ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ، އެ ތަކެތި އަތުލައިގަތީ މި މަހުގެ 20 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ހަތަރު ޕެކޭޖެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށެވެ. އެ ޕެކޭޖުތަކުގެ ތެރެއިން ފެނުނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި ޕެކިން އާއެކު ޖުމުލަ 666 ގުރާމް ހުރި ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ވަނީ މި މަހުގެ ތެރޭގައި ރާއްޖެ އައި ނެދަލޭންޑްސްގެ ރައްޔިތެއްގެ ލަގެޖުން ވެސް ކެތިނޯން އަތުލައިގެންފައެވެ. އެ ފަހަރު އަތުލައިގެން ހަ ކިލޯގެ މަސްތުވާތަކެތީގެ މަގުމަތީ އަގު 9.1 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް ބުނެއެވެ.