ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލުކުރަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް ފުލުހުން ބަލަމުންދާ މައްސަލައިގައި އަދި އެއްވެސް މީހަކަށް ތުހުމަތު ނުކުރާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކޮށް ފުލުހުން މައްސަލަ ބަލަން ފެށީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމާ ހިލާފަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޓް ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް މިދިޔަ އާދީއްތަ ދުވަހު ނިންމި ނިންމުމާއި ގުޅިގެންނެވެ.
ފުލުހުން މިދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުގެ މަޝްވަރާއާ ހިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ހަމަ އެ ވަގުތު ސޯޝަލް މީޑިއާގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލަން މަގުތަކަށް ނިކުތުމަށާއި އާންމު ހަމަޖެހުން ނަގާލަން ގޮވައި ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދާފައިވާ ކަމަށެވެ. އަދި މިކަމަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެންދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
ހޯމް މިނިސްޓްރީގެ ފަރާތުން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ ބީއެމްއެލްގެ އެ ނިންމުމަކީ ސަރުކާރު ވައްޓާލުމަށް ކުރި ކަމެއްތޯ ތަހުގީގުކުރުމަށް ފުލުހުންނަށް އެންގީ އޭނާ ކަމަށާއި އެއީ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އޭނާއަށް ލިބިދޭ ބާރެއް ކަމަށެވެ. އަދި ފުލުހުން މައްސަލަތައް ބެލުމުގައި އަމަލުކުރާ އެސްއޯޕީއެއް އޮންނާނެ ކަމަށާއި އޭގެ ދަށުން މައުލޫމާތު ހާމަކުރަންޖެހޭ ހިސާބަށް ދިއުމުން ފުލުހުން މައްސަލައިގެ މައުލޫމާތު އާންމު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
"(ސަރުކާރުން ވައްޓާލަން އުޅުނު މައްސަލައިގައި) ތުހުމަތުކުރެވޭ އެއްވެސް މީހެއްގެ ވާހަކަ އަދި ނުހުންނާނެ އެއްވެސް މީހަކު ބުނެފަ. އެކި މީސް މީހުން އިނގިލި ދިއްކުރާ މީހުންނާއި ފުލުހުންނަކާ ނެތެއްނު ކަމެއް. އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑު ފުލުހުންގެ މުއައްސަސާއަށް ޖަވާބުދާރީވާ ވަޒީރެއްގެ ހައިސިއްޔަތުން މި ދަންނަވަނީއޭ ހިނގާދިޔަ ހާލަތްތަކާ ގުޅިގެން ފުލުހުން މި ބަލަނީ މީގެ އެބަ އޮތްތޯ މިފަދަ ކަމެއް ނުވަތަ ނޫންތޯ. އެއްވެސް ބަޔަކު އަދި މިހާތަނަކަށް އެއްވެސް ސިފައެއްގެ ފުލުހުން ނީންނާނެ މިވެނި މީހަކަށް ޝައްކު ކުރެވޭ، މިވެނެ މީހަކު އިންވޯލްވެފަކައޭ ބުނެފައެއް"
އޭނާ ވިދާޅުވީ ބީއެމްއެލްގެ އެ ނިންމުން ވަރަށް އަވަސް އަރުވާލައިގެން ނިންމި ދުވަހު ހަމަ ކުއްލިއަކަށް ސިޔާސީ ޕާޓީއަކުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އެ ނޫސްވެރިންގެ ބައްދަލުވުމަކީ ހަފުތާއެއްހާ ދުވަސް ކުރިން ޑިލޭކުރި ބައްދަލުވުމެއް ކަމަށް ވިޔަސް އިއްތިފާގަކުން އެ ނޫސްވެރިން ބައްދަލުން ބާއްވާފައިވަނީ ބީއެމްއެލް އި އެ ނިންމުން ނިންމި ދުވަހު ކަމަށްވުމަކީ އިއްތިފާގެއް ކަމަށް ބެލެވޭ ތަންކޮޅެއްތޯ އިހުސާން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު