ސިނަމާލެ ބުރިޖުގައި ސައިކަލަށް ހާއްސަ ލޭނެއް ނެތުމުން ބުރިޖު ހުޅުވުން ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކެންސަލްކުރެއްވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ސަންގު ޓީވީ" އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ބުރިޖުގައި ސައިކަލް ލޭނެއް ހެދުމަށް ޔާމީން އެންގެވީ ބުރިޖުގެ މަސައްކަތް ނިމެން މަހަކަށްވެފައި ވަނިކޮށް ކަމަށެވެ. އެހާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސައިކަލަށް ހާއްސަ ލޭނެއް ކަނޑަނޭޅޭނެކަން ޔާމީނަށް ދެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތަށް ދެންނެވުމުން ޔާމީން ބޭނުންވެވަޑައިގަތީ ބައިސްކަލު ލޭން ނުވަތަ ޕެޑިސްޓްރިއަން ލޭން ސައިކަލް ލޭންގެ ގޮތުގައި ކަނޑައެޅުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ނަަމަވެސް ޕެޑިސްޓްރިއަން ލޭންގައި ސައިކަލް ލޭނަކަށް އެކަށީގެންވާ ޖާގަ ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

"މިހެން އޮއްވައި އެއް ދުވަހަކު އަޅުގަނޑު ހަނދާންވޭ ހުކުރު ދުވަހެއް އެއީ. ހުކުރު ދުވަހެއްގެ މެންދުރުފަހު މަޖިލިސް ރައީސް އެ ވިދާޅުވި ފަދައިން ސަކީނާ މަންޒިލުގެ އެއިރު ޕާޓީ އޮފީސް ހުންނާނީ. އަޅުގަނޑުމެން އެންމެނަށް ވިދާޅުވެއްޖެ ވަޑައިގަންނަވަން. ދެން އަޅުގަނޑުމެން ދިޔައީމު، މިނިސްޓާސް، އެމްޕީސް ޕާޓީގެ އިސްވެރިން ވަރަށް ބައިވަރު 40 އަށްވުރެ ގިނަ މީހުން ތިބޭނެ އެތާ. ދެން ވިދާޅުވީ އެތާ އެންމެން ހާޒިރުގައި މި ބުރިޖު ނުހުޅެވޭނެއޭ. މީގަ ސައިކަލަށް ވަކި ލޭނެއް ނެތޭ. ފިޒިކަލީ ވަކިން ބެރިއާ ކޮށްފަ ލޭނެއް އޮންނަން ބޭނުންވެޔޭ އެހެން ނޫނީ އެކްސިޑެންޓްސްތައް ވާނެއޭ،" ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ރައީސް ގެއަށް ވަޑައިގަތީމަ އަނެއްކާވެސް އަޅުގަނޑު ފޯނު ކޮށްފިން. ފޯނު ކޮށްފަ އަޅުގަނޑު ދެންނެވީ މިހާ ލަސްވެފަ، އެއިރު ހަފުތާއަކަށްވެފަ އޮތީ ހުޅުވަން، ހަފުތާއެއް އޮތީ ހުޅުވަން، އަޅުގަނޑު އެދެވޭ އަދިވެސް ރީކޮންސިޑާ ކޮށްދެއްވާ. ބުރިޖު ނުހުޅުވައިފިއްޔާ ދެގައުމުގެ ގުޅުމަށް ވެސް މީގަ ވަރަށް އަސަރު ކުރާނެ ނުންހެއްޔޭ. އަޅުގަނޑު މިއޮތީ ހަމަގައިމުވެސް ހުރިހާ ގޮތަކުން ޓްރައި ކޮށްފައޭ، ރައީސް ވިދާޅުވި ހިސާބުން މީގަ ވަކި ލޭނެއް ކަނޑައަޅަން، ފިޒިކަލީ ބެރިއާޑް ވަކި ލޭނެއް ކަނޑައަޅަން. އޭގެ ކުރިން އެއްވެސް އިރަކު އެ ވާހަކަ ނުދައްކައި އޮވެފައި އެހެން ދިޔައީމަ ދެއްތޯ އަޅުގަނޑުމެންނަށް މިވީ ދެން. ދެން ވިދާޅުވެއްޖެ އާނ، އެންމެ ރަނގަޅޭ ދެން މިހާރު ތިއޮތްގޮތަށް ކުރިއަށް ގެންދާށޭ މައްސަލައެއް ނެތޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެފަހުން ޔާމީންއާ އިތުރަށް މަޝްވަރާކުރައި ދެއްކެވުމުން ޔާމީން ވަނީ ބުރިޖު ހުޅުވުމަށް އެއްބަސްވެވަޑައިގެންފައި ކަމަށެވެ. ޔާމީން އިރުޝާދު ދެއްވީ ބުރިޖުގައި ސްޕީޑް ބްރޭކް ހަރުކުރަން ކަމަށާއި އެކަން އެގޮތަށް ކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބުރިޖުގެ މަޝްރޫއުގެ ތެރެއަށް ހައުސިން މިނިސްޓްރީ ހިމަނާފައިވަނީ 2014 ވަނަ އަހަރުގެ އޮކްޓޫބަރު ނުވަތަ ޑިސެމްބަރުގައި ކަމަށެވެ. ރައީސް އޮފީހުން 2014 ސެޕްޓެމްބަރު 25 ގައި ފޮރިން މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި ވަނީ ބުރިޖުގެ އިމްޕިމެންޓޭޝަން އެޖެންސީއާއި އެކްޒެކިއުޝަން އެޖެންސީ ކޮބައިތޯ ސާފުކޮށްދިނުމަށް އެދިފައި ކަމަށެވެ.

ރައީސް ވިދާޅުވީ އެ ސިޓީއަށްފަހު ބުރިޖުގެ މަޝްރޫއުގެ ހިންގުމާއި އެ މަޝްރޫއުގެ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ވަނީ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުކޮށްފައި ކަމަށެވެ. އޭގެ ކުރިން ބުރިޖު މަޝްރޫއުގައި އެއްވެސް ވަރަކަށް ބައިވެރިވެވަޑައިގެންފައިނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ދެންނެވި ތާރީހަށްފަހު އެ ޕްރޮޖެކްޓުގައި ހިނގި ހުރިހާ ކަމެއް އެނގޭނެ. މި ދެންނެވި ތާރީހުގެ ފަހުން ޕްރޮޖެކްޓުގައި މި ދެންނެވި އެއްވެސް ބަދަލެއް އައިސްފިއްޔާ އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގޭނެ. އޭގެ ފަހުންނެއް މި ދެންނެވި ސެޕްޓެމްބަރު، އޮކްޓޫބަރު 2014 ގެ ފަހުން ޕްރިލިމިނަރީ ޑިޒައިން ސްޓޭޖުގައި، ޕްރީ ފީޒިބިލިޓީ ސްޓޭޖާއި، ފީޒިބިލިޓީ ސްޓޭޖާއި، ކޮންސެޕްޓް ޑިޒައިނިންއާއި، ޑީޓެއިލް ޑިޒައިންއާ މި ހުރިހާ މަރުހަލާއެއް ދިޔައީ އޭގެ ފަހުން އަޅުގަނޑުގެ ބެލުމުގެ ދަށުން. އެއްވެސް އިރެއްގައި ލޭނުގެ އަދަދު ބަދަލުވެފައެއް ނެތް. އެންމެ ފުރަތަމަ ވެސް އަޅުގަނޑާ ހަވާލުވި ހިސާބުން އޮތީ ހަމަ ކޮޅަކަށް ދެ ލޭން، ދެން ސައިޑުގައި ޕެޑިސްޓްރިއަން ނޫނިއްޔާ ބައިސްކަލް ދުއްވާ ގޮތަށް ކަނޑައެޅިފަ ބައި އޮތީ ހިމަނާފަ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ހެވީ ވެހިކަލްތަކަށް ކަނޑައަޅާފައިވާ ލޭނު އިތުރަށް ފުޅާކުރުމުން ބުރިޖުގެ ފުޅާމިނަށް މީޓަރެއް އިތުރުވެފައިވާނެ ކަމަށެވެ. އެއީ ބުރިޖުގެ މަސައްކަތް ކުރަމުންދިޔަ ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިން ބޭނުންވެގެން ކަމަށް ރައީސް ވިދާޅުވިއެވެ. ބުރިޖުގެ އަސްލު ފުޅާމިނަކީ 20 މީޓަރު ކަމަށާއި ނަމަވެސް ހެވީ ވެހިކަލް ލޭން ފުޅާކުރުމުން ބުރިޖުގެ ޖުމުލަ ފުޅާމިން 21 މީޓަރަށް ބަދަލުވީ ކަމަށް ރައީސް ވިދާޅުވިއެވެ.