މާލޭގައި ރޭ ދަންވަރު ތިން ތަނަކަށް ގެއްލުންދީ ވައްކަންކޮށްފިއެވެ.

ފުލުހުން ބުނީ، އަމީރު އަހުމަދު މަގުގައި ހުރި އެ ތިން އިމާރާތަށް ގެއްލުންދީ ވައްކަން ކޮށްފައިވާ މައްސަލައެއް ރިޕޯޓް ކޮށްފައިވާތީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއެވެ.

ރޭ ގެއްލުން ދިން ތިން އިމާރާތުގެ ތެރެއިން ދެ އިމާރާތަކީ އިނާ މޯލްޑިވްސްގެ ދެ އޮފީހެވެ.

އިނާ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު ފޭސްބުކްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޮފީހުން އަގުހުރި އެއްޗެއް ވަގުންނަށް ނުފެނުނު ނަމަވެސް، އެ ތަނާއި ދޮރުގެ ތަޅު އަދި ބައެއް މުދަލަށް ބޮޑެތި ގެއްލުން ދީފައިވާ ކަމަށެވެ.

ވަގުން ވަދެ، އެ ތަނުގައި ހުރި ވަތްގަނޑުތައް ހާވައި، ލިޔެކިޔުންތައް އުކާލާފައި ހުރި މަންޒަރާއި އެ ތަނަށް ވަނުމަށްޓަކައި ތަޅު ހަލާކުކޮށްލާފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް ފިރާގު ވަނީ ހިއްސާކުރައްވައިފައެވެ.