އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލުން ކުޅުނު މެޗުގައި ބްރައިޓަން ކައިރިން އެއްވަރުވެއްޖެއެވެ.

އާސެނަލުން މިރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ބްރައިޓަންއާ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ބްރައިޓަން އާއި އާސެނަލްއިން ވެސް މިރޭގެ މެޗަށް ނުކުތީ، މިހާތަނަށް ލީގުގައި ކުޅުނު ދެ މެޗުން މޮޅުވެފައި އޮވެގެންނެވެ. ދެ ޓީމުވެސް ފޯމުގައި އޮވެގެން މެޗަށް ނުކުތް އިރު، އާސެނަލުން މިއަދު މެޗުގެ ބޮޑުބައެއްގައި ކުޅުނީ ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ ދެވަނަ ހާފު ފެށިގެން ކުޑައިރުކޮޅެއްގެ ތެރޭގައި ޑެކްލަން ރައިސްއަށް ދެއްކި ރަތް ކާޑާއެކުގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ފަރާތުން ބޮޑަށް ނުރައްކާ ކުރިތަން ފެނިގެން ދިޔަ އިރު، އެޓީމުން އެޓޭކްގައި އެންމެ ގަދަޔަށް ބޭނުންކުރި ކުޅުންތެރިޔަކީ ބުކަޔޯ ސަކާއެވެ. ބޮޑަށް އެ އަރިމަތިން ހަމަލާތަކަށް ފުރުސަތު ފަހިކޮށްފައިވާ އިރު، މެޗުގެ ކުރީކޮޅުގައި އޭނާއަށް ލިބުނު ދެ ފުރުސަތެއް ބޭކާރުވެގެން ދިޔައެވެ.

އާސެނަލުން ވަރުގަދަކޮށް ފެށި މެޗުގެ ފުރަތަމަ ހާފު އެޓީމުން ނިންމާލީ ލީޑުވެސް ނަގައިގެންނެވެ. ލެވިސް ޑަންކް އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން، ސަކާ ހޯދި ބޯޅަ އޭނާ ހުސްކޮށްލާފައި ކުރިއަށް އެރި ކައި ހަވާޓްސްއަށް ދިނުމުން، އޭނާ ގޯލު ތެރެއަށް ބޯޅަ ވައްދާލީ ކީޕަރު ބޯމަތިންނެވެ. މެޗުގެ 38 ވަނަ މިނެޓުގައި އާސެނަލުން ލީޑު ނެގި ނަމަވެސް، ދެވަނަ ހާފުގައި މެޗުގެ އޮއިވަރު ބަދަލުވިއެވެ.

ދެވަނަ ހާފު ފެށިގެން ފަސް މިނެޓުވެސް ނުވަނީސް، އާސެނަލްގެ ރައިސްއަށް ދެވަނަ ރީނދޫ ކާޑެއް ދައްކާ ރަތް ކާޑަކާއެކު ރެފްރީ އޭނާ ދަނޑުން ފޮނުވާލިއެވެ. ރައިސްގެ ޓެކުލަކަށް ފުރަތަމަ ހާފުގައި އޭނާއަށް ރީނދޫ ކާޑެއް ދައްކާފައިވާ އިރު، ދެވަނަ ރީނދޫ ކާޑު ދެއްކީ ބްރައިޓަންގެ ޖޮއެލް ވެލްޓްމަން އަވަހަށް ހިލޭ ޖެހުމަށް ޖަހަން އުޅެނިކޮށް، ބޯޅަ ދުރަށް ޖައްސާލުމުންނެވެ.

އެ ރަތް ކާޑާއެކު އާސެނަލަށް ރަނގަޅަށް މެޗަށް ނުވަދެވިގެން އުޅެނިކޮށް، ބްރައިޓަން ވަނީ ހަމަހަމަ ކޮށްފައެވެ. 58 ވަނަ މިނެޓުގައި ބްރައިޓަން އެއްވަރުކުރީ ޖާއޯ ޕެޑްރޯ ޖެހި ގޯލުންނެވެ. އޭގެފަހުންވެސް ބްރައިޓަން ފުރުސަތުތައް ތަނަވަސްކުރި އިރު، އާސެނަލަށް ކައުންޓާގައި ލިބުނު ފުރުސަތުތަކުގައި ސަކާއާއި ހަވާޓްސް ފޮނުވާލި ހަމަލާތައްވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ.