ރައްޓެހިންގެ އާއިލާއާ އެކު ދަތުރު ދިޔަ ދިވެއްސެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ މާލެ ސިޓީ ކައުންސިލުގައި މަސައްކަތްކުރާ ތަސްލީމް މުހައްމަދު، 42 އަހަރުއެވެ.
އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް އެމްއެންޑީއެފް އޮފިޝަލަކު "ވަން" އަށް ވިދާޅުވިއެވެ. އަދި އޭނާ ގެއްލިފައި ވަނީ މޫދަށް ކަމަށް މިހާތަނަށް ހޯދި ހޯދުމުން ޔަގީންވެފައި ނުވާ ކަމަށެވެ.
ފުލުހުން މިއަދު ބުނީ ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް އިއްޔެ ދަތުރު ގޮސް އުޅުނު މާލެ ތަސްލީމް ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އޭނާ އެންމެފަހުން ފެނިފައި ވަނީ އިއްޔެ 10:00 އާއި 11:00 ހާއިރު ކަމަށް އޭނާއާ އެކު ދަތުރުދިޔަ މީހުން މައުލޫމާތުދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އަދި ބުރާސްފަތި އަދި ހުކުރު ދުވަހު އެ ފަސްގަނޑަށް އެއްވެސް ބަޔަކު ދަތުރުގޮސްފައިވާ ނަމަ އެކަން ހިންމަފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9794639 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
"ވަން" އަށް މައުލޫމާތު ހިއްސާކުރަމުން ތަސްލީމުގެ ދައްތަ ސާނިއާ މުހައްމަދު ބުނީ ކޮއްކޮ ގެއްލުނީ ހުވަފެންފުށި ކައިރީ އޮންނަ ސޭންޑްބޭންކް އަކަށް ދަތުރު ގޮސް އުޅެނިކޮށް އިއްޔެގެ ހެނދުނު 10:00 އެހާއިރު ކަމަށެވެ. ފުލުހުންނަށް ކޮއްކޮ ގެއްލިގެން އުޅޭ ކަމަށް ރިޕޯޓު ކުރީ އިއްޔެ މެންދުރުގެ ވަގުތެއްގައި ކަމަށެވެ.
"އޭނާ ދަތުރު ދިޔައީ ރައްޓެހިންނާއި އެ މީހުންގެ އާއިލާ މީހުންނާއެކު، ކުޑަކުދިންވެސް ދިޔަދެން. ކިތައް މީހުން ކަމެއް ނޭނގެ. 11 ،12 ވަރަކަށް މީހުން. ސިދާ އެކްޒެކްޓް ވަރެއް ނޭނގެ" ސާނިއާ ބުންޏެވެ.
ތަސްލީމާ އެކު ދަތުރު ދިޔަ އޭނާގެ ރައްޓެހިންނަށް އޭނާ މޫދަށް ފޭބިތަން ފެނިފައިނުވާ ކަމަށް ސާނިއާ ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު