ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ނުވަތަ ސިނަމާލެ ބްރިޖަކީ ރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮތް ދެމެހެއްޓެނިވި ގުޅުމާއި އެއް ގައުމު އަނެއް ގައުމަށް ކުރާ އިތުބާރުގެ ނިޝާނެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އެގޮތަށް ވިދާޅުވީ، ސިނަމާލެ ބްރިޖު ނިންމައި ހުޅުވިތާ ހަ އަހަރު ފުރުމާއި ގުޅިގެން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. އެ ބްރިޖު އެޅީ ރައީސް މުއިއްޒު، ހައުސިން މިނިސްޓަރަކަށް ހުންނެވި އިރުއެވެ.
ރައީސް ވިދާޅުވީ، އިންޖިނިއަރިންގައި ފާހަގަކޮށްލެވޭ އެ ބްރިޖުން ގުޅުވާލަދަނީ ރާއްޖޭގެ ރަށްތައް އެކަނި ނޫން ކަމަށާއި މިއީ ދެ ގައުމެއްގެ ދެމެދުގައި އޮތް ދެމެހެއްޓެނިވި ގުޅުމާއި އިތުބާރުގެ ނިޝާނެއް ކަމަށެވެ. އަދި މި ބްރިޖަކީ ދެ ގައުމުގެ ކުރިއެރުމާއި އެއްބައިވަންތަކަމާއި ފާގަތިކަމަށްޓަކައި އެކުގައި މަސައްކަތްކުރާނެކަމުގެ ހެއްކެއް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސިނަމާލެ ބްރިޖަކީ ކުރިއަށް އޮތް ޖީލުތަކަށް އެއްބާރުލުން ދިނުމުގެ ނިޝާނެއްގެ ގޮތުގައި އޮތުމަކީ އުއްމީދެއް ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސައްކަތް ފަށައި، އެ ވެރިކަމުގައި މަސައްކަތް ނިންމައި ހުޅުވި ސިނަމާލެ ބްރިޖަކީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް މަޝްރޫއުއެވެ.
އެ މަޝްރޫއުއަށް 200 މިލިއަން ޑޮލަރު ހަރަދުކުރި އިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީއެވެ. އެ މަޝްރޫ އަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރިއެވެ.
ސިނަމާލެ ބްރިޖުގެ ދިގުމިނުގައި ދެ ކިލޯ މީޓަރު އަދި ފުޅާމިނުގައި 20.3 މީޓަރު ހުރެއެވެ. އަދި ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ ތެރެއިން އުސްމިނުގައި 12 މީޓަރު ހުންނަ އުޅަނދުފަހަރަށް ބުރިޖުގެ ދަށުން ދަތުރުކުރެވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު