ރާއްޖޭގައި ލޭނު މަސްވެރިކަން ކުރަން ހުޅުވައިނުލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލުމަށް ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ޖޫން 13ގައެވެ. ނަމަވެސް މަސްވެރިންގެ ގިނަ ބަޔަކު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ސަރުކާރުގެ އެ ނިންމުން ބަދަލު ކުރުމަށް ގޮވާލައިފައެވެ.
ރައީސް އޮފީހުން ދެންމެ ބުނީ އެ ނިންމުމާ ގުޅިގެން "ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން" ގެ ފަރާތުން ރައީސަށް ހުށަހެޅި ކަންތައްތަކަށް ރިއާރަތްކުރައްވައި، ވަޒީރުން މަޖިލީހުގެ އެ ނިންމެވުމަށް އަމަލު ނުކުރެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ މި ނިންމެވުމާ ގުޅިގެން އިތުރު މަޝްވަރާތައް ކުރެއްވުމަށް، "ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން" އާއި އަދި ކަމާ ގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކާ ވެސް، ވަރަށް އަވަހަށް ރައީސް ބައްދަލުކުރައްވާނެ ކަމަށެވެ.
ރައީސް އޮފީހުން އިތުރަށް ބުނީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އަޑުއަހައިގެން، ރައްޔިތުންގެ އެކި ކަންބޮޑުވުންތަކަށް ރަނގަޅު ހައްލު ހޯދައިދެވޭނެ ގޮތަށް، ސަރުކާރުގެ ސިޔާސަތުތައް އެކަށަ އަޅައި، ހެޔޮ ބަދަލުތައް ގައުމަށް ގެނައުމަށް ކަމަށެވެ.
ލޭނުގެ މަސްވެރިކަމަށް ހުއްދަ ދިނުމަށް ސަރުކާރުން ހުޅުވާލީ ފާއިތުވެދިޔަ އަހަރުތަކުގައި ލޭނުގެ މަސްވެރިކަމުން ލިބުނު ތަޖުރިބާއަށް ބެލުމަށްފަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު