މިދިޔަ ހުކުރު ދުވަހު ކ. އަތޮޅު ހުވަފެންފުށި ކައިރީ އޮތް ފިނޮޅަކަށް ދަތުރުދިޔަ މ. އަސަރީހަދާން، ތަސްލީމް މުހައްމަދު، 43، ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އޭނާ ގެއްލުނު ގޮތް ނޭނގޭ އިރު، އެކަން އަދި އޮތީ ބޮޑު ސުވާލެއްގެ ތެރޭގައެވެ.

ތަސްލީމް، ހުވަފެންފުށި ކައިރީ އޮތް ފިނޮޅަކަށް ދަތުރުދިޔައީ އޭނާގެ ރައްޓެހިންނާއި އެ މީހުންގެ އާއިލާގެ ބަޔަކާ އެކުއެވެ. ގާތްގަނޑަކަށް 12 ވަރަކަށް މީހުން އެ ދަތުރުގައި ބަވެރިވި އިރު، އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދީންވެސް ހިމެނެއެވެ. އެ މީހުން ދަތުރު ދިޔައީ ހުކުރު ދުވަހުގެ ހެނދުނެވެ.

ދަތުރު ގޮސް، އޭނާ އުޅުނީ އެންމެނާއި އެއްކޮށެވެ. ސަކަރާތާއި މަޖާ ނެގުމުގައި އުޅުމަށްފަހު ގާތްގަނޑަކަށް 10:00 ހާއިރު އޭނާ ގެންދިޔަ ދަބަހާއި ފޯނު އެތަނުން އެކެއްގެ އަތަށް ދިނުމަށް ފަހު "އެބަ އަންނަން" ކަމަށް ބުނެފައި އޭނާ ދިޔައީ އެ ފިނޮޅުގައި ދަތުރު ގޮސް އުޅުނު ސަރަހައްދާ ތަންކޮޅެއް ދުރަށެވެ. އެއީ ބޮޑު ފިނޮޅެއް ކަމުން ވަހި ހިސާބަކަށް ދިއުމުން އޭނާ އެ އެމީހުންގެ ލޯ ކުރިމަތިން ގެއްލުނެވެ.

ފޯނު ދީފައި އިޔައިރުވެސް، ތަސްލީމްގެ ފުށުން ތަފާތު އެއްވެސް ކަމެއް ފާހަގައެއް ނުވެއެވެ. ހުރީ ހަމަޖެހިލައިފައެވެ.

"އެތަނުން އެކަކު ބުނީ ތިމަންނަ އަތަށް ފޯނާއި ދަބަހާ ދީފަ ބުންޏޭ އެބަ އަންނަމޭ، ސޭންޑް ބޭންކަކީ ތަންކޮޅެއް ބޮޑު ތަނެއް، ތަންކޮޅެއް ދުރަށް ދިޔައީމަ ނުފެންނާނެ. ފާހާނާ ކުރަންވެގެން ދިޔައީ ކަމަށް ބެލެވޭ ކަމަށް އޭނާ ބުނި،" "ވަން" އަށް މައުލޫމާތު ހިއްސާކުރަމުން ތަސްލީމުގެ ދައްތަ ސާނިއާ މުހައްމަދު ބުންޏެވެ.

ދަތުރު ދިޔަ، ތަސްލީމް ބައެއް ރައްޓެހިން ބުނިގޮތުގައި އޭގެ ފަހުން އޭނާ ފެނިފައެއް ނުވެއެވެ. އެއްގަމުން ވެސް އަދި މޫދަށް އެރި އުޅެނިކޮށްވެސް ފެނިފައެއް ނުވެއެވެ. އޭނާގެ ހުރިހާ އެއްޗިއްސެއް ހަވާލު ކުރުމަށްފަހު ދިޔަ ފަހުން ހަބަރެއް ނުވެ ގިނައިރު ވެގެން، ދަތުރުދިޔަ އެންމެން އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފެށިއެވެ. މުޅި ފިނޮޅު ހޯދައި ބެލި އިރުވެސް އޭނާ ނުފެނުމުން ފުލުހުންނަށް ގުޅައި ވަގުތުން މައުލޫމާތު ހިއްސާ ކުރިއެވެ.

ތަސްލީމް ހޯދަން ފެށުމާއި އޭނާ އެ ދިޔަ ތަނަކަށް ދިއުމާ ދެމެދު ބައިގަޑިއިރާއި އެއްގަޑިއިރާ ދެމެދުގެ ވަގުތެއް ހޭދަވެފައިވެއެވެ.

"އޭނާ ދިޔައީ ދަތުރު ދިޔަ މީހުން ތިބި ސަރަހައްދު ނޫން ދުރު ސަރަހައްދަކަށް ކަމަށް. ގޮސް ދެން ނެތްކަން ނުވަތަ އޭނާ އަނބުރާ ނާންނަކަން ރިއަލައިޒް ވެގެން ވަގުތުން އެމީހުން އޭނާ ހޯދަން ފެށި. މުޅި ސަރަހައްދު ބެލި، ބަލާފަ ނުފެނުމުން ވަގުތުން ޕޮލިހަށް ގުޅި، އެންމެ ކައިރިން ހިންމަފުށި ފުލުހުންވެސް ވަގުތުން އެޓެންޑްވި،" ސާނިއާ ބުންޏެވެ.

ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ވަގުތުން އޭނާ ހޯދުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން މޫދާއި އެއްގަމު ވެސް ބަލަމުން ގެންދިޔައެވެ. ދަތުރު ދިޔަ މީހުންވެސް އެކަމުގައި ބައިވެރިވިއެވެ. ތަސްލީމް ހޯދުމުގައި މުޅި ދުވަސް ހޭދަ ކުރުމަށްފަހު ދަތުރު ދިޔަ މީހުން އެނބުރި އައީ އެ ރޭގެ ވަގުތެއްގައެވެ. އެއިރުވެސް ފުލުހުންނާއި އެމްއެންޑީއެފުން ދިޔައީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެ މީހުންގެ އިތުރުން އެދުވަހު އެ ފިނޮޅަށް އިތުރު ބަޔަކު ވެސް ދަތުރު ގޮސް އުޅުނެވެ. އެ މީހުން ވެސް ތިބީ ތަސްލީމްމެންނާ ތަންކޮޅެއް ދުރުގައެވެ. އެމީހުން ސޭންޑް ބޭންކުން ނައްޓާލި ގަޑިއާއި ތަސްލީމް އެންމެ ފަހުން ފެނުނު ގަޑިއާ ވަރަށް ގާތެވެ. އެގޮތުން އެމީހުން އެތަނުން ނައްޓާލީ 10:30 ހާއިރެވެ. އެހެންވެ އެ މީހުންނާ އެކު ތަސްލީމް އެނބުރި އައީ ކަމަށްވެސް ބެލެވިފައި އޮތެވެ.

އެހެން ނަމަވެސް އެ ގްރޫޕްގައި ހިމެނޭ އެކަކު ބުނީ އެމީހުންނާ އެކު ތަސްލީމް އައިސްފައި ނުވާ ކަމަށެވެ. އަދި އޭނާގެ ދައްތަގެ ޕޯސްޓް އިއްޔެ ފެނުމާ އެކު ވަގުތުން ގުޅައި އެކަން އެ އާއިލާއަށް ވެސް އަންގާފައިވާނެ ކަމަށެވެ.

"ޕޯސްޓް ޖެހިފަހުން އެމީހުންވެސް އަހަރުމެންނާ ރީޗްވެފަ ބުނީ ތިމަންނަމެންގެ ލޯންޗަކުން ނާދެއޭ އަހަރެމެން އެސިއުމް ކުރީ އެމީހުންނާ އެކު އައިސްދާނޭ އެކަމަކު އެ ލޯންޗަކަށްވެސް ނާރަޔޯ ބުނީ،" ސާނިއާ ބުންޏެވެ.

ތަސްލީމް ގެއްލުނު ގޮތް ވަނީ ސުވާލެއްގެ ތެރޭގައެވެ. އޭނާ މޫދަށް ގެއްލުނީ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ސާފެއް ނޫނެވެ. އެކަން އޮތީ ބޮޑު ސުވާލެއްގެ ތެރޭގައެވެ.

މި ފިނޮޅޮ އޮންނަ ގޮތަށް ބަލާއިރު، ވަށައިގެން އޮތީ ހުދުފަޅު ހިމެނޭ ތިލަ ސަރަހައްދެކެވެ. އެއް ފަރާތުން ފަތާފައި ދެވޭ ހިސާބުގައި ބޮޑު ވިލެއް އެބަ އޮތެވެ. ތަސްލީމް އެ ދިޔަ ތަނަކަށް ގޮސް، ހުއްޓާ މޫދަށް ވެއްޓުނަސް ވެއްޓޭނީ އިސްކޮޅު ޖެހޭ ހިސާބަށެވެ. އެއީ ވަރަށް ތިލަ އުނަގަނޑުފެން ނުވަތަ އެއަށްވުރެވެސް ތިލަ ހިސާބެކެވެ. ފިނޮޅުގައި ހުރެގެން ފާހާނާ ކުރާ މީހަކު ނަމަ، އެ މީހަކު ހުންނާނީވެސް ވެލިގަނޑު މަތީގައި ކަމުން، އޭނާ ގެއްލުނު ގޮތަކީ ސުވާލު އުފެދޭ ކަމެކެވެ. ވެލިގަނޑު މަތީގައި ހުއްޓާ އަނބުރައިގަތުން ފަދަ ކަމެއް ވެގެން ވެއްޓުނު ނަމަވެސް، އޮންނާން ޖެހޭނީ ވެލިގަނޑު މަތީގައެވެ. ތާހިރުވާން އުޅުނު ގަޑީ ގޮތެއް ވެގެން ވެއްޓުނީ ނަމަވެސް، ތަސްލީމްގެ ހެޔަށް ގޮތެއް ނުވާ ނަމަ، އޭނާ އަމިއްލައަށް ސަލާމަތްވާނެއެވެ.

ދެން އޮތް ސުވާލަކީ ތަސްލީމް ފޯނު ދީފައި އެދިޔައީ ކީއްވެ ހެއްޔެވެ؟ މޫދަށް އެރުން ފިޔަވައި އެހެން ތަނަކަށް ދާ ނަމަ ފޯނު ދީފައި ދިއުމުގެ ބޭނުމެއް އޮންނާނެހެއްޔެވެ؟

މޫދަށް އެރުނަސް، ވަށައިގެން އޮތީ ކުޑަކުދީންވެސް އިސްކޮޅު ޖެހޭވަރުގެ ތިލަ ސަރަހައްދެއް ކަމުން، ތަސްލީމަށް ގޮތެއް ވުމުގެ ފުރުސަތު ވަރަށް ކުޑައެވެ. ހޭނެތިގެން ވެއްޓުން ފިޔަވައި އެހެން ސަބަބަކާ ހެދި ލޮނު ބޮވުމުގެ ފުރުސަތެއްވެސް ނެތެވެ. އެ ގޮތަށް ވެއްޓުނު ނަމަވެސް، އޭނާ އޮންނަން ވާނީ ރާޅު ބީއްސާ ހިސާބު ކައިރީގައި ކަމަށް ބެލެވެއެވެ. އެހާ ކައިރިއަށް ވެއްޓިއްޖެ ނަމަ، އެ ތަނުގައި ގިނަ ފަހަރަށް ހުންނާނީ، ފިނޮޅާ ގާތަށް ދަމާ އޮއިވަރު، ނުވަތަ ފިނޮޅަށް ޖަހާ ރާޅުކަމުން، އޭނާގެ ހަށިގަނޑުވެސް ފިނޮޅާ ދުރަށް ގެންދިއުމަށްވުރެ، ގާތަށް އައުމުގެ ފުރުސަތު ބޮޑެވެ. އެއް ފަހަރު ފިނޮޅާ ގާތަށް އަނެއް ފަހަރު ފިނޮޅާ ދުރަށް ގެންދަމުންގޮސް، އޮޔާ ބޭރުކުރި ނަމަވެސް، އެހާ ކުޑަ ވަގުތެއްކޮޅެއްގެ ތެރޭގައި ކަނޑާއި ހަމައަށް ހަށިގަނޑު ގެންދާ ވަރަށްވުރެ ފިނޮޅާއި ކަނޑާ ދެމެދުގެ ދުރުމިން ބޮޑުކަމަށް ބެލެވެއެވެ. އެ ފަރާތުން ވަރަށް ބޮޑު ވިލެއް އޮތް އިރު، އެ ވިލާވީ ފަރާތަށް އެރި އުޅެނިކޮށް ކަމެއް ވީ ނަމަވެސް، ވިލުތެރޭގައި އޭނާގެ ހަށިގަނޑު އެތައް އިރެއް ވާންދެން އޮންނަހާ އެ ވިލުވެސް ބޮޑެވެ.

ދެން އޮތީ، އަމިއްލައަށް ތަސްލީމް ސީދާ ކަނޑަށް ފޭބުމެވެ. ފަތާލަން، ނޫނީ ސްނޯކެލް ކޮށްލުން، ނޫނީ އެނޫންވެސް ސަބަބަކާ ހެދި އޭނާ ކަނޑަށް އެރި އުޅެނިކޮށް ދިމާވި ހާދިސާއެއްގެ ސަބަބުން ގޮތެއް ވުމެވެ.

ސާނިޔާ ބުނި ގޮތުގައި ކޮއްކޮއަށް ރަނގަޅަށް ފަތަންވެސް އެނގޭނެ އެވެ. އެހެންވެ އޭނާއަށް ވީނުވީއެއް ނޭނގި ގެއްލުމުން ފުލުހުން އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި ކޯސްޓްގާޑުންވެސް އޭނާ މޫދަށް ވެއްޓިދާނެ ކަމަށް ބަލައި އިތުރަށް ހޯދަމުން އަންނަ ކަމަށް ބުންޏެވެ. ކޮއްކޮގެ ހަބަރެއް ވޭތޯ ސާނިއާ އާއި އާއިލާ ތިބީ އިންތިޒާރުގައެވެ. އުންމީދަކީ ގަދަވެ ސަލާމަތުން ހުއްޓައި ފެނުމެވެ.

އެމްއެންޑީއެފުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އެ ފިނޮޅު ވަށައިގެން 5،000 އަކަފޫޓުގެ ސަރަހައްދެއް ބެލުމުގެ އިތުރުން ފިނޮޅު ކައިރިން ކަނޑުގެ އަޑިން ޑައިވްކޮށްގެން 3،000 އަކަފޫޓުގެ ސަރަހައްދެއް ވެސް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތުން އޭނާ ގެއްލުނީ މޫދަށް ކަމެއް ކަށަވަރެއް ނުވެ އެވެ. އެހެންވެ، އޭނާ ހޯދުމުގެ އޮޕަރޭޝަން ލީޑުކުރަނީ ފުލުހުންނެވެ. ފުލުހުން ވެސް އަންނަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.