ނަސްލީ ތަފާތުކުރުމުގެ ކަމެއް މެޗުގެ ތެރެއިން، ނޫނީ މެޗު ކުރިއަށްދާ ވަގުތު ސަޕޯޓަރުންގެ ފަރާތުން ހިނގައިފިނަމަ، ރެއާލް މެޑްރިޑްގެ ކުޅުންތެރިން ދަނޑު ދޫކޮށް އެކުގައި ފައިބާނެ ކަމަށް އެޓީމުގެ ބްރެޒިލްގެ ތަރި ވިނީޝިއަސް ޖޫނިއާ ބުނެފިއެވެ.
މިދިޔަ ސީޒަނުގައި ވިނީޝިއަސްއަށް ނަސްލީ ތަފާތުކުރުގެ ގިނަ މައްސަލަތަކެއް ދިމާވެފައިވާ އިރު، މިއަހަރު ކުރީކޮޅުގައި ޕްރެސްއެއްގެ ތެރެއިން އޭނާ ވަނީ ރޮއެފައެވެ. އޭރު ވިނީޝިއަސް ބުނީ ނަސްލީ ގޮތުން ދިމާކުރުންތައް ގިނަވެ، ފުޓުބޯޅަ މަތިން ފޫހިވެފައި ހުރި ކަމަށެވެ. ހާއްސަކޮށް ދުވަހެއް ދުވަހަކަށް ފުޓުބޯޅައާ ދުރަށް ދާން އޭނާއަށް މަޖުބޫރު ކުރުވާ ފަދަ ހާލަތްތަކެއް ކުރިމަތިވަމުންދާ ކަމަށްވެސް އޭނާ ބުންޏެވެ.
ވިނީޝިއަސްއަށް ނަސްލީ ގޮތުން ދިމާކުރި ބައެއް ސަޕޯޓަރުންނަށް މިދިޔަ ސީޒަނުގެ ތެރެއިން ސްޕެއިނުން ފިޔަވަޅުތައްވެސް އަޅާފައިވާ އިރު، ވެލެންސިއާގެ ތިން ސަޕޯޓަރަކަށް އަށް މަހުގެ ޖަލު ހުކުމެއް ވެސް އިއްވާފައިވެއެވެ. އެ ކަންކަމާ އެކު މިހާރު ނިންމާފައި ވަނީ އެފަދަ ކަމެއް ކުރިމަތިވާ ހާލަތެއްގައި މެޗު ދޫކޮށް ފައިބައިގެން ދިޔުމަށް ކަމަށް ވިނީޝިއަސް ވަނީ އިއްޔެ ބުނެފިއެވެ.
"އަހަރެމެން ޖެހޭ މެޗު ދޫކޮށްލާފައި ދާން. އެގޮތަށް އަހަރެން ކުޅެމުންދާ ރެއާލްގެ ޓީމް މޭޓުން ވެސް އަމަލުކުރާނެކަން ޔަގީން. އެއީ ގެންނަން ޖެހޭނެ ބަދަލަކީވެސް. އެ ބަދަލާއެކު ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ތެދުވެވި، އެކަން ހުއްޓަން މަސައްކަތް ކުރެވޭނެ،" ވިނީޝިއަސް ސީއެންއެންއަށް ބުންޏެވެ.
ވިނީޝިއަސް ބުނެފައި ވަނީ މިހާރު އޮތް ހާލަތުން ފުޓުބޯޅައިން ނަސްލީ ތަފާތުކުރުން ބޭރުކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ މެޗުތައް އެހިސާބުން ހުއްޓާލުން ކަމަށާއި އެކަމަށް އެއްބާރުލުން ދޭން ޓީމުތަކުގެ ހުރިހާ ކުޅުންތެރިންވެސް ޖެހޭ ކަމަށެވެ.
ވިނީޝިއަސް ބުނީ ސްޕެއިންގައި ދޭން ފެށި ހަރުކަށި ފިޔަވަޅުތަކާ އެކު މިހާރުވެސް އެތަފާތު ފެންނަ ކަމަށާއި އެއީ ސްޕެއިންގައި ދޭ އަދަބުތައް ވަރުގަދަ ވުމުން ކަމަށެވެ. އަދި ހާއްސަކޮށް މިހާރު އާންމު ތަންތަނުގައާއި ގިނައިން ކެމެރާ އަޅާފައި ހުންނަ ސަރަހައްދުތަކުގައި ވެސް ނަސްލީ ގޮތުން ދިމާކުރުން މަދުވެފައިވާ ކަމަށެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް