ވަަރަށް ގިނަ ރައްޔިތުން ރެޕްސެންޓް ކުރާ ބައެއް ކަމަށެވެ. އެހެންކަމުން މި ބައްދަލުވުމުންގެ ތެރެއިން ވަރަށް ގިނަ ކަންތައްތައް އެނގިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އެހެންވީމަ މި ބައްދަލުވުމުގެ ނަތީޖާއަކަށް ވާނީ މިހުރިހާ ބޭފުޅުން ދައްކާ ވާހަތައް އަޑުއަހައިގެން ގެދޮރުވެރިމުގެ ދާއިރާގެ ކަންތައްތައް، ސަރުކާރުން މިހާރު ކުރިއަށް ގެންދާ ކަންތައްތަކާއި ކުރިއަށް އޮތްތާންގައި ނިންމަން އޮތް ކަންތައްތަކުގައިވެސް ހިޔާލާއި މަޝްވަރާ ލިބިގެން ކަންތައް ނިންމުން،" ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު އެންމެ ފުރަތަމަ ބައްދަލުކުރައްވާނީ ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަންއާއެވެ.

ރައީސް ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިކަން ރާއްޖޭގައި ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ސިޔާސަތަކަކީ އެ މަސައްކަތުގައި އުޅޭ މީހުންގެ ހިޔާލައި މަޝްވަރާތައް އަޑުއަހައިގެން ކުރިއަށް ދިއުން ކަމަށެވެ. އެހެންވެ، އެ ބައްދަލުވުމުގައި އެ މަޝްވަރާތައް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.